ލޮކްޑައުންއަށް އިތުރު ލުއިތަކެއް ދިނުމާއެކު ބުދަ ދުވަހުން ފެށިގެން މާލޭގައި ވިޔަފާރި މުދާ އުފުލުމުގެ ގަޑިތައް އާންމުކޮށްފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ 1 ޖުލައި 2020 ން ފެށިގެން މާލޭގައި ވިޔަފާރި މުދާ އުފުލުމުގެ ގަޑިތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. އަދި ބުރިޖު މަތިން މުދާ އުފުލުމުގައާއި ކޮންސްޓްރަކްޝަނަށް ބޭނުންވާ ތަކެތި ގަނޑުކޮށް އުފުލުމަށްވެސް ވަކި ގަޑިތަކެއް ހަމަޖައްސާފައިވާ ކަމަށެވެ.
އެގޮތުން މާލެ އަދި ހުޅުމާލޭ ގައި މުދާ އުފުލަށް ހުއްދަ ދީފައިވާ ގޮތްތަކަށް ބަލާއިރު 350 ކިލޯ އިން ފެށިގެން ދަށުގެ ޕިކަޕު 24 ގަޑިއިރު މާލެތެރޭގައި ޑެލިވަރީ ކުރުމާއި ހުރިހާ ބާވަތެއްގެ މުދާ އުފުލޭގޮތަށް ހަމަޖައްސާފައިވެއެވެ. އެގޮތުގެ މަތިން ހެނދުނު 9:00ން ހެނދުނު 11:30ށް އަދި މެންދުރު 1:30ން ހެނދުނު 06:00ށް ހުރިހާ ގިންތިއެއްގެ އުޅަނދުގައި ފެނާއި ގޭސް ފިޔަވާ އެހެނިހެން މުދާ އުފުލޭގޮތަށް ވަނީ ހަމަޖައްސާފައެވެ.
މީގެ އިތުރުން ހެނދުނު 11:30ން މެންދުރު 1:30ށް 350 ކިލޯއިން ފެށިގެން މަތީގެ އެއްވެސް އުޅަނދުގައި މުދާ އުފުލުން ވަނީ މަނާކޮށްފައެވެ. އަދި ހަވީރު 6:00ން ހެނދުނު 6:00ށް ހުރިހާ ގިންތިއެއްގެ އުޅަނދުގައި ފެން އަދި ގޭސް އުފުލޭގޮތަށް ވަނީ ހަމަޖައްސާފައެވެ.
ސިނަމާލެ ބުރިޖު މަތިން މުދާ އުފުލުމަށް ހަމަޖެހިފައިވާ ގޮތްތަކަކީ، ހުޅުމާލެއަށް މުދާ ގެންދިއުމަށް، 2 ޓަނުން ދަށުގެ އުޅަނދަށް 24 ގަޑިއިރު ބުރިޖުމަތިން އުފުލޭ ގޮތަށް ހަމަޖެއްސުމާއި، އަދި މިފަދަ އުޅަނދު ދަތުރު ކުރަން ވާނީ ހަމައެކަނި ބޮޑުތަކުރުފާނު މަގުން ކަމަށް ވަނީ ބުނެފައެވެ. އަދި 2 ޓަނުން މަތީގެ އުޅަނދު ބުރިޖު މަތިން ހަވީރު 6:00ން ހެނދުނު 6:00ށް މުދާ އުފުލޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.
ކޮންސްޓްރަކްޝަނަށް ބޭނުންވާ ތަކެތި ގަނޑުކޮށް އުފުލުމުގައި ބުދަ ދުވަހުން ފެށިގެން އަމަލުކުރަން ޖެހޭނީ މާލެ، ހުޅުމާލެ އަށް ގަނޑުކޮށް އުފުލާ ލަކުޑި، ދަގަނޑު، ހިލަ، ހިލަވެލި، ބިއްލޫރި، ސިމެންތި، ޢިމާރާތް ކުރުމަށް ބޭނުންކުރާ ގާ ފަދަތަކެތި ހަވީރު 6:00ން ހެނދުނު 6:00ށް ހުރިހާ ގިންތިއެއްގެ އުޅަނދުގައި އުފުލޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.