ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުން ދިޔަ 3 މީހުން ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފިއެވެ.
އެޗްޕީއޭއިން ބުނީ މި ތިން މީހުން ދަރުމަވަންތަ ހޮސްޕިޓަލުގައި ކޮވިޑް-19 ގެ ހާލަތު ބޮޑު މީހުންނަށް ފަރުވާ ދެމުން އަންނަ ޑީއެޗް-11ށް ހޯމަ ދުވަހު ބަދަލުކޮށްފައިވާ ކަމަށެވެ. އަދި މި ތިން މީހުންނަކީ ވެސް ހާލު ބޮޑު ބަލި މީހުން ކަމަށާއި، މީގެ ތެރެއިން 2 މީހުންނަށް ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގެ އެހީގައި ކަމަށެވެ.
މި ތިން މީހުންގެ ތެރޭގައި ހިމެނެނީ އުމުރުން ދުވަސްވީ 2 މީހުންނާއި ޒުވާނެކެވެ. އަދި މި 3 މީހުންނަށް ވެސް ގާތުން ފަރުވާ ދެމުން އަންނަ ކަމަށް އެޗްޕީއޭއިން ބުނެއެވެ. ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އެޑްމިޓް ކޮށްގެން 12 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.
މިހާތަނަށް ރާއްޖޭގައި 2324 މީހަކަށް ވަނީ ކޮވިޑް ޖެހިފައެވެ. އަދި މީގެ ތެރެއިން 1911 މީހަކު ބަލިން ފަސޭހަވެފައިވާ އިރު ފަރުވާ ދެމުން އަންނަނީ 400 މީހުންނަށެވެ. ކޮވިޑް-19 ޖެހިގެން މިހާތަނަށް ރާއްޖޭގައި ނިޔާވެފައިވަނީ 8 މީހެކެވެ. މީގެ ތެރޭގައި ހިމެނެނީ 4 ދިވެހިންނާއި 4 ބިދޭސީންނެވެ.
އެޗްޕީއޭއިން އާންމުކޮށްފައިވާ މައުލޫމާތުތައް ދައްކާގޮތުން އާދީއްތަ ދުވަހު ކޮވިޑް-19ށް ޕޮޒިޓިވްވީ 14 މީހުންނެވެ. އަދި 35 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ. ބަލިން ފަސޭހަވި މީހުންގެ ނިސްބަތް ވަނީ 82.26 އިންސައްތައަށް މަތިވެފައެވެ.
ރާއްޖޭގައި ކޮވިޑް-19 ފެތުރުނުތާ ހޯމަ ދުވަހަށް 114 ދުވަސް ވެފައިވާ އިރު މާލެއިން އެންމެ ފުރަތަމަ ކޭސްއެއް ފެނުނުތާ މިއަށް 76 ދުވަސް ވަނީ ވެފައެވެ. މިހާތަނަށް ރާއްޖޭގައި ކޮވިޑް-19ށް 48،603 ސާމްޕަލްވަނީ ނަގާ ޓެސްޓް ކޮށްފައެވެ. އައިސޮލޭޝަންގައި މިވަގުތު 311 މީހަކު ތިބި އިރު ކަރަންޓީން ފެސިލިޓީގައި 226 މީހަކު އެބަތިއްބެވެ.
ރާއްޖޭގެ ޕްރައިމަރީ ކޮވިޑް ޓްރީޓްމަންޓް ސެންޓަރުގެ ގޮތުގައި ބޭނުން ކުރަމުން އައި ޓްރީ ޓޮޕް ހޮސްޕިޓަލް، އަންނަ ޖުލައި މަހުން ފެށިގެން އާންމު ހާލަތަށް ގެނައުމަށް ވަނީ ނިންމާފައެވެ. އަދި އެ ހޮސްޕިޓަލާއެކު މެއި މަހުގެ ތެރޭގައި ހެދުނު ތިން މަހުގެ އެއްބަސްވުން އުވާލަން ނިންމި ސަބަބެއް މިހާތަނަށް ސަރުކާރުން ހާމަކޮށްފައެވެ ނުވެއެވެ.