ފުލުހުންގެ ޚިދުމަތުގެ ބިލުގެ މަސައްކަތް އަންނަ ޖުލައި 15 ވަނަ ދުވަހުގެ ކުރިން ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީން) ބުނެފިއެވެ.
ބުދަ ދުވަހު މަޖިލިސް އިދާރާގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން 241 ކޮމިޓީގެ މުޤައްރިރު އަދި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ، ފުލުހުންގެ ޚިދުމަތުގެ ބިލު ކޮމިޓީއަށް ލިބިފައިވާ ކަމަށާއި، ކޮމިޓީ ބައްދަލުވުމެއް ބާއްވައި މިހާރު ނިންމާފައިވަނީ އަންނަ ޖުލައި މަހުގެ 15 ވަނަ ދުވަހުގެ ކުރިން ބިލުގެ މަސައްކަތްތައް ނިންމާލުމަށް ކަމަށެވެ. އެގޮތުން ސަބް ކޮމިޓީއެއްވެސް އެކުލަވާލައި، ބިލުގެ މަސައްކަތްތައް ގެންދާނެ ގޮތުގެ އޮނިގަނޑެއް ރާވާފައިވާކަން އަސްލަމް ފާހަގަ ކުރެއްވިއެވެ.
އަސްލަމް ވިދާޅުވީ، މި ބިލަށް ހިޔާލު ހޯދަން ވެސް ހުށައަޅާފައިވާ ކަމަށާއި، ދައުލަތުގެ މުއައްސަސާތަކާއި ބައްދަލުކޮށް މަޝްވަރާ ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އެގޮތުން ކުރިއަށް އޮތް 10 ދުވަސް ތެރޭގައި މި ބިލާ ގުޅުންހުރި 25 މުއައްސަސާއެއްގެ ކަމާބެހޭ ފަރާތްތަކާ ބައްދަލުކޮށް، މަޝްވަރާ ކުރުމަށް ނިންމާފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.
ފުލުހުންނަކީ ދައުލަތުގައި ވަރަށް މުހިއްމު ރޯލެއް އަދާކުރާ ބައެއްކަން ފާހަގަ ކުރައްވައި މެމްބަރު އަސްލަމް އިތުރަށް ވިދާޅުވީ، މި ބިލުގައި ފުލުހުންނާ ގުޅުން ހުރި ގިނަ ޙައްޤުތަކެއްގެ ވާހަކަ ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ޤާނޫނޫގެ ތެރެއިން ފުލުހުން ޖަވާބުދާރީ ކުރުވުމުގެ ކަންކަންވެސް އިތުރަށް ހަރުދަނާ ކުރެވިގެންދާނެކަން އަސްލަމް ފާހަގަ ކުރެއްވިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސަރުކާރުގެ ފަރާތުން މަޖިލީހަށް މި ބިލު ހުށައެޅުއްވި މެމްބަރު ހަސަން ލަތީފް ވިދާޅުވީ، މި ބިލުގެ އެންމެ މުހިއްމު އެއް މަޤްސަދަކީ ޒަމާނީ ފުލުހުންގެ ޚިދުމަތެއް ރާއްޖޭގައި ތައާރަފު ކުރުން ކަމަށެވެ. އެގޮތުން ބިލުގެ ކޮންމެ މާއްދާއެއްވެސް އެކުލަވާލާފައިވަނީ އެ މަޤްސަދު ޙާސިލު ކުރުމަށް ކަމަށް މެމްބަރު ހަސަން ލަތީފް ވިދާޅުވިއެވެ.
އޭގެ އިތުރުން، ބިލު ޤާނޫނަކަށް ވެގެންދާ ހިސާބުން ފުލުހުންގެ ޚިދުމަތުގެ އޮނިގަނޑަށް ވެސް ބޮޑެތި ބަދަލުތަކެއް އަންނަކަން ފާހަގަ ކުރައްވައި މެމްބަރު ހަސަން ލަތީފް ވިދާޅުވީ، މި ބިލު ޤާނޫނަކަށް ވުމުން ލާމަރުކަޒީ އުސޫލުން ފުލުހުންގެ ޚިދުމަތްތައްވެސް ބައްޓަންވެގެން ދާނެ ކަމަށެވެ. އަދި ފުލުހުންގެ މުއައްސަސާއަކީ މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި މަދަނީ ޚިދުމަތެއް ދޭ ތަނެއްގެ ގޮތުގައި ކަނޑައެޅުން ބިލުގެ މަޤްސަދުތަކުގެ ތެރޭގައި ހިމެނޭކަން މެމްބަރު ފާހަގަ ކުރެއްވިއެވެ.