އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ސްޕެޝަލް އެޑްވައިޒަރު ކަމުގެ މަގާމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ހަމަޖައްސަވައިފިއެވެ.
ކުރީގެ ރައީސް ޑރ. ވަހީދު ވަނީ 2012 ވަނަ އަހަރު، އެއިރުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަޢާވާތަކުން ވައްޓާލުމުން، އެމަނިކުފާނުގެ ނައިބު ރައީސްކަމުގެ މަގާމުގައި ހުނެނެވުމަށްފަހު ރައީސް ކަމަށް ވަޑައިގެންފައެވެ. އަދި ވެރިކަން ނިމުމަށްފަހު އަމިއްލަފުޅު ގައުމީ އިއްތިހާދު ޕާޓީ ދޫކުރައްވާ ޕީޕީއެމަށް ސޮއިކުރައްވާފައެވެ.
އިދިކޮޅު ކޯލިޝަންގެ ސްޕެޝަލް އެޑްވައިޒަރު ކަމުގެ މަގާމް ދެއްވާފައިވަނީ ޕީޕީއެމުން އާދީއްތަ ދުވަހުގެރޭ ބޭއްވި ކައުންސިލް ބައްދަލުވުމުގައި އެކަމަށް މަޝްވަރާ ކުރެއްވުމަށްފަހުގައެވެ. އަދި ހޯމަ ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަން ވަނީ ރަސްމީކޮށް އިއުލާންކޮށްފައެވެ.
ޑރ. ވަހީދަށް ޕީޕިއެމްގެ ސްޕެޝަލް އެޑްވައިޒަރުކަން ދެއްވާފައިވަނީ ޕީޕީއެމްގެ ހަރަކާތްތައް އިތުރަށް ވަރުގަދަ ކުރުމަށެވެ.
މަނީލޯންޑަރިންގެ ކުށް ސާބިތުވެ, އިދިކޮޅު މައި ޕާޓީ ޕީޕީއެމްގެ ލިޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުންނެވީ ޖަލުގައެވެ. އަދި މިހާރު ޕީޕީއެމްގެ ހިންގުމުގައި އިސްކޮށް ތިއްބެވީ ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫނާއި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް އަދި ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒެވެ.
ރައީސް ޑރ. ވަހީދު ޕީޕީއެމާއި ގުޅިވަޑައިގެންނެވީ 2014 ވަނަ އަހަރުއެވެ. 2013 ވަނަ އަހަރު އެމަނިކުފާނު ރިޔާސީ ރޭހުގައި ވާދަކުރެއްވިއެވެ. ނަމަވެސް އެމަނިކުފާނަށް އެއިރު ލިބިވަޑައިގެންނެވީ ވޯޓުލީ މީހުންގެ 5 އިންސައްތައެވެ.