2019 ވަނަ އަހަރު އޮކްޓޯބަރ ނޮވެންބަރ ގައި އޯލެވެލް އިމްތިޙާން ހެދި ދަރިވަރުންގެ ސެޓްފިކެޓްތައް ސްކޫލްތަކަށް ފޮނުވަން ފަށައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ އޯލެވެލް ސެޓްފިކެޓްތައް ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސްއަށް ލިބިފައިވާ ކަމަށެވެ. އެހެން ކަމުން ސްކޫލްތަކަށް ސެޓްފިކެޓް ފޮނުވުމުގެ މަސައްކަތް ފެށިފައިވާ ކަމަށެވެ. އަދި ސްކޫލްތަކަށް ލިބުނުހާ އަވަހަށް ދަރިވަރުންނަށް ދޫކުރުމުގެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ މައުލޫމާތު ދީފައެވެ.
މީގެއިތުރުން، 2019ވަނަ އަހަރު އޮކްޓޯބަރ ނޮވެންބަރގައި، އޭލެވެލް އިމްތިޙާން ހެދި ދަރިވަރުންގެ ސެޓްފިކެޓްތައް ސްކޫލްތަކަށް ފޮނުވުމުގެ މަސައްކަތްވެސް ކުރިއަށްދާއިރު ބައެއް ސްކޫލްތަކަށް، މިހާރު ސްޓެފިކެޓްތައް ލިބިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. އަދި އެއްވެއުޅުން މަނާކުރެވިފައިވާ މިހާލަތުގައި ޖިސްމާނީ ގައިދުރުކުރެވޭނެ ގޮތުގެ މަތިން ސްކޫލްތަކުން ދަރިވަރުންނަށް ސެޓްފިކެޓްތައް ދޫކުރާއިރު ޢަމަލުކުރަންޖެހޭ ގޮތުގެ އުސޫލު ސްކޫލްތަކާއި ވަނީ ހިއްސާކުރެވިފައެވެ.
އޭލެވެލް އަދި އޯލެވެލް ސެޓްފިކެޓްތަކަކީ އެ ޔުނިވާސިޓީތަކުން ޕްރިންޓްކޮށް ސީލްޖަހައިގެން ސެންޓަރުތަކަށް ފޮނުވާ އެއްޗެކެވެ. އަދި ސެޓްފިކެޓްތައް ޕްރިންޓްކުރާނީ ރީޗެކް މަރުހަލާނިމި ދަރިވަރުންގެ ނަތީޖާތައް ކަށަވަރުވީމައެވެ. މި މަރުހަލާ ނިމި ސެޓްފިކެޓްތައް ފޮނުވުމާއި ހަމައަށް އައިއިރު ކޮވިޑް-19ގެ ސަބަބުން އިނގިރޭސިވިލާތާއި އަދި އެހެން ގިނަ ޤައުމުތަކުގެ އެއާރޕޯޓްތައް ބަންދުކޮށް އެ ޤައުމުތައް ލޮކްޑައުން ކުރުމުގެ ސަބަބުން ސެޓްފިކެޓްތައް ލިބުމުގައި ދަތިތަކެއް ދިމާވެ ރާއްޖެއާއި ހަމަޔަށް ގެނެއުމުގައި ގޮންޖެހުންތައް ދިމާވި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.
ސެޓްފިކެޓްތައް ނުލިބި ލަސްވެފައިވަނީ އިމްތިޙާނުތައް ފޯރުކޮށްދޭ މައިމަރުކަޒުތަކުން ސެޓްފިކެޓްތައް ފޮނުވުމުގައި ދިމާވި ދަތިތަކެއްގެ ސަބަބުންނެވެ.
އެޑިއުކޭޝަނުން ބުނީ ސެޓްފިކެޓް ލިބުމުގެ ކުރިން މަތީ ތަޢުލީމުގެ ފުރުޞަތަށް އެދި ހުށަހަޅަން ބޭނުންވެއްޖެނަމަ، މިހާރު ދޫކޮށްފައިވާ ނަތީޖާ ޓްރާންސްކްރިޕްޓް ބޭނުންކުރެވިދާނެ ކަމަށެވެ. އަދި ނަތީޖާގެ ކަށަވަރުކަން ޔަޤީންކުރުމަށް އިތުރުލިޔުމެއް ބޭނުންވާނަމަ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްއަށް އެކަމަށް އެދި ހުށައެޅުމުން އެފަދަ ލިޔުމެއް ލިބޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.