ވެނުޒުއެލާގެ އިދިކޮޅު ލީޑަރު ހެންރީކޭ ކަޕްރިލަސް 15 އަހަރު ދުވަހަށް ސިޔާސީ އެއްވެސް ކަމެއްގައި ބައިވެރި ނުވެވޭ ގޮތަށް ހެދުމުން އިދިކޮޅު ފަރާތްތަކުން މުޒާހާރާ ކުރަން ފަށައިފިއެވެ.
ހެންރިކޭއަށް އިދިކޮޅު ސިޔާސީ އެއްވެސް ހަރަކާތެއްގައި ބައިވެރި ނުނެވޭ ގޮތަށް ނިންމާފައިވަނީ މިދިއަ ހަފްތާގެ ތެރޭގައެވެ.
މި ނިންމުމާއި ގުޅިގެން އެތައް ހާސް ބަޔަކު ވަނީ ވެނުޒުއެލާގެ ކަރަކަސްގެ މަގުތައް ފުރާލާފައެވެ.
މަގުތަކަށް ނުކުމެފައިވާ އިދިކޮޅު ފަރާތްތަކުން ހަމަ ނުޖެހުން ހިންގާ ސަރުކާރުގެ އިމާރާތްތަކަށް ގެއްލުމެއް ދިނުމުގެ ކުރިން އެއްވުންތައް ރޫޅާލުމަށް ފުލުހުންވަނީ ކަރުގޭސް ބޭނުންކޮށްފައެވެ.
ކަރަސްގެ މަގުތަކަށް އެއްވެފައިވާ މީހުން މައިތިރި ކުރުމަށް ކަރުގޭސް ޖަހާފައިވާ އިރު، ސަން ކްރިސްޓިބާލްގެ މަގުތައް މައިތިރި ކުރުމަށް ފުލުހުން ވަނީ ރަބަރު ވަޒަން ބޭނުންކޮށްފައެވެ.
މަގުތަކަށް އެއްވެ މުޒާހަރާ ކުރަމުންދާ ފަރާތްތަކުން ވަނީ އިދިކޮޅު ލީޑަރަށް ސިޔާސީ ހަރަކާތްތަކުގައި ބައިވެރި ނުވެވޭ ގޮތަށް ނިންމާފައި ނިންމުން އަބުރާ ގެންދިޔުމަށް ގޮވާލާފައެވެ.
ސިޔާސީ ހަމަ ނުޖެހުންތަކުގެ ސަބަބުން އިޤްތިސާދު އަޑި އަޅާލާފައިވާ ވެނުޒުއޭގައި ތަކެތި އަގުބޮޑު ވުމުވާއި އެގައުމުގެ އިންފްލޭޝަން މައްޗަށް ދިޔުމުގެ އެތައްކަމެއް ވަނީ ކުރިމަތި ވެފައެވެ.
އިދިކޮޅު ފަރާތްތަކުން ބުޏާ ގޮތުގައި މި ނިންމުމަކީ ވެނުޒުއެލާގައި ހުދުމުހުތާރު ވެރިކަމެއް ޤާއިމްކުރަން މަސައްކަތްކުރާ ކަމުގެ ހެއްކެތްކަމަށެވެ.
ސިޔާސީ ހަރަކާތްތެއްގައި 15 އަހަރުވެސް ބައިވެރިނުވެވޭ ގޮތަށް ކަނޑައަޅާފައި އިދިކޮޅު ލީޑަރު ހެންރީކޭ އަކީ އަންނަ އަހަރު އޮންނަ ވެނުޒުއޭލާގެ ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީސް މުޑޫރޯ ބަލިކުރެވޭނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ކެންޑިޑޭޓެވެ.