ކޯވިޑް-19 ޕެންޑަމިކްގައި ޞިއްޙީ ކުއްލި ޙާލަތުގައި ވައިގެ މަގުންނާއި ކަނޑުގެ މަގުން ބަލިމީހުން އެއްރަށުން އަނެއްރަށަށް އުފުލުމުގައި ޢަމަލުކުރަންވީ ގޮތުގެ އުސޫލު އާންމުކޮށްފިއެވެ.
އެޗްޕިއޭއިން ބުނީ ކޮވިޑް-19އާ ގުޅިގެން މާލެ ލޮކްޑައުންއަށް ދިއުމުން މެޑިކަލް އިމަރޖެންސީގައި އެއްރަށުން އަނެއްރަށަށް ދަތުރުކުރުމުގައި ވަކި އުސޫލުއްގެ ދަށުން ޢަމަލު ކުރުމަކީ މިބަލި ފެތުރުން ހުއްޓުވުމަށްޓަކައި އެޅޭ ވަރަށް މުހިއްމު ފިޔަވަޅެއް ކަމަށެވެ. މެޑިކަލް އިމަރޖެންސީގައި ބަލި މީހަކު އެއްރަށުން އަނެއްރަށަށް ވައިގެ މަގުންނާއި ކަނޑުގެ މަގުން އުފުލާ އުޅަނދުތަކުގައި ވަކި ޝަރުތުތަކެއް ހުންނަން ޖެހެއެވެ.
އާންމު ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ:
- ވައިގެ މަގުން ދަތުރުކުރާ އުޅަނދެއްނަމަ ސިވިލް އޭވިއޭޝަންގެ ޤަވާޢިދުތަކާއި އުސޫލުތަކާ އެއްގޮތަށް އުޅަނދުގެ ސަލާމަތީ ކަންތައްތައް ފުރިހަމަކޮށްފައި ހުރުން
- ކަނޑުގެ މަގުން ދަތުރުކުރާ އުޅަނދެއްނަމަ ޓްރާންސްޕޯޓު އޮތޯރިޓީގެ ގަވާޢިދުތަކާއި އުސޫލުތަކާއެއް ގޮތަށް އުޅަނދުގެ ސަލާމަތީ ކަންތައްތައް ފުރިހަމަކޮށްފައި ހުރުން
- ފެން ނުވަތަ ކާބޯތަކެތި ފޯރުކޮށްދޭނަމަ ދަތުރުވެރިން އުޅަނދަށް އެރުމުގެ ކުރިން ސީޓްކުރިމަތީ ޕޮކެޓްގައި ނުވަތަ ސީޓް މަތީގައި އެތަކެތި ބެހެއްޓޭނެ އިންތިޒާމް ހަމަޖެއްސުން
- ދަތުރުގެ ސަލާމަތީ ކަންކަމާ ގުޅޭ މަޢުލޫމާތު ކަރުދާސް ފިޔަވައި އެހެނިހެން މަޢުލޫމާތު ކަރުދާސް ދަތުރުވެރިންނަށް އަމާޒުކޮށް ނުބެހެއްޓުން. މިގޮތަށް ކަރުދާސް ބަހައްޓަން ޖެހިއްޖެނަމަ ލެމިނޭޓްކޮށްފައި ބެހެއްޓުން. އަދި ކޮންމެ ދަތުރަކަށްފަހު އެތަކެތި ސެނިޓައިޒް ކުރުން. މިފަދަ މަޢުލޫމާތުތައް ޑިޖިޓަލްކޮށް ބެހެއްޓުން އެދެވިގެންވޭ
- ބަލިމީހާގެ އެހީތެރިޔާއާ ޞިއްޙީ ޚިދުމަތްތެރިޔާ ސަރޖިކަލް މާސްކް އެޅުން. އަދި ބަލިމީހާ މާސްކްއެޅޭ ޙާލަތުގައި އޮތްނަމަ ސާރޖިކަލް މާސްކް އެޅުވުން. ބަލިމީހާ އެހީތެރިވުމުގައި ބަލިމީހާއާ ގާތުން އެހީވާ މީހުން ވެސް ސަރޖިކަލް މާސްކު އެޅުން
- އުޅަނދަށް އަރާފައިބާއިރު އަތް ޑިސްއިންފެކްޓު ކުރުމަށްޓަކައި އަތްދޮވެވޭނެ އިންތިޒާމް ހަމަޖެއްސުން ނުވަތަ ހޭންޑް ސެނިޓައިޒަރ އުޅަނދުގައި ބެހެއްޓުން
ސިއްހީ ކުއްލި ހާލަތެއްގައި ބަލި މީހުން ކަނޑު ހުރަސްކޮށް އުފުލުމުގެ ސީޕްލޭން ބޭނުން ކުރާނަމަ، ސީޕްލޭންގައި ވެސް އަމަލުކުރަން ޖެހޭ އުސޫލުތައް މީގެ ތެރޭގައި ހިމެނެއެވެ. އެގޮތުން ސީޕްލޭނެއް ނަމަ ބަލިމީހާއާއި އޭނާގެ އެހީތެރިޔާ އަދި އޭނާއާ އެކު ދަތުރުކުރާ ޞިއްޙީ ޚިދުމަތްތެރިޔާގެ އިތުރުން އެހެން އެއްވެސް މީހަކު ދަތުރު ނުކުރުމަށް ވަނީ އަންގާފައެވެ. އަދި ބަލިމީހާ ބައިންދަންވާނީ ނުވަތަ ބާއްވަންވާނީ އުޅަނދުގެ ފަހަތު ސީޓު ސީޓުތަކުގައި ކަމަށް މި އުސޫލުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން ޕައިލެޓުންނާއި ކްރޫއިން އަދި އެކީގައި ދަތުރުކުރާ ޞިއްޙީ ޚިދުމަތްތެރިޔާ ސަރޖިކަލް މާސްކް ބޭނުން ކުރަން ޖެހެއެވެ. އަދި ބަލިމީހާގެ ހާލުބޮޑުވެ އޮކްސިޖަން ގުޅާފައިވާނަމަ ނުވަތަ އިންޓިޔުބޭޓް ކޮށްފައިވާނަމަ އެން-95 މާސްކު ބޭނުން ކުރުމާއި، ޑިސްޕޯޒަބަލް އޭޕްރަން، ގޮގްލްސް، ސަރޖިކަލް ގްލަވްސް (ބަލިމީހާ ގާތުން އެހީތެރިވާ ޞިއްޙީ ޚިދުމަތްތެރިޔާ ނުވަތަ ގޮޑު ފަދައެއްޗެއް ނުވަތަ ފާޚާނާ ސާފުކުރާނަމަ އެމީހާ) ބޭނުން ކުރަން ޖެހެއެވެ.
މި އުސޫލުގެ ދަށުން މަތިންދާބޯޓުގައި ބަލިމީހާއާއި އެހީތެރިޔާއާއި އެކީގައި ދަތުރުކުރާ ޞިއްޙީ ޚިދުމަތްތެރިޔާގެ އިތުރުން އެހެން ދަތުރުވެރިން ދަތުރު ކުރާނަމަ ބަލިމީހާ ބައިންދަންވާނީ ނުވަތަ ބާއްވަންވާނީ ބޯޓުގެ ފަހަތު ސީޓު ސީޓުތަކުގައެވެ. އަދި ބަލިމީހާ އިންނަ ސީޓު ނުވަތަ އޮންނަ އޭރިއާގެ ވަށައިގެން ކޮންމެ ފަރާތަކުން ދެ ސީޓުވާގޮތަށް އެއްވެސް ދަތުރުވެރިޔަކު ނާރުވާ ހުސްކޮށް ބެހެއްޓުން ނުވަތަ އެހެން ދަތުރުވެރިންގެ ސީޓާ ބަލިމީހާއާއި ދެމެދު 6 ފޫޓު ދުރުމިން ބަހައްޓަންޖެހެއެވެ.
ބޯޓަށް އަރާފައިބާއިރު އަތް ޑިސްއިންފެކްޓު ކުރުމަށްޓަކައި ހޭންޑް ސެނިޓައިޒަރ ބޯޓުގައި ބަހައްޓަން ޖެހެއެވެ. އަދި ދަތުރުވެރިން ބޯޓަށް އަރުވާނީ ބަލިމީހާއާއި އެހީތެރިޔާއާއި އެކީގައި ދަތުރުކުރާ ޞިއްޙީ ޚިދުމަތްތެރިޔާ އަށްވުރެ ކުރިން އަދި ބަލިމީހާއާއި އެހީތެރިޔާއާއި އެކީގައި ދަތުރުކުރާ ޞިއްޙީ ޚިދުމަތްތެރިޔާ ދަތުރުވެރިންނަށް ވުރެ ކުރިން ބާލަންޖެހޭ ކަމަށް މި އުސޫލުގައި ބުނެފައިވެއެވެ.
ކަނޑުމަގުން ދަތުރުކުރާނަމަ، ބަލިމީހާ އުފުލާ ކަނޑު އުޅަނދު ހުންނަން ވާނީ ވައިދުއުރުވާ ގޮތަށް އަދި ބަލިމީހާއާއި އެކީގައި ދަތުރުކުރާ އެހީތެރިޔާއާއި ޞިއްޙީ ޚިދުމަތްތެރިން ތިބެންވާނީ އުޅަނދުގެ ފަހަތު ސީޓުގައި ކަމަށް ބުނެފައިވެއެވެ. އަދި ބަލިމީހާ އިންނަ ސީޓު ނުވަތު އޮންނަ އޭރިއާގެ ވަށައިގެން ކޮންމެފަރާތަކުން ދެ ސީޓުވާގޮތަށް އެއްވެސް ދުތުރުވެރިޔަކު ނާރުވާ ހުސްކޮށް ބެހެއްޓުމާއި، އުޅަނދުގައި ދަތުރުކުރާ އެންމެން މާސްކް އަޅަންޖެހޭ ކަމަށް ބުނެފައިވެއެވެ.
އަދި ބަލިމީހާއާއި އެހީތެރިޔާއާއި އެކީގައި ދަތުރުކުރާ ޞިއްޙީ ޚިދުމަތްތެރިޔާ އަށްވުރެ ކުރިން އެހެން ދަތުރުވެރިން ބޯޓަށް އަދި ބަލިމީހާއާއި އެހީތެރިޔާއާއި އެކީގައި ދަތުރުކުރާ ޞިއްޙީ ޚިދުމަތްތެރިޔާ ދަތުރުވެރީންނަށް ވުރެ ކުރިން ބޭލުމަށް ވަނީ އިރުޝާދު ދީފައެވެ.
މި އުސޫލުގައި ބުނެފައިވަނީ ކޮންމެ ދަތުރެއް ފެށުމުގެ ކުރިންނާއި ކޮންމެ ދަތުރެއް ނިމުމުން އުޅަނދު ރަނގަޅަށް ސާފުކުރުމާއި، އަތްގަނޑާއި، ހުންގާނު ފަދަ ގިނައިން އަތްލެވޭ ތަންތަން ސާފުކޮށް ޑިސްއިންފެކްޓް ކުރުމާއި، މަތިންބޯޓުފަދަ އުޅަނދުތައް އަޔާޓާގެ އުސޫލުތަކާއި އެއްގޮތަށް ސާފުކޮށް ޑިސްއިންފެކްޓު ކުރަން ޖެހޭނެ ކަމަށް ބުނެފައިވެއެވެ.