ބޮލީވުޑްގެ ތަރި ސުޝާންތް ސިންގް ރާޖްޕުތްގެ މަރު ވެގެން ގޮސްފައިވަނީ މުޅި އިންޑިއާއަށް ލިބިގެންދިޔަ ކުއްލި ހައިރާން ކަމަކަށެވެ. މި ހިނގާ ޖޫން މަހުގެ 14ގައި ސުޝާންތް އަމިއްލައަށް މަރުވެފައި ހުއްޓާ ފެނިގެން ގޮސްފައިވަނީ އެނާ މުމްބާޢީގެ ބާންދްރާގައި ހުންނަ އޭނާ އުޅޭ ގޭގައެވެ.
ސުޝާންތް މަރުވުމާއި ގުޅިގެން މުމްބާއި ފުލުހުން ވަނީ އޭނާގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންގޮސް ޕޯސްޓް މޯޓަމް ހަދާފައެވެ. އެންމެ ފަހުގެ ރިޕޯޓްތައް ބުނާގޮތުން ސުޝާންތްގެ ދައްތަ އާއި އޭނާގެ މެނޭޖަރ ބުނެފައިވަނީ ފުލުހުންނަށް މައުލޫމާތު ދީފައިވާ ގޮތުގައި ސުޝާންތް ދަނީ ޑިޕްރެޝަން އާއި ކުރިމަތިލަމުންނެވެ. އަދި އޭނާގެ ގެއިން އެންޓި ޑިޕްރެޝަން ޕިލްސް ފެނިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ސުޝާންތް މަރުވިއިރު ޑިޕްރެޝަނަށް ބޭސްކެއުން އޭނާ ހުއްޓާލާފައިވާ ކަމަށް ފުލުހުންނާއި ހަވާލާދީ ރިޕޯޓްތައް ބުނެއެވެ. އޭނާ އަމިއްލައަށް މަރުވިނަމަވެސް "ސުއިސައިޑް ނޯޓެއް" އަދި މިހާތަށް ފެނިފައި ނުވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ސުޝާންތް އެކްޓިންގެ ދާއިރާއިން ފުރަތަމަ ފެނިގެން ގޮސްފައިވަނީ ސްޓަރ ޕްލަސް އިން ދެއްކި "ކިސް ދޭޝް މެހޭ މެރާ ދިލް" އިންނެވެ. އޭނާ ބެލުންތެރިންގެ މެދުގައި މަޝްހޫރު ވެގެން ގޮސްފައިވަނީ ޒީ ޓީވީން ދެއްކި މަޤްބޫލު ޑްރާމާ "ޕަވިތްރާ" އިންނެވެ. ސުޝާންތް ބޮލީވުޑަށް ތަޢާރަފް ވެގެން ގޮސްފައިވަނީ 2013 ވަނަ އަހަރު "ކައި ޕޯ ޗޭ" އިންނެވެ. ފާއިތުވި ހަތް އަހަރު ދުވަހުގެ ތެރޭގައި އޭނާ ވަނީ ކާމިޔާބު ފިލްމްތަކުން ފެނިގެން ގޮސްފައެވެ.