ކ. މާލެ
|
17 ޖޫން 2020 | ބުދަ 18:44
ރާއްޖޭގައި ހަރަކާތްތެރިވާ އދގެ އެޖެންސީތަކާއެކު ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ބޭއްވެވި ބައްދަލުވުމުގެ ތެރެއިން
ރާއްޖޭގައި ހަރަކާތްތެރިވާ އދގެ އެޖެންސީތަކާއެކު ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ބޭއްވެވި ބައްދަލުވުމުގެ ތެރެއިން
ފޮރިން މިނިސްޓްރީ
މިނިސްޓަރ ޝާހިދުގެ ބައްދަލުވުން
އދގެ އެޖެންސީތަކުން ރާއްޖެއަށް އިތުރު އެހީ ދެނީ
މިހާލަތުގައި އދ އާއި އދގެ އެކި ގުނަވަންތަކުން ރާއްޖެއަށް ފޯރުކޮށްދެމުންދާ އެހީތެރިކަމަށް މިނިސްޓަރ ޝުކުރު އަދާކުރެއްވި
ކެތަރިން ހެސްވަލް ވަނީ ސަރުކާރަށް އދގެ ފަރާތުން ބޭނުންވާ އެހީތެރިކަން ފުރިހަމައަށް ފޯރުކޮށްދެއްވާނެކަމުގެ ޔަޤީންކަން އަރުވާފަ
ކޮވިޑް-19 އާ ގުޅިގެން ދިވެހި ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް އދގެ އެޖެންސީތަކުން ވަނީ ތައުރީފްކޮށްފަ

ރާއްޖޭގައި ހަރަކާތްތެރިވާ އދގެ އެޖެންސީތަކުން، ކޮވިޑް-19 އާ ގުޅިގެން ކުރިއަށް އޮތްތަނުގައި ފޯރުކޮށްދޭން ނިންމާފައިވާ އެހީތައް ފޮރިން މިނިސްޓަރާއި ހިއްސާ ކުރައްވައިފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ ރާއްޖޭގައި މަސައްކަތްކުރާ އދގެ ހުރިހާ އެޖެންސީއަކާ މިނިސްޓަރ ޝާހިދު ބައްދަލުކުރައްވާފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭގައި ހަރަކާތްތެރިވާ އދގެ އެޖެންސީތަކުން ވަނީ ކޮވިޑް-19އާ ގުޅިގެން އެ އެޖެންސީތަކުން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު މިނިސްޓަރ ޝާހިދަށް އަރުވައި، ކުރިއަށް އޮތްތަނުގައި ފޯރުކޮށްދޭން ނިންމާފައިވާ އެހީތަކާ ގުޅޭގޮތުންވެސް މައުލޫމާތު ހިއްސާކުރައްވާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މިނިސްޓަރ ޝާހިދު ބޭއްވެވި މި ބައްދަލުވުމުގައި ކޮވިޑް-19 އާ ގުޅޭ ގޮތުން އެޖެންސީތަކާއެކު މަޝްވަރާކުރައްވައި، މިހާލަތުގައި އދ އާއި އދގެ އެކި ގުނަވަންތަކުން ރާއްޖެއަށް ފޯރުކޮށްދެމުންދާ އެހީތެރިކަމަށް ޝުކުރު އަދާކުރެއްވިއެވެ. އަދި މި ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ މުހިއްމު ތަނބުތައްކަމަށްވާ އިންސާނީ ހައްޤުތަކާއި، ޑިމޮކްރަސީ އަދި މޫސުމީ ބަދަލުތަކާ ބެހޭ ގޮތުންވެސް އެޖެންސީތަކާއެކު މިނިސްޓަރ ޝާހިދު މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުވުމުގައި ކޮވިޑް-19އާ ގުޅިގެން ސަރުކާރުން މިހާރު އަޅަމުންދާ ފިޔަވަޅުތަކާ ގުޅޭ ގޮތުންނާއި، ކުރިއަށް އެޅުމަށް ރާވަމުންދާ ފިޔަވަޅުތަކާ ގުޅޭ ގޮތުން މިނިސްޓަރ ޝާޙިދު ވަނީ މައުލޫމާތު ދެއްވާފައެވެ. އަދި ހަމައެއާއެކު، ނޭޝަނަލް ޓާސްކް ފޯސްއިން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ދެއްވައި، މިހާރުވެސް އދގެ ބައެއް އެޖެންސީތަކުން ޓާސްކް ފޯސްގައި މުހިއްމު މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރެއްވިއެވެ.

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އދ. ގެ އެޖެންސީތަކާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން

ރާއްޖޭގައި ހުންނަވާ އދގެ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް ކެތަރިން ހެސްވަލް ވަނީ ސަރުކާރަށް އދގެ ފަރާތުން ބޭނުންވާ އެހީތެރިކަން ފުރިހަމައަށް ފޯރުކޮށްދެއްވާނެކަމުގެ ޔަޤީންކަން އަރުވާފައެވެ. މި ބައްދަލުމުގައި ރާއްޖޭގައި ހަރަކާތްތެރިވާ އދގެ އެޖެންސީތަކުން ވަނީ ކޮވިޑް-19 އާ ގުޅިގެން އެ އެޖެންސީތަކުން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު މިނިސްޓަރ ޝާހިދަށް އަރުވައި، ކުރިއަށް އޮތްތަނުގައި ފޯރުކޮށްދޭން ނިންމާފައިވާ އެހީތަކާ ގުޅޭގޮތުންވެސް މައުލޫމާތު އަރުވާފައެވެ. ކޮވިޑް-19 އާ ގުޅިގެން ދިވެހި ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް އދގެ އެޖެންސީތަކުން ވަނީ ތައުރީފްކޮށްފައެވެ.

މި ބައްދަލުވުން ނިންމަވާލައްވަމުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ ކޮވިޑް-19 ފެތުރެން ފެށީއްސުރެ އދގެ އެކި އެޖެންސީތަކުން ރާއްޖެއަށް ލިބެމުންދާ އެހީތެރިކަން ފާހަގަކުރައްވާފައެވެ. އަދި ކޮވިޑް-19 އާ ކުރިމަތިލުމުގައި އދގެ އެހީތެރިކަން ލިބުނު ފަދައިން، ކޮވިޑް-19 ގެ ސަބަބުން ލިބުނު ގެއްލުންތަކުގައި އަރައިގަތުމުގައި އދގެ އެހީތެރިކަން ރާއްޖެއަށް އިންތިހާއަށް ބޭނުންވާނެކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

އޭގެ އިތުރުން، ރާއްޖެ މިނިވަންވިއިރު ދުނިޔޭގެ އެންމެ ފަގީރު ގައުމުތަކުގެ ތެރޭގައި އޮތްނަމަވެސް، މެދުފަންތީގެ އާމްދަނީ ލިބޭ ގައުމަކަށް ރާއްޖެ ބަދަލުވުމުގައި އދގެ ފަރާތުން ލިބުނު އެހީތެރިކަން މިނިސްޓަރ ޝާޙިދު ވަނީ ފާހަގަކުރައްވާފައެވެ.

- ކޮމެންޓް