ރާއްޖޭގައި ޤާނޫނީ ދާއިރާއިން ދަސްވެނިވިފައި ތިބި ފަރާތްތައް ބާ އިމްތިހާނު ހެދުމާމެދު ބާ ކައުންސިލަށް އިހުތިޔާރީ ބާރެއް ދޭންޖެހޭކަމަށް އެ ކައުންސިލުގެ ރައީސް މައުމޫނު ހަމީދު ވިދާޅުވެއްޖެއެވެ.
އާދިއްތަ ދުވަހުގެރޭ ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ބާ ކައުންސިލުގެ ރައީސް މައުމޫނު ހަމީދު ވިދާޅުވީ، ފުރަތަމަ ބާ ކައުންސިލުގެ ފުރަތަމަ ރައީސަށް ވެވަޑައިގެންނެވުމަކީ ލިބިވަޑައިގެން ވަރަށް ބޮޑު ޝަރަފެއް ކަމަށާއި، ނަމަވެސް ފުރަތަމަ އަހަރުގެ ތެރޭގައި އެންމެ ހިތްހަމަޖެހޭ ވަރަށް މަސައްކަތްތައް ކުރެވިފައި ނުވާ ކަމަށެވެ. އަދި އެކަމުގައި ބާ ކައުންސިލުގެ މަސައްކަތްތަކަށް ހުރި ގިނަ ގޮންޖެހުންތަކެއް ހުރިކަން މައުމޫނު ފާހަގަ ކުރެއްވިއެވެ.
އޭގެ އިތުރުން، ބާ ކައުންސިލު ޤާއިމު ކުރުމުގެ މަސައްކަތްތައް އަދިވެސް ކުރިއަށްދާކަން ފާހަގަ ކުރައްވައި މައުމޫނު ވިދާޅުވީ، ޤާނޫނީ ފަންނުގެ ދާއިރާއަށް އަލަށް ވަޑައިގަންނަވާ ވަކީލުންގެ މަސައްކަތްތަކާއި، ދައުލަތުގެ މުއައްސަސާތަކުގައި ތިއްބެވި ވަކީލުންނާއި، އަމިއްލަ މަސައްކަތް ކުރާ ވަކީލުންނަށްވެސް ވަޒީފާގެ ރައްކާތެރިކަން ކަށަވަރުވެފައި އޮންނަން ޖެހޭނެ ކަމަށެވެ.
ދިވެހި ރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނު ވުޖޫދުވެ، މައިގަނޑު 2 މައްސަލައެއް ދިމާވާކަން ފާހަގަ ކުރައްވައި މައުމޫނު ވިދާޅުވީ، ޤާނޫނު ވުޖޫދުވިއިރު ދަސްވެނިވިފައި ތިބި މީހުންވެސް 1 އަހަރު ދުވަހުގެ ތަމްރީނެއް ފުރިހަމަ ކުރަން އެ ޤާނޫނުން ލާޒިމު ކޮށްފައިވާ ކަމަށެވެ. އަދި އެކަމުގައި އެއްވެސް އިސްތިސްނާއެއް ކަނޑައެޅުމުގެ ބާރު ބާ ކައުންސިލަށް ލިބިފައި ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
އެކަމުގެ ޙައްލަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މައުމޫނު ވިދާޅުވީ، ދަސްވެނިވިފައި ތިބި ފަރާތްތަކުގެ ޝަކުވާއަކީ ޙައްޤު ޝަކުވާއެއް ކަމަށާއި، ބާ އިމްތިޙާނެއް ތައްޔާރު ކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. އެގޮތުން ފުރިހަމަ ބާ އިމްތިޙާނެއް ތައްޔާރު ކުރުމަށް ދޮޅު އަހަރެއްހާ މުއްދަތެއް ހޭދަވާނެކަން ފާހަގަ ކުރައްވައި މައުމޫނު ވިދާޅުވީ، މި އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް އިމްތިޙާނެއް ތައްޔާރު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް އެކަމަށް ވެސް ގިނަ ދުވަސްތަކެއް ވަމުންދާތީ އެކަމުގެ އިންތިޤާލީ ޙައްލުތަކެއް ލިބިދޭން ޖެހޭކަމަށް މައުމޫނު ވިދާޅުވިއެވެ.
އޭގެ އިތުރުން، ދަސްވެނިވުމަށްފަހު ވެސް ލައިސަންސް ނުލިބި ގިނަ ދުވަސްތަކެއް ވެގެން ދިއުން އެއީ އެ ހުރިހާ ފަރާތަކަށް ވެވޭ ބޭއިންސާފެއްކަން ފާހަގަ ކުރައްވައި މައުމޫނު ވިދާޅުވީ، ބާ ކައުންސިލަށް އިހުތިޔާރީ ބާރުތަކެއް އެކަމުގައި ދެވިއްޖެނަމަ އެކަމަށް ޙައްލެއް ގެނެވި، އެފަދަ ފަރާތްތަކަށް އަވަހަށް ލައިސަންސް ދޫކުރެވޭނެ ކަމަށެވެ.