ނޫމަޑި މައްސަލައިގައި ދޮގު ބަޔާން ދިނުމުން ކުރީގެ ހައުސިންގ މިނިސްޓަރ ޑރ މުޙައްމަދު މުއިއްޒުގެ މައްޗަށް ދައުވާ އުފުލައިފިއެވެ.
އެކަމާ ގުޅޭގޮތުން ޕްރޮސެކިއުޓަރ ޖެނެރަލް އޮފީސް (ޕީޖީ އޮފީސް) އިން ބުނީ، 25 ޖޫން 2019 ދުވަހު ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަން އޭޖީ ނަމަކަށް ކިޔާ ކުންފުންޏަކުން (ނޫމަޑި) އިން ދިވެހި ސަރުކާރާ ދެކޮޅަށް ނެދަލޭންޑްސްގެ ދަހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަންއަށް ހުށަހަޅާފައިވާ މައްސަލާގައި އެކުންފުނީގެ ހެކިވެރިއަކަށްވެ، ޑރ މުއިއްޒު ދޮގު ހެކިބަސް ދެއްވާފައިވާ ކަމަށެވެ.
އެގޮތުން ހައުސިންގ ޔުނިޓް މަޝްރޫޢާ ގުޅިގެން ނޫމަޑިއާއެކު ދިވެހި ސަރުކާރުން 2011 ގައި ވެފައިވާ ފޭސް 1 ގެ އެއްބަސްވުމާއި، 2013 ގައި ވެފައިވާ ފޭސް 2 ގެ އެއްބަސްވުމުގެ މަސައްކަތް އެ ކުންފުނިން ޝެޑިއުލްއާ އެއްގޮތަށް ލަސްތަކެއްނުވެ ކުރަމުން ގެންދިޔަކަމަށް ވިދާޅުވި ކަމަށް ޕީޖީ އޮފީހުން ބުނެއެވެ. އަދި ނޫމަޑިއަށް ލަގްޒަރީ ވިލާ އެޅުމަށް ދިވެހި ސަރުކާރުން ދޫކޮށްފައިވާ ޅ. ދިއްފުށިމާދޫ ސަރުކާރުގެ ބޭނުމަށް ނެގުމުގެ މަޝްވަރާގައި ބައިވެރިވެފައި ނުވާކަމަށް ވިދާޅުވެ އެކަމުގައި ދޮގު ބާޔަނެއް ދީފައިވާކަންވެސް ޕީޖީ އޮފީހުން ފާހަގަ ކޮށްފައިވެއެވެ.
ޕީޖީ އޮފީހުން ބުނީ، އެކަމާ ގުޅިގެން ޑރ މުޢިއްޒުގެ މައްޗަށް، ޤާނޫނު ނަންބަރު: 2014/09 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 520 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެމާއްދާގެ (ބ) ގެ ދަށުން ދޮގު ބަޔާން ދިނުމުގެ ކުށުގެ ދަޢުވާ ކްރިމިނަލް ކޯޓަށް ހުށައަޅާފައިވާ ކަމަށެވެ.
މީގެ ދެ ދުވަސް ކުރިން މުއިއްޒު ފުލުހަށް ހާޒިރުކޮށް ބަޔާންވެސް ނަގާފައިވާއިރު، އޭރު ރާއްޖޭގެ މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ޑރ މުއިއްޒު ވިދާޅުވީ، ފުލުހުން އިދާރާއަށް ހާޒިރުވާން އަންގާފައިވަނީ ސަރުކާރަށް "އޮޅޭތީ" އެކަމުގެ ފޯކަސް ބަދަލުކޮށްލަން ވެގެން ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށެވެ.
ނޫމަޑި މައްސަލައިގައި ފުރަތަމަ މުއިއްޒު ފުލުހަށް ހާޒިރު ކުރީ ފެބްރުއަރީ 22 ވަނަ ދުވަހުއެވެ. މުއިއްޒު، ފުލުހަށް ހާޒިރުވާން އަންގާފައިވާއިރު، ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް އޭޖީ (ނޫމަޑި) އިން ދިވެހި ސަރުކާރުގެ މައްޗަށް ހުށަހެޅި އާރބިޓްރޭޝަން މައްސަލައިގައި މުއިއްޒު ޢަމަލުކުރެއްވި ގޮތާ ގުޅިގެން ޖިނާއީ ތަޙްޤީޤެއް ހިންގަވައި ދިނުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގައި، އެޓަރނީ ޖެނެރަލް (އޭޖީ)ގެ އޮފީހުން އެދިފައިވާތީ، އެ މައްސަލަ ބަލަމުންދާ ކަމަށް ފުލުހުންވެސް ވަނީ މީގެ ކުރިން ބުނެފައެވެ.