ބޮލީވުޑް އެކްޓަރ ސުޝާންތް ސިންގް ރާޖްޕުތް މަރުވެއްޖެއެވެ.
ރިޕޯޓްތައް ބުނާގޮތުން އޭނާ މަރުވެފައި ހުއްޓާ ފެނިގައިވަނީ މުމްބާއީގެ ބާންދްރާގައި، އޭނާ ދިރިއުޅޭގޭގައެވެ. ސުޝާންތް މަރުވިއިރު އޭނާގެ އުމުރަކީ 34 އަހަރެވެ. ފުލުހުންނާއި ހަވާލީދީ އިންޑިއާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުން ސުޝާންތް މަރުވެފައިވަނީ އަމިއްލަ އަށެވެ.
ނަމަވެސް "ސުއިސައިޑް ނޯޓެއް ފެނިފައިނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ސުޝާންތުގެ މަރުގެ ޚަބަރު ލިބިފައިވަނީ އޭނާގެ ކުރީގެ މެނޭޖަރ ދިޝާ ސެލިއަން އަމިއްލައަށް މަރުވިތާ އެއްދުވަސް ފަހުންނެވެ. ދިޝާގެ މަރަކީ އޭނާއަށް ލިބުނު ކުއްލި ސިހުމެއް ކަމަށްބުނެ ސުޝާންތް ޓްވީޓްކޮށްފައި ވެއެވެ.
ސުޝާންތްގެ ކުއްލި މަރު ވެގެން ގޮސްފައިވަނީ އޭނާގެ ފޭނުންނާއި ބޮލީބުޑްގެ ފަންނާނުންނަށް ލިބުނު ކުއްލި ސިހުމަކަށެވެ. ސުޝާންތްގެ މަރާއި ގުޅިގެން ބޮލީވުޑްގެ ގިނަ ފަންނާނުން ވަނީ ހިތާމަފާޅުކުރަންމުންނެވެ.
ބޮލީވުޑަށް ނުކުތުމުގެ ކުރިން ސުޝާންތް ފުރަތަމަ މަސައްކަތް ކުރަމުން ދިޔައީ އިންޑިއާގެ ޑެއިލީ ސޯޕްތަކުގައެވެ. އޭނާ އެންމެ ފުރަތަމަ އޭނާ ސްކްރީނުން ފެނިފައިވަނީ 2008 ވަނަ އަހަރު ސްޓާޕްލަސް އިން ދެއްކި ސީރީޒް އެއް ކަމަށްވާ "ކިސް ދޭޝް މޭ ހޭ މޭރާ ދިލް" އިންނެވެ.
އެއަށްފަހު 2009 ވަނަ އަހަރު ޒީ ޓީވީން ދެއްކި ޝޯއެއް ކަމަށްވާ "ޕަވިތުރަ ރިޝްތާ" އިން އޭނާ ވަނީ ބެލުންތެރިންގެ މެދުގައި މަޤްބޫލު ފަންނާނަކަށް ވެފައެވެ. އަދި އެ ޝޯ ކުރިއަށް ދަނިކޮށް އޭނާ ވަނީ 2014 ވަނަ އަހަރު ބޮލީވުޑުގައި މަސައްކަތް ކުރަން ފަށާފައެވެ. ސުޝާންތް އެންމެ ފުރަތަމަ ކުޅެފައިވާ ފިލްމަކީ "ކައި ޕޯ ޗޭ" އިންނެވެ.
އެއަށްފަހު ސުޝާންތް ވަނީ ބޮލީވުޑްގެ ކާމިޔާބު ފިލްމްތައް ކަމަށްވާ "ޕީކޭ"، "އެމްއެސް ދޯނީ"، "ކެދަރްނާތް"، "ރާބްތާ" އިތުރުންގެ ގިނަ ފިލްމްތަކުން ފެނިގެން ގޮސްފައެވެ. ސުޝާންތު އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ މިދިޔަ އަހަރު ނެޓްފްލިކްސް އިން ދެއްކި ފިލްމް "ޑްރައިވް" އިންނެވެ. އެ ފިލްމުގައި އޭނާ ފެނިގެން ގޮސްފައިވަނީ ޖެކޮލިން ފެނާންޑޭޒް އާއި އެކުގައެވެ.