ކ. މާލެ
|
14 ޖޫން 2020 | އާދީއްތަ 08:59
ޑރ. ނަޒްލާ ރަފީގު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ
ޑރ. ނަޒްލާ ރަފީގު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ
އެންއީއޯސީ
ލޮކްޑައުން އަށް ދެނީ ލުއިތަކެއް
ލޮކްޑައުން އުވާނުލާނެ، ނިންމާފައިވަނީ ލުއިތަކެއް ދޭން: ޑރ. ނަޒްލާ
 
އަމަލު ނުކުރައްވައިފިއްޔާ ކޮންމެ މީހަކު ވެސް ޕޮޒިޓިވްވެދާނެ
 
ފިހާރަތަކުގައި އަދި ބަންދު ތަންތަނުގައި އުޅޭނަމަ މާސްކް އެޅުން މަޖުބޫރު ވާނެ
 
ފާއިތުވި 2 ހަފްތާގައި ބައެއް ފަރާތްތަކުން އެއްވެ އުޅުމާއި ބޭނުން ނެތް ކަންކަމުގައި މަގުމައްޗަށް ނުކުތްކަން ފާހަގަކުރެވުނު

ހޯމަ ދުވަހުން ފެށިގެން ލޮކްޑައުން އުވާނުވާލާނެ ކަމަށާއި، ހޯމަ ދުވަހުން ފެށިގެން ލޮކްޑައުންއަށް ލުއިތަކެއް ދިނުމަށް ނިންމާފައިވާ ކަމަށް އެޗްޕީއޭގެ ޑޮކްޓަރ ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގައި ހޮނިހިރު ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ ލޮކްޑައުން އުވާލަން އުޅޭކަމަށް ބައެއް ފަރާތްތަކުން ސުވާލު އުފައްދަވަމުންދާ ކަމަށާއި، އެއްގޮތަކަށް ވެސް ލޮކްޑައުން އުވާލަން ނިންމާފައިނުވާ ކަމަށެވެ. ނަމަވެސް 15 ޖޫންއިން ފެށިގެން ލޮކްޑައުންއަށް އިތުރު ލުއިތަކެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

އަޅުގަނޑުމެން އުންމީދުކުރަން ވޭތުވެދިޔަ ދުވަސްތަކުގައި ވެސް އާންމު ހުރިހާ ފަރާތްތަކުން އަޅުގަނޑުމެންނަށް ދެއްވި އެއްބާރުލެއްވުން މިހާރުވެސް ދެއްވާ އަޅުގަނޑުމެންގެ އިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރައްވަމުން ގެންދަވާނެ ކަމަށް. އަދިވެސް ކުރިއަށް އޮތްތަނުގައި ސަމާލުކަން ދޭންވީ ބައެއް ކަންކަން އެބަހުރި. ދުވާލުގަޑީގައި ބޭރަށް ނުކުތުމަށް ހުއްދަ ލިބިފައިވީ ނަމަވެސް ވީވަރަކުން ޒަރޫރީ ކަންތައްތަކަށް ފިޔަވައި އެހެން ކަންތައްތަކުގައި ބޭރުގައި އުޅުން މަދުކުރުމަކީ ބަލިފެތުރުން މަދުކުރުމަށް އެޅިގެންދާނެ ވަރަށް ބޮޑު ބާރަކަށް ވެގެންދާނެ،
އެޗްޕީއޭގެ ޑޮކްޓަރ, ޑރ. ނަޒްލާ ރަފީގު

ޑރ. ނަޒްލާ ވަނީ ބޭރަށް ނުކުމެ އުޅޭ ގަޑީގައި 3 ފޫޓް ދުރުގައި ތިއްބެވުމާއި 3 މީހުންނަށްވުރެ ގިނައިން އެއް ނުވުމަށް އެދިފައިވެއެވެ. މީގެ އިތުރުން ގެއިން ބޭރަށް ނުކުންނަވާ އިރު ވެސް މާސްކް އެޅުއްވުމަށް ރެކަމެންޑް ކުރައްވާ ކަމަށެވެ. އަދި ބަންދު ތަނަކަށް ނުވަތަ ފިހާރައަކަށް ވަންނަ ނަމަ މާސްކް އެޅުމަކީ މަޖުބޫރުކަމެއް ކަމަށް ކަމަށާއި، 3 ފޫޓް ދުރުމިން ނުބެހެއްޓޭ ތަންތަނުގައި މާސްކް އަޅަން ޖެހޭނެކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ކުރިއަށް އޮތްތަނުގައި ވެސް އާންމު ތަންތަނުން ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުންދާނަން އަލާމާތްތައް ހުންނަ މީހުންގެ ސާމްޕަލް ނެގުމާ އެއްވަރަށް. ކުރިއަށް އޮތްތަނުގައި ބޭރަށް ނުކުންނަވަން ޖެހޭ ހާލަތްތަކުގައި ނުކުންނަވާ އަދި މަސައްކަތްތަކަށް ދާ ބޭފުޅުން މަސައްކަތްތަކަށް ވަޑައިގަންނަވާ އިރު އަދި އެހެނިހެން ކަންކަމުގައި ވެސް ނުކުންނަވާ އިރުގައި މާސްކް އެޅުމާއި ގައިދުރުކަން ބެހެއްޓުމާއި ސަމާލުކަން ދެއްވަންވީ ފުލުހުން ބަލަހައްޓައިގެން ހުންނާނެތީ ނުވަތަ ފުލުހުން ފިޔަވަޅު އަޅުއްވާނެތީ ނޫން. ކޮންމެ ބޭފުޅެއްގެ ވެސް އަމިއްލަ ޒިންމާއެއްގެ ގޮތުގައި އަދި އަމިއްލަ ރައްކާތެރިކަމަށާއި އާއިލާގެ ރައްކާތެރިކަމަށް އަދި ގައުމުގެ އެންމެންގެ ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅެއްގެ ގޮތުން ހުރިހާ ބޭފުޅުން ވެސް ސަމާލުކަން ދެއްވާ އެކަންކަމަށް އަމަލުކުރައްވާނެކަމަށް އުއްމީދު ކުރަން.
އެޗްޕީއޭގެ ޑޮކްޓަރ ޑރ. ނަޒްލާ ރަފީގު

ޑރ. ނަޒްލާ ވިދާޅުވީ މިއީ ހެލްތް މިނިސްޓްރީން ނުވަތަ އެޗްޕީއޭއިން ނުވަތަ އެންއީއޯސީން އެކަނި ކޮންޓްރޯލް ކުރެވޭނެ ކަމެއް ނޫން ކަމަށާއި، ހުރިހާ ބޭފުޅުން ގުޅިގެން އެންމެން އެއްކޮށް މަސައްކަތް ކޮށްގެން ނޫނީ ބަލި ކޮންޓްރޯލް ނުކުރެވޭނެ ކަމަށެވެ. އަދި ބަލި ކޮންޓްރޯލް ކުރެވޭނީ އެންމެން އެއްކޮށް މަސައްކަތް ކޮށްގެންކަން މިހާރުވެސް އެނގެން އެބައޮތް ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ ވަރަށް ގިނަ ބޭފުޅުން އެންއީއޯސީން ނުވަތަ އެޗްޕީއޭއިން ދޭ އިރުޝާދުތަކަށް އަމަލުކުރެއްވި ނަމަވެސް ވޭތުވެދިޔަ 2 ހަފްތާ ތެރޭގައި ކުޑަކުޑަ ލުޔެއް ދިނުމުން ބައެއް ބޭފުޅުންނަށް އެއީ އެއްކޮށް ދޫކޮށްލެވުނުކަން ނުވަތަ ބަލީގެ ނުރައްކާ އެއްކޮށް ދިޔަކަން ހީކުރެވިފައިވާކަމަށެވެ. އަދި ބައެއް ބޭފުޅުން ގޭގެ ދޮރުމަތީގައި ބައިވަރު ރައްޓެހިންނާއި ވާހަކަދައްކަން ތިބުމާއި، ފިހާރައަށް ވަޑައިގަންނަވާއިރުވެސް 5 ފިހާރައަށް ނުވަތަ 7 ފިހާރައަށް ވަޑައިގެންފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.

މީހަކު ޕޮޒިޓިވްވެއްޖެނަމަ ހުރިހާ ތަނެއް ބަންދުކޮށްގެން ސާފުކުރުމާއި ކަންކަން ކުރަމުން ގެންދަން ޖެހޭ ކަމަށާއި، އެބޭފުޅުންނާއި ކޮންޓެކްޓްވެފައި ތިބި މީހުން ވެސް ވަރަށް ގިނަކަން ޑރ. ނަޒްލާ ފާހަގަ ކުރެއްވިއެވެ. އަދި ކުރިއަށް އޮތްތަނުގައި އިތުރު ލުޔެއް ދިނުމުން ބުނާގޮތަށް ވީހާވެސް ކޮންޓެކްޓުން މަދުކޮށް މާސްކް އަޅުއްވަން ޑރ. ނަޒްލާ އެދިލެއްވިއެވެ.

މިގޮތްގޮތަށް އަމަލު ނުކުރައްވައިފިއްޔާ ކޮންމެ މީހަކު ވެސް ޕޮޒިޓިވްވެދާނެ ކަމަށާއި، ޕޮޒިޓިވްވާއިރު އެމީހަކު ކޮންޓެކްޓްވާ މީހުންގެ އަދަދު ވެސް ގިނަވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ. އޭނާގެ ފަރާތުން ބަލި ފެތުރުމުގެ ފުރުސަތުވެސް ބޮޑުވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް
14 ޖޫން 2020 | އާދީއްތަ 15:34
ފޮނިނުކަޑުއްވާ! ލޮކުޑައުން އުވާލެވޭނެ. ގައުމެއް އުމުރަށް ބަންދުކުރެވޭނެ ބާރެއް އޮތް އެކަކުވެސް ނުހުންނާނެ. ފުރުސަތެއް ލިބުމާއެކު ތިމާނޫންއެހެންމީހުން ހޭއަރުވާލެވޭނެކަމަށް ނުވިސްނާ !