މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައިވާ ޤައިދީންނަށް އެކަހެރި ބައްދަލުވުން ދޭނީ ފުރަބަންދުގެ ފިޔަވަޅުތަކަށް ލުއި ދިނުމުގެ 3 ވަނަ މަރުޙަލާގައިކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުޙައްމަދުފުޅު ވިދާޅުވެއްޖެއެވެ.
ހޮނިހިރު ދުވަހުގެރޭ ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ ވިދާޅުވީ، އައު އާންމު ޙާލަތަށް ތައްޔާރުވުމަށް ކަރެކްޝަނުން ވެސް ގިނަ ތައްޔާރީތަކެއް ވެފައިވާ ކަމަށެވެ. އެގޮތުން އައު އާންމު ޙާލަތުގައި އެކި މަރުޙަލާގައި އަމަލު ކުރާނެ ގޮތުގެ އުސޫލެއް އެކުލަވާލައި ވެބްސައިޓުގައި ޝާއިއު ކޮށްފައިވާކަން ކޮމިޝަނަރ ފާހަގަ ކުރެއްވިއެވެ.
އޭގެ އިތުރުން، މިހާރުވެސް ޖަލުގައި ބައެއް ހަރަކާތްތައް ފަށާފައިވާކަން ފާހަގަ ކުރައްވައި ކޮމިޝަނަރ ވިދާޅުވީ، މިހާރު އޮފިސަރުންގެ ލޮކްޑައުން އުވާލައި، ޖަލުގެ އެލަރޓް ލެވެލްވެސް ދަށްކޮށްފައިވާ ކަމަށެވެ. އަދި އިތުރު ލުއިތަށް ދޭނީ ވަކި މަރުޙަލާތަކަކަށް ބަހާލައިގެން ކަން ކޮމިޝަނަރ ފާހަގަ ކުރެއްވިއެވެ.
އާއިލީ ބައްދަލުވުންތަކާއި ގުޅިގެން ކޮމިޝަނަރ ވިދާޅުވީ، އައު އާންމު ޙާލަތުގައި ޖަލަށް ކޮވިޑް-19 ވަންނާނެ ގޮތްތައް މަދު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ތަނުގައި އާއިލީ ބައްދަލުވުންތަކަށްވެސް ލުއިދީ ފުރަތަމަ ހުޅުވާލާ މަރުޙަލާގައި 18 އަހަރާއި 55 އަހަރާ ދެމެދުގެ ފަރާތްތަކަށް ޖަލުތަކަށް އާއިލީ ބައްދަލުވުމަށް ޒިޔާރަތް ކުރެވޭނެ ކަމަށެވެ. ނަމަވެސް ޤައިދީންނަށް އެކަހެރި ބައްދަލުވުން ދޭނީ ލުއި ދިނުމުގެ 3 ވަނަ މަރުޙަލާގައިކަން ކޮމިޝަނަރ ފާހަގަ ކުރެއްވިއެވެ.
އޭގެ އިތުރުން، ފުރަބަންދުގެ ތެރޭގައިވެސް އިމަރޖެންސީ ޙާލަތްތަކުގައި ޑޮކްޓަރަށް ދެއްކުމަށް ބައެއް މީހުން ގެނެވިފައިވާނެ ކަން ފާހަގަ ކުރައްވައި ކޮމިޝަނަރ ވިދާޅުވީ، އާންމު ބަލިތަކަށް ޑޮކްޓަރަށް ދެއްކުމަށް ގެނައުމުގައި ގޮންޖެހުންތަކެއް ހުރި ކަމަށެވެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި މާލޭ ސަރަޙައްދުގެ ފުރަބަންދަށް ލުއި ދެމުންދާ ވަރަކަށް އެކަމުގައިވެސް ލުއި ގޮތްތަކެއް ދިނުމަށް ރާވަމުންދާކަމަށް ވިދާޅުވިއެވެ.