ސްވީޑެންގެ ވެރިރަށް ސްޓޮކްހޯމްގެ ބާޒާރުމަތީ މަގެއްގައި ހުކުރު ދުވަހު ގިނަ ބައެއްގެ ތެރެއަށް ޓްރަކެއް ބާރު ސްޕީޑުގައި ދުއްވާފައި ގޮސް ޑިޕާޓްމަންޓް ސްޓޯރެއްގައި ޖެހި ހަތަރު މީހުން މަރުވި ހާދިސާ އާއި ގުޅިގެން ދެމީހަކު ހައްޔަރުކޮށްފިއެވެ.
އެންމެ ފުރަތަމަ ހައްޔަރު ކުރި މީހާ ހައްޔަރު ކުރީ ގަސްތުގައި މީހަކު މެރުމުގެ ތެރެއިން ޓެރަރިސްޓް ހަަމަލާއެއް ދިނުމުގެ ތުހުމަތުގައެވެ. ހުކުރު ދުވަހުގެ ރޭ އޭނާ ހައްޔަރު ކުރިތާ މާގިނަ އިރުތަކެއް ދެވަނަ މީހާވެސް ވަނީ ހައްޔަރުކޮށްފައެވެ.
މިހަމަލާ އާއި ގުޅޭގޮތުން ސްވީޑެންގެ ބޮޑުވަޒީރު ވިދާޅުވީ މިއީ ޓެރަރިސްޓް ހަމަލާއެއް ކަމަށެވެ.
12 އަށްވުރެ ގިނަ މީހުން ހާދިސާގައި ޒަޚަމްވެފައިވާއިރު، ސްވީޑެންގެ ބޮޑުވަޒީރު ސްޓެފަން ލޯފްވެންގެ އެދިވަޑައިގަތުމަކަށް ވަނީ ގައުމުގެ ބޯޑަރުގެ ސެކިޔުރިޓީ ވަރުގަދަކޮށްފައެވެ.
ބާރަށް ދުއްވި ވެހިކަލް އަކީ ބިޔަރު އުފައްދާ ކުންފުންޏެއްގެ ވެހިކަލަކަށްވާއިރު، ހާދިސާ ހިނގި ސަރަހައްދާއި ގާތް ހިސާބެއްގައި ހުރި ރެސްޓޯރަންޓެއްގެ ބޭރުން ވެހިކަލް ވަނީ ހާދިސާ ހިނގުމުގެ ކުރިން ހައިޖެކްކޮށްފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
ހައްޔަރު ކޮށްފައިވާ ދެމީހުން ނަކީ އެކަކު އަނެކަކަށް ގުޅުން އޮތް މީހުން ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.