ކ. މާލެ
|
13 ޖޫން 2020 | ހޮނިހިރު 18:18
ޗައިލްޑް އެބިއުސްގެ މައުލޫމާތު ފޯރުކޮށްދިނުމަށް އާރކުން ކުރިއަށް ގެންދިޔަ ހަރަކާތެއްގެ ތެރެއިން
ޗައިލްޑް އެބިއުސްގެ މައުލޫމާތު ފޯރުކޮށްދިނުމަށް އާރކުން ކުރިއަށް ގެންދިޔަ ހަރަކާތެއްގެ ތެރެއިން
އެޑްވޮކޭޓިންގ ރައިޓްސް އޮފް ޗިލްޑްރެން
ގެސްޓްހައުސްތަކުގެ ގޮތުގައި ރަޖިސްޓަރކޮށްފައިވާ ތަންތަން ޤަވާއިދުން މޮނިޓަރ ނުކުރެވޭ: އާރކް
 
އެކްސްޕްލޮއިޓް ކުރުމުގެ މަޤްޞަދުގައި ކުޑަކުދިން އެއްރަށުން އަނެއް ރަށަށް ގެންދާކަމަށް ރިޕޯޓްކުރެވޭ
 
އެކްސްޕްލޮއިޓޭޝަން ހުއްޓުވުމަށްޓަކައި ހަރުކަށި ފިޔަވަޅުތަކެއް އަޅަން ޖެހޭ
 
އެއްވެސް ހުއްދައެއް ނެތި ދުވަހު ކުއްޔަށް ކޮޓަރިތައް ދޫކުރަމުންދާކަން ފާހަގަ ކޮށްފައިވޭ

މިނިސްޓްރީ އޮފް ޓޫރިޒަމްގެ ދަށުން ގެސްޓްހައުސްތަކުގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާ ތަންތަން ޤަވާއިދުން މޮނިޓަރ ނުކުރެވޭ ކަމަށް އެޑްވޮކޭޓިންގ ރައިޓްސް އޮފް ޗިލްޑްރެން (އާރކް) އިން ބުނެފިއެވެ.

އުމުރުން 11 އަހަރާއި 16 އަހަރުގެ ދެ ކުއްޖެއް މާލޭގެ ގެސްޓްހައުސްއެއްގެ ތެރޭގައި ރޭޕްކުރި މައްސަލަތަކެއް ދާދި ފަހުން ފެންމަތި ވެފައިވާއިރު، އެކަމާ ގުޅިގެން ހުކުރު ދުވަހު އާރކުން ނެރުނު ބަޔާނެއްގައި ވަނީ އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައެވެ. އެގޮތުން ގެސްޓްހައުސްތަކުގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާ ތަންތަން ޤަވާއިދުން މޮނިޓަރ ނުކުރެވޭކަން އެ ޖަމިއްޔާއިން ވަނީ ފާހަގަކޮށްފައެވެ.

އޭގެ އިތުރުން، ކަނޑައަޅާފައިވާ އުޞޫލްތަކާ ޚިލާފަށް އެއްވެސް ހުއްދައެއް ނެތި ދުވަހު ކުއްޔަށް ކޮޓަރިތައް ދޫކުރަމުންދާކަން ފާހަގަކޮށް އާރކުން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އާރކުގެ ބަޔާނުގައި އިތުރަށް ބުނީ، ގެސްޓްހައުސްތަކުގައި ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާއާއި ނާޖާއިޒް ފައިދާ ނެގުމުގެ މައްސަލަތައް ނުވަތަ އެކްސްޕްލޮއިޓޭޝަން ހުއްޓުވުމަށްޓަކައި ހަރުކަށި ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށެވެ. އަދި އެކްސްޕްލޮއިޓް ކުރުމުގެ މަޤްޞަދުގައި ކުޑަކުދިން އެއްރަށުން އަނެއް ރަށަށް ގެންދާކަމަށް ރިޕޯޓްކުރެވޭ މައްސަލަތައް އިތުރުވަމުންދާތީ، އިންސާނީ ވަގުފާރިން ކުޑަކުދިން ރައްކާތެރި ކުރުމަށްޓަކައި ދަތުރުފަތުރުކުރުމާ ގުޅުންހުރި ޤާނޫނުތަކާއި ޤަވާއިދުތައް އިތުރަށް ހަރުދަނާ ކުރުމަށްވެސް އާރކުން ގޮވާލާފައިވެއެވެ.

އޭގެ އިތުރުން، ޤާނޫނު ތަންފީޒުކުރާ ފަރާތްތްކާއި، ޝަރުޢީ އަދި އިޖްތިމާއީ ދާއިރާގައި ރަނގަޅުކުރަން ހުރި ގިނަ ކަންތައްތަކެއްގެ ސަބަބުން ކުޑަކުދިން އަނިޔާއިން ރައްކާތެރި ކުރުމަށް ބޮޑެތި ހުރަސްތަކެއް ހުރިކަން އާރކްގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ކުޑަކުއްޖަކަށް އަނިޔާއެއް ލިބެމުންދާކަމަށް ޝައްކު ކުރެވޭނަމަ ލަސްނުކޮށް ޗައިލްޑް ހެލްޕްލައިން 1412 ނުވަތަ ފުލުހުންގެ ހެލްޕްލައިން 3000600ށް ރިޕޯޓް ކުރުމަށް އާރކުން އިލްތިމާސް ކޮށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް