ކޮވިޑް-19 އާއި ގުޅިގެން އަނބުރާ ގައުމަށް ދާން އެދުނު މީހުންގެ ތެރެއިން އިތުރު ބަޔަކު އަނބުރާ ގައުމަށް ފުރުވާލައިފިއެވެ.
މޯލްޑިވިއަން އެއަރލައިންގައި ޗެންނާއީއަށް 82 މީހަކު ވަނީ ބުދަ ދުވަހުގެ މެންދުރު ފުރުވާލާފައެވެ. ކޮވިޑް 19 އާއި ގުޅިގެން އެކި ގައުމުތަކުގައި ތިބި އިންޑިއާގެ ރައްޔިތުން އަނބުރާ ގައުމަށް ގެންދިއުމަށް އިންޑިއާ ސަރުކާރުން އަންނަނީ ހާއްސަ އޮޕަރޭޝަނެއް ހިންގަމުންނެވެ.
ބުދަ ދުވަހުގެ މެންދުރު 82 މީހަކު ފުރުވާލާފައިވާ އިރު ބުދަ ދުވަހު ގެ ހެނދުނު ވެސް 118 މީހަކު ވަނީ އިންޑިއާއަށް އަނބުރާ ފުރުވާލާފައެވެ.
ރާއްޖޭގައި ތާށިވެފައި ތިބި އިންޑިއާގެ ރައްޔިތުން އަނބުރާ ގެންދިޔުމަށް، އިންޑިއާ ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހުކުރު ދުވަހު 719 މީހަކު ވަނީ ފުރުވާލާފައެވެ. އިންޑިއާގެ 719 ރައްޔިތުން އަނބުރާ ގައުމަށް ގޮސްފައިވަނީ އެމީހުން ބަލައި ރާއްޖެ އައި އިންޑިއާގެ އަސްކަރިއްޔާގެ މަނަވަރު ޖަލަޝްވާގައެވެ. މިއީ އިންޑިއާ މީހުން ބަލާ އަސްކަރިއްޔާގެ މަނަވަރު އައި ހަތަރުވަނަ ފަހަރެވެ.
ބުރާސްފަތި ދުވަހު ވެސް ރާއްޖޭގައި ތިބި އިންޑިއާގެ އިތުރު 171 މީހަކު ވަނީ ގޮސްފައެވެ. އިންޑިއާގެ ހައި ކޮމިޝަނުން ބުނީ، ރާއްޖޭގައި މަސައްކަތްކުރާ އިންޑިއާގެ ރައްޔިތުން ފުރުވާލާފައިވަނީ ހައި ކޮމިޝަނުން ހަމަޖެއްސި އިންޑިގޯގެ ހާއްސަ ފްލައިޓެއްގައި ކަމަށެވެ.
އިންޑިއާގެ ރައްޔިތުން އެ ގައުމަށް އަނބުރާ ގެންނަން ފަށާފައިވާ އޮޕަރޭޝަންގެ ތެރެއިން ދުނިޔޭގެ އެކި ކަންކޮޅުތަކުން 14،000ށް ވުރެ ގިނަ ރައްޔިތުން އެންމެ ފުރަތަމަ ހަފުތާގެ ތެރޭގައި ވެސް އަނބުރާ ގައުމަށް ގެނެސްފައިވެއެވެ. އޭގެ ފަހުން ގަލްފް ސަރަހައްދުން އެކަނިވެސް 30،000ށް ވުރެ ގިނަ ރައްޔިތުން ވަނީ އަނބުރާ އިންޑިއާ އަަށް ގެންގޮސްފައެވެ.