ކ. މާލެ
|
10 ޖޫން 2020 | ބުދަ 09:10
ލަންކާގައި ތިބި ދިވެހިންގެ ތެރެއިން 262 މީހަކު މިއަދު ހެނދުނު ވަނީ ލަންކާ ފުލައިޓެއްގައި ރާއްޖެ ގެނެސްފައި.
ލަންކާގައި ތިބި ދިވެހިންގެ ތެރެއިން 262 މީހަކު މިއަދު ހެނދުނު ވަނީ ލަންކާ ފުލައިޓެއްގައި ރާއްޖެ ގެނެސްފައި.
އެމްއޭސީއެލް
ލަންކާގައި ތާށިވި ދިވެހިން
ލަންކާގައި ތާށިވި 262 ދިވެހިން ރާއްޖެ ގެނެސްފި
 
262 މީހުންގެ ތެރޭގައި ހިމެނެނީ އެކިއެކި ބޭނުންތަކަށް ގޮސް ނާދެވިފައިތިބި މީހުން
 
ހުރިހާ އެންމެން ކަރަންޓީން ކުރެވޭނެ
 
13 އަތޮޅަކަށް މީހުން ގެންދިއުމަށް ވަނީ ހަމަޖެހިފައި

އެކިއެކި ބޭނުންތަކުގައި ސްރީލަންކާއަށް ގޮސް ތިއްބާ އެޤައުމު 'ލޮކްޑައުން' ކުރުމުގެ ސަބަބުން ނާދެވިފައިތި 262 ދިވެހިން ރާއްޖޭ ގެނެސްފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ ލަންކާ ފުލައިޓެއްގައި ރާއްޖެއައި ދިވެހިން ކަރަންޓީނަށް ފޮނުވުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރަމުންދާ ކަމަށާއި، މި އެންމެންވެސް މިހާރު ޢަމަލުކުރަމުން އަންނަ އުޞޫލުގެ މަތިން ކަރަންޓީނު ކުރެވޭނެ ކަމަށެވެ.

އަންގާރަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ ލަންކާ ފުލައިޓުން 262 ދިވެހިން މާލެ އައުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މީގެ ތެރޭގައި ހިމެނެނީ އާސަންދަ މެދުވެރިކޮށް ބޭސްކުރުމަށް ލަންކާއަށް ދަތުރުކޮށްފައިވާ ފަރާތްތަކާއި، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކާއި، ޓުއަރިސްޓް ވިސާގައި ދަތުރުކޮށް އަދި މާލީ އެހީތެރިކަމަށް ބޭނުން ޖެހިފައިވާ ފަރާތްތަކާއި، 'ލޮކްޑައުން' އާއި ގުޅިގެން ފުލައިޓް ކެންސަލްވި ފަރާތްތަކާއި، އެހެން ސަބަބުތަކަށްޓަކައި ޓުއަރިސްޓުންގެ ގޮތުގައި ދަތުރުކޮށް އާދެވޭނެ ގޮތެއް ނެތިފައި ތިބި މީހުން ކަމަށެވެ.

ހުރިހާ އެންމެން ކަރަންޓީން ކުރެވޭނެ. މިކަން ކުރުމަށް ހުރިހާ ފަރާތްތަކަށް އެޗްޕީއޭއިން ވާނީ ފޯމެއް ފޮނުވާފައި. ފޯމު ފުރުމަށް ރާއްޖެއައުމުގެ ކުރިން ކަރަންޓީންވާނެ ގޮތެއް އެންގުމަށް. ފޯމުތަކާއި ގުޅޭގޮތުން ފެސިލިޓީ މެނޭޖްމަންޓާއި އަޅުގަނޑުމެން ވާހަކަދައްކާލިން. އެބޭފުޅުން ވިދާޅުވީ 153 ބޭފުޅެއް ހޯމް ކަރަންޓީން ވެވޭނެކަމަށް ދަންނަވާފައިވާ ކަމަށް. 13 އަތޮޅެއްގައި ކަރަންޓީންވުމަށް އެ ފަރާތްތަކުން އެދިފައިވަނީ،
އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒު

މަބްރޫކް ވިދާޅުވީ ސްރީލަންކާއިން އައި ފަރާތްތައް އަތޮޅުތަކަށް ފޮނުވުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރަމުން ގެންދާނެ ކަމަށެވެ. އަދި ވަރަށް ގިނަ ޢަދަދެއްގެ މީހުން ފޯމު ފުރާފައި ނުވާ ކަމަށާއި، ފުރާފައިވާ ފޯމުތަކުގެ ތެރެއިން ވެސް ބައެއް ފޯމުގައި ހޯމް ކަރަންޓީން ވެވޭތޯ ނުވަތަ ނުވެވޭތޯ ފާހަގަ ކޮށްފައި ނުވާ ކަމަށެވެ.

13 އަތޮޅަކަށް ދަތުރުކުރުމަށް މިހާރުވެސް އޮތީ ހަމަޖެހިފައި. އެ އަތޮޅުތަކުގައި ހޯމް ކަރަންޓީނުވެވަޑައިގަންނަވާ ބޭފުޅުން އެ ރަށްރަށަށް ގެންދިއުމަށްޓަކައި. ދެން ބާކީ ފޯމު ފުރުއްވާފައި ނެތް ބޭފުޅުންގެ ތެރެއިން ވެސް ރާއްޖޭގެ އަތޮޅުތަކަށް ވަޑައިގަންނަވާނެ ބޭފުޅުން ތިބެދާނެ. އެހެންވީމާ އެހުރިހާ ކަމެއް ސާފުކޮށް އެ ދަތުރުތަކުގެ އެރޭންޖްމަންޓް ކުއްލިއަކަށް ހަމަޖެހޭނެ. އެބޭފުޅުން ރާއްޖެ އައުމަށް ފަހު މާދަމާ އިންތިޒާމުތައް ރާވަން. އެހެންވީމާ މިކަމުގައި ލަސްތަކެއް ހުރެދާނެ ކަމަށް އެމްއެންޑީއެފުން ފާހަގަ ކުރޭ،
އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒު

ކުރިއަށް ހުރި ފްލައިޓުތަކުގައި އަންނަ ފަރާތްތަކުން ދުރާލާ އެ ފޯމު ފުރުމަށް ފަހު ފޯމު ފޮނުވުމަށް މަބްރޫކް ވަނީ އެދިވަޑައިގެންފަ އެވެ. އަދި އެގޮތަށް ކަންތައް ކުރެއްވުމުން ވަގުތުން ކަންކަން ރާވާ އިންތިޒާމު ކުރަން ނުޖެހޭނެ ކަމަށާއި، ދުރާލާ ކަންކަން ރޭވިގެންދާނެ ކަމަށެވެ.

މީގެ އިތުރުން ރާއްޖެއިން ސްރީލަންކާއަށް ވެސް އެޤައުމުގެ މީހުން ފުރުމަށް ހަމަޖެހިފައިވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ. އެގޮތުން ބުދަ ދުވަހުގެ ހެނދުނު 15 މީހަކު އަދި ރޭގަނޑު 283 މީހަކު ފުރުވުމަށް ހަމަޖެހިފައިވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
100%
0%
0%
0%
0%
0%
ކޮމެންޓް