ލޮކްޑައުންއާއި ގުޅިގެން މާލޭގައި ތާށިވެފައިތިބި މީހުންގެ ތެރެއިން ރަށަށް ދާން އެދުނު މީހުންގެ ތެރެއިން ބައެއް ފަރާތްތަކުގެ އެންޓިބޮޑީ ޓެސްޓިން ހެދުމުގެ މަސައްކަތް ފަށައިފިއެވެ.
ސޯޝަލް ސެންޓަރުގައި އެންޓިބޮޑީ ޓެސްޓިންގ ހެދުމަށް ސާމްޕަލްތައް ނަގަން ފަށާފައިވާ އިރު، 300ށް ވުރެ ގިނަ މީހުންގެ ސާމްޕަލް ނެގުމަށް ވަނީ ހަމަޖެހިފައެވެ. އެންމެ ފުރަތަމަ ރަށްރަށަށް ފޮނުވި މީހުންގެ ތެރޭގައި ހިމެނެނީ އައްޑު ސިޓީގެ މީހުންނެވެ. އެގޮތުން މިހާތަނަށް 77 މީހަކު އައްޑު ސިޓީއަށް ފޮނުވާލާފައިވާ އިރު 42 ގެއެއް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ. މި މީހުން 24 ދުވަސް ވަންދެން ކަރަންޓީންގައި ތިބޭނެއެވެ.
24 ދުވަސް ވަންދެން ކަރަންޓީންގައި ތިބޭގޮތަށް ހަމަޖައްސާފައިވަނީ ރަށްރަށަށް ކަރަންޓީނަށް ފޮނުވާ މީހުންގެ ކޮވިޑް-19ށް ޕީސީއާރު ޓެސްޓް ނަހަދާ އެންޓިބޮޑީ ޓެސްޓު ކުރާތީ ކަމަށް އެންއީއޯސީން ވަނީ ބުނެފައެވެ.
މާލެ ސިޓީގެ ފުރަބަންދަށް ފަހު، އެނބުރި ރަށްރަށަށް ދާ މީހުން ރަށަށް ދިއުމަށްފަހު ގޭގައި ކަރަންޓީން ކުރެވޭގޮތަށް ހަމަޖެހިފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ހަމަޖައްސާފައިވަނީ މި މަހުގެ 6 ވަނަ ދުވަހުއެވެ.
ރަށްރަށަށް ދާ ފަރާތްތައް ގޭގައި ކަރަންޓީން ކުރެވޭނެ އުސޫލު ހޮނިހިރު ދުވަހު އެޗްޕީއޭއިން ވަނީ އާންމު ކޮށްފައެވެ. އެގޮތުން އުސޫލުގައި ބުނެފައިވަނީ މާލޭގައި ފުރަބަންދުވެފައިވާ ފަރާތަތައް އެނބުރި ރަށަށް ދިއުމަށްފަހު، ގޭގައި ކަރަންޓީނު ކުރުމަށް ހަމަޖެހިފައިވަނީ 24 ދުވަހަށް ކަމަށެވެ. އެގޮތުން މާލެއިން ގެންދާ ފަރާތްތަކަކީ ކޮވިޑް-19 ގެ އެއްވެސް އަލާމާތެއް ނެތް މީހެއްތޯ ކަށަވަރު ކުރުމަށްފަހު، އެ ފަރާތްތައް ރަށަށް އެނބުރި ދިއުމުގެ ދަތުރުފަތުރުގެ އިންތިޒާމް ހަމަޖައްސާނީ ސަރުކާރުން ކަމަށް އެޗްޕީއޭއިން ބުނެއެވެ.
އޭގެ އިތުރުން، މި އުސޫލާ އެއްގޮތަށް ރަށްރަށަށް ދިއުމަށް ކައުންސިލުގައި އެދިފައިވާ ފަރާތްތައް ކަރަންޓީންވާ ބޭނުންވާ ގެއަކީ އުސޫލަށް ފެތޭ ގެއެއްތޯ ބަލާނީ އެރަށެއްގެ ޕަބްލިކް ހެލްތް ޔުނިޓާއި ގުޅިގެން ރަށު ކައުންސިލުން ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި އެއަށްފަހު ކައުންސިލުންއުސޫލުގައިބަޔާންކޮށްފައިވާ ފޯމު ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)އަށް ހުށައެޅުމުން އެ ތަރުތީބުން ރަށްރަށަށް ދެވޭގޮތް ކަމާބެހޭ ފަރާތްތަކުން ހަމަޖައްސަން ޖެހޭނެ ކަމަށް ބުނެފައިވެއެވެ.