ބޮލީވުޑްގެ ފިލްމީ ތަރި ސައިފް އަލީ ޚާނާއި އޭނާގެ އަންހެނުން ބަޠަލާ ކަރީނާ ކަޕޫރު، ދަރިފުޅު ތައިމޫރު އަލީ ޚާން ގޮވައިގެން އިރު އޮއްސޭ މަންޒަރު ބަލަން ދިއުމުން ގިނަ ބަޔަކު ފާޑު ކިޔައިފި އެވެ.
ކޮވިޑް-19 އާ ގުޅިގެން އިންޑިއާ ފުރަބަންދު ކުރި ނަމަވެސް މިހާރު ވަނީފުރަބަންދަށް ލުއިތަކެއް ދީފައެވެ. އެގޮތުން ކޮވިޑް-19 ނުފެތުރޭ ހިސާބުތަކުގައި ޒަރޫރީ ބޭނުންތަކަށް މަގުމައްޗަށް ނުކުތުމަށް އިންޑިއާ ސަރުކާރުން ހުއްދަ ދިނުމާއި ގުޅިގެން ބައެއް ހިސާބުތަކުގެ މީހުން ވަނީ މަގުތަކަށް ނުކުންނަން ފަށާފަ އެވެ.
އޭގެ ތެރޭގައި މުމްބާއީގެ ބެންޑްރާ ގައި ދިރިއުޅެމުންދާ ސައިފްގެ އާއިލާ ހިމެނެއެވެ. އެ ސައިފާއި، އޭނާގެ އަންހެނުން ވަނީ މެރިންޑްރައިވަށް އިރު އޮއްސޭ މަންޒަރު ބަލަން މީގެ އެއްދުވަސް ކުރިން ގޮސްފަ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޮއިން ސައިފާއި، ކަރީނާ މާސްކް އަޅައިގެން ތިއްބަ އެވެ. އަދި ސައިފްގެ ކޮޑުގައި ތައިމޫރު އިށީންދެގެން އިން މަންޒަރުވެސް ފެނެއެވެ. ސައިފްގެ އާއިލާ ސާފު ވައިގެ އަރާމު ހޯދަން ތިއްބާ ފުލުހަކު ވަނީ ތުއްތު ކުދިން ބޭރަށް ނެރުމަކީ މަނާކަމެއް ކަމަށް ބުނެ ފައެވެ.
ފުރަބަންދުގައި ތުއްތު ކުދިންނާއި އުމުރުން ދުވަސްވީ މީހުން ބޭރަށް ނެރުން މަނާކޮށްފައި ވަނިކޮށް ތައިމޫރު ބޭރަށް ނެރުމުން ބައެއް ފަރާތްތަކުން ވަނީ ތުއްތު ކުއްޖަކު މާސްކް ނާޅާ ބޭރަށް ނެރެގެން ނުވާނެ ކަމަށް ބުނެ ފާޑު ކިޔާފަ އެވެ.
އަދި މިއީ ޒިންމާދާރުކަން ކުޑަ އަމަލެއްގެ ގޮތުގައި ގިނަ ބަޔަކު ވަނީ ސިފަކޮށްފަ އެވެ.