ކ. މާލެ
|
7 ޖޫން 2020 | އާދީއްތަ 15:45
ގުޅިފަޅު ހިއްކަމުންދާ ސަރަހައްދު؛ އެ ސަރަހައްދުގައި ހުރި މުރަކަތައް އެހެންތަނަކަށް ބަދަލުކުރުމުގެ މަސައްކަތްވަނީ ފަށާފައި
ގުޅިފަޅު ހިއްކަމުންދާ ސަރަހައްދު؛ އެ ސަރަހައްދުގައި ހުރި މުރަކަތައް އެހެންތަނަކަށް ބަދަލުކުރުމުގެ މަސައްކަތްވަނީ ފަށާފައި
މުހައްމަދު ޝާމް / އިންސްޓަރގްރާމް
ގުޅިފަޅު ހިއްކާ މައްސަލަ
ގުޅިފަޅުގެ ހިއްކާ ސަރަހައްދުގައި ހުރި މުރަކަތައް އެހެންތަނަކަށް ބަދަލުކުރަން ފަށައިފި
 
ވިލިމާލެ ފަރަށް ބޮޑު ގެއްލުމެއް މިހާތަނަށް ލިބިފައިނެތް
 
ހިއްކަމުންދާތީ ވިލިމާލެ ފަރުމައްޗަށް ކިސަޑު އެޅިފައިވޭ
 
އެސްކަވޭޓަރުން ކޮނެފައި ހުރި ސަަރަހައްދުގައި ހުރި މުރަކަތަކަށް ލިބުނު ގެއްލުން ބޮޑު

މާލޭގެ ވިޔަފާރި ބަނދަރު ބަދަލުކުރަން ގުޅިފަޅުން ހިއްކާ ސަރަހައްދުގައި ހުރި މުރަކަތައް ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރްމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމެޓީ ބައްދަލުވުމުގައި އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ނައީމް ވިދާޅުވީ މުރަކަ ބަދަލުކުރުމަށް ހަމަޖެހިފައި އޮތީ ބިން ހިއްކުމުގެ މަސައްކަތް ފެށުމުގެ ކުރިން އެކަން ކުރުމަށް ކަމަށެވެ. އެހެންނަމަވެސް ލޮކްޑައުންއާ ގުޅިގެން ކުރަންޖެހޭ ބައެއް މަސައްކަތްތައް ނުކުރެވި ހުރިކަމަށް ނައީމް ވިދާޅުވިއެވެ. އަދި ޕްރޮޖެކްޓް ފެށުމަށް ބޭނުންވާ ބައެއް ސާމާނު ގެނެސްފައި ހުރުމުން ޕްރޮޖެކްޓަށް ލަހެއް ވެގެން ދިއުމަކީ ވަރަށް ބޮޑެތި ގެއްލުންތަކެއް ވެގެންދާނެ ކަމަކަށް ވާތީ އެ މަސައްކަތް ފެށުމާއެކު މުރަކަ ބަދަލުކުރުމުގެ ހުއްދަ އީޕީއޭއިން ދީފައިވާނެ ކަމަށެވެ.

ބުރާސްފަތި ދުވަހު ސައިޓަށް ގޮސް އުޅުނު އިރުވެސް، ކޮރަލް މޫވް ކުރުމަށްޓަކައި ހަރަކާތްތެރިވަމުންދިޔަ ތަން ފެނުނު. އެއާއެކު ކޮރަލް މޫވްކުރުމުގެ މަސައްކަތް ފެށިފައިވާ ކަމަށް ބެލެވިދާނެ. އެހެންނަމަވެސް ހިއްކުމުގެ މަސައްކަތް ކުރަމުންދާ ސަރަހައްދުގައި އޮއި ދައުރުވަމުންދާ ގޮތާއި ސެޑިމެންޓް ދައުރުވަމުންދާ ގޮތަށް ބަލާއިރު ވަރަށް ބޮޑަށް އެސަރަހައްދުގައި ހުރި މުރަކަތައް މަރުވެފައި ހުރިކަމަށް ނުވަތަ ސެޑިމެންޓްގެ އަސަރުކޮށްފައި ހުރިކަމަށް މި ފެންނަނީ،
އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ނައީމް

ނައީމް ވިދާޅުވީ އެސްކަވޭޓަރ މިހާރު ކޮންނަމުންދާތަނުގައި ހުރި މުރަކަތަކަށް ހުރީ ވަރަށް ބޮޑަށް އަސަރުކޮށްފައި ކަމަށާއި، ގުޅިފަޅުގެ އެހިސާބުގަނޑަށް ވަރަށް ބޮޑަށް އަސަރުކޮށްފައި އެބަހުރި ކަމަށެވެ. ނައީމް ވިދާޅުވީ އެންމެ ފުރަތަމަ ފަށައިގަނެވުނު އިރު މިޓިގޭޝަން މެޝަރސް އެންމެ ރަނގަޅަށް ނެގިފައި ނެތްކަމަށް ފަހަގަކުރެވިފައިވާ ކަމަށެވެ.

މިހާރު އެޅިފައިހުރި ފިޔަވަޅުތަކުން ހަގީގަތުގައި އަންނަ ރިޕޯތްތަކަށް ބަލާއިރު ސެޑިމެންޓް ލެވެލް ދައްކަނީ ވަރަށް ދަށްކޮށް. އެހެންނަމަވެސް އޭރިއަލް ފޮޓޯތަކުންނާއި ޑްރޯން ފޮޓޯތަކުން ފެންނަ ފެނުމަށް ސެޑިމެންޓް ފެތުރިގެންދާތަން އަޅުގަނޑުމެންނަށް އެބަފެނޭ. އެހެންނަމަވެސް މަތިން ބަލާ ފޮޓޯއަކުން ހަގީގަތުގައި ނޭނގޭނެ. މޫދަށް އެރި ބަލާއިރުގައި ގުޅިފަޅުގައި އެކަށީގެންވާ މިންވަރަށްވުރެ ބޮޑަށް ހިއްކާ ހިސާބުގައި ހުރި ސަރަހައްދަށް ސެޑިމެންޓްގެ އަސަރުކޮށްފައި. ނަމަވެސް އެއީ ކުރިއަށް އޮތްތަނުގައި ހިއްކާލާތަނެއް,
އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ނައީމް

ނައީމް ވިދާޅުވީ ބެލި ބެލުމުން ވިލިމާލެ ފަރަށް ސެޑިމެންޓްގެ ސަބަބުން އެކަށީގެންވާ ބަދަލެއް އައިސްފައިވާކަމަށް އަދި ނުދެންނެވޭނެ ކަމަށެވެ. އަދި އޭނާ އަމިއްލައަށް ވެސް އެ ސަރަހައްދަށް ގޮސް ދެ ދުވަހެއްގެ މަތިން ބަލާފައިވާ ކަމަށާއި، އެހާބޮޑު އަސަރެއް ކޮށްފައި ނުވާ ކަމަށެވެ. އަދި މިޓިގޭޝަން މެޝަރސް މިހާރު ނެގިފައި ހުރި މިންވަރުން އަދިއެއް އެހާ ބޮޑެއް ނޫން ކަމަށާއި، މިހާރު ނެގިފައި ހުރި މެޝަރސްތައް ވަރުގަދަކޮށްލަން ފެނިވަޑައިގަންނަވާ ކަމަށެވެ.

ގުޅިފަޅު ހިއްކަން ފެށުމާއިއެކު އެ ސަރަހައްދުގައި ހުރި ފަރުތަކަށް އޭގެ ނޭދެވޭ އަސަރުކޮށް، މުރަކަތައް މަރުވަމުންދާ ކަމަށާއި، އެ މަޝްރޫއު މިހާރުން މިހާރަށް ހުއްޓާލުމަށް ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ވަނީ ގޮވާލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
60%
0%
0%
40%
0%
0%
ކޮމެންޓް