ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުވެގެން ބަލީގެ ނުރައްކާ ރާއްޖޭގައި ނެތިދިޔައީ ކަމަށް ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) އަކުން ދެކެވަޑައި ނުގަންނަވާ ކަމަށް އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވެއްޖެއެވެ.
މަބްރޫކް މިހެން ވިދާޅުވީ ރާއްޖޭގައި ކޮވިޑަށް ޓެސްޓް ކުރެވޭ މިންވަރު މަދުކޮށްފައިވަނީ ބަލި ޖެހޭ މީހުންގެ އަދަދު މަދުކަމަށް ދެއްކުމަށް ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކާއި ގުޅިގެންނެވެ. ހޮނިހިރު ދުވަހުގެ ރޭ ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ އެއްވެސް ހާލެއްގައި ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުވެގެން ބަލީގެ ނުރައްކާ ރާއްޖޭގައި ނެތިދިޔައީ ކަމަށް އެންއީއޯސީ އަކުން ދެކެވަޑައި ނުގަންނަވާ ކަމަށެވެ.
އަދި ފޭސް 1 ހުޅުވާލުމާއި ގުޅިގެން ބަލި އިތުރު ބަޔަކަށް ޖެހިފައިވާނަމަ އެމީހުން ފެންނާނީ ވެސް އަދި އެހެން ގައުމުތަކުގެ ތަޖްރިބާއަށް ބަލާއިރު އކުރިއަށް އޮތް ދުވަސްތަކުގައި ކަމަށެވެ. ނަމަވެސް މިހާރު ނަގާ ސާމްޕަލްތަކަށް ބަލާއިރު ނަތީޖާތައް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ މަދު ކަމަށް މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވަނީ ފާއިތުވި ހަފްތާގެ ތެރޭގައި ކޮވިޑަށް ޓެސްޓް ކުރެވުނު އަދަދުތަކާއި ނަތީޖާތަކުގެ އަދަދު ހާމަކޮށްފައެވެ. ނިމިގެން ދިޔަ ހަފްތާ ތެރޭގައި 5734 ސާމްޕަލެއް ވަނީ ނަގާފައެވެ. އަދި ޕޮޒިޓިވްވެފައިވަނީ 310 މީހުންނެވެ.
- 30 މެއި – 653 ސާމްޕަލް – 81 ޕޮޒިޓިވް
- 31 މެއި - 557 – 101 ޕޮޒިޓިވް
- 31 މެއި ހަވީރު 6:00ން ފެށިގެން 1 ޖޫންގެ ހަވިރު 6:00 އާ ހަމައަށް 835 ސާމްޕަލް – 56 ޕޮޒިޓިވް ކޭސް
- 1 ޖޫންގެ 6:00ން 2 ޖޫންގެ 6:00ށް 704 ސާމްޕަލް – 12 ޕޮޒިޓިވް
- 2 ޖޫންގެ 6:00ން 3 ޖޫންގެ 6:00ށް 618 ސާމްޕަލް – 9 ޕޮޒިޓިވް
- 3 ޖޫންގެ 6:00ން 4 ޖޫންގެ 6:00ށް 685 ސާމްޕަލް – 22 ޕޮޒިޓިވް ކޭސް ފެނުނު.
- 4 ޖޫންގެ 6:00ން 5 ޖޫންގެ 6:00ށް 957 ސާމްޕަލް – 11 ޕޮޒިޓިވް
- 5 ޖޫންގެ 6:00ން 6 ޖޫންގެ 6:00ށް 725 ސާމްޕަލް – 18 ޕޮޒިޓިވް
މަބްރޫކް ވިދާޅުވީ އައިޖީއެމްއެޗްގެ ލެބޯޓަރީގައި ހުރި އެއް މެޝިނެއްގައި މައްސަލައެއް ދިމާވެފައިވާ ކަމަށެވެ. އަދި އައިޖީއެމްއެޗްގެ ލެބޯޓަރީއަށް ދެވަނަ މެޝިނެއް ގެނައުމާ އެކީގައި ކެޕޭސިޓީ 700ށް އިތުރުވި ނަމަވެސް މެޝިނަށް މައްސަލައެއް ދިމާވުމާއެކީގައި މިހާރު އައިޖީއެމްއެޗްގެ ލެބޯޓަރީގައި ޓެސްޓް ހެދޭނީ 450 – 500 އާ ދެމެދުގެ އަދަދަކަށް ކަމަށް މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ މެޝިން ރަނގަޅުކުރުމަށް ބޭނުންވާ ބައިތައް އޯޑަރު ކުރުމަށް މަސައްކަތް ކުރަމުންދާކަމަށް އައިޖީއެމްއެޗުން މައުލޫމާތުދީފައިވާ ކަމަށެވެ.