ކޮވިޑް-19 އާ ގުޅިގެން ސްކޫލްތަކުގައި ބޭނުންކުރުމަށް 500 ޑިޖިޓަރ އައިއާރު ތަރމޯމީޓަރު ހޯދުމުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީން ފަށައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިހާރު ވަނީ ތަރމޯމީޓަރު ހޯދުމުގެ މަޝްރޫޢަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފަ އެވެ. މި މަޝްރޫޢަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. އަދި މި މަޝްރޫޢުގައި ރަޖިސްޓްރީ ކުރުމަށް ހުކުރު ދުވަހުން ފެށިގެން އަންގާރަ ދުވަހުގެ ނިޔަލަށް އޮންލައިންކޮށް ފޯމު ހުށަހެޅުމަށް ރަޖިސްޓްރީ ކޮށްދެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.
މި މަޝްރޫޢާއި ބެހޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ ޖޫން މަހުގެ 10 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް އެމިނިސްޓްރީއަށް އެދުމުގެ ފުރުޞަތު މިނިސްޓްރީން މިހާރު ވަނީ ހުޅުވާލާފަ އެވެ. މި މަޝްރޫޢުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 10،000 ރުފިޔާ ހުށަހަޅަން ޖެހެއެވެ.
500 ޑިޖިޓަލް އައިއާރު ތަރމޯމީޓަރ ހޯދަން އެޑިއުކޭޝަން މިނިސްޓްރީން އިއުލާނުކޮށްފައިވާ އިރު، ޔުނައިޓެޑް ނޭޝަންސް ޗިލްޑްރެން ފަންޑް (ޔުނިސެފް)ގެ އެހީގައި ކުރިއަށްގެންދާ "ސްކޫލް ވޮޝް ޕްރޮގްރާމް" ގެ ދަށުން ސްކޫލްތަކުގެ ކުލާސްރޫމްތަކަށް 12,500 އަތްދޮންނަ ސައިބޯނި ފުޅި ހޯދުމަށްވެސް ވަނީ އިޢުލާނުކޮށްފަ އެވެ.