އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް ދެއްކެވި ވާހަކަތަކާ ގުޅިގެން އަދާލަތު ޕާޓީގެ އިސްފަރާތްތަކުން ދެއްކެވި ވާހަކަތަކަށް އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް ރައްދު ދެއްވައިފި އެވެ.
ގާނޫނޫ އަސާސީ އިސްލާހުކުރުމަށް މަޖިލިހުގައި ބޭއްވުނު ޖަލްސާގައި، މެމްބަރުންގެ މެދުގައި ހިނގައިދިޔަ ހަމަނުޖެހުންތަކާއި ގުޅިގެން މީޑިއާގައި މިނިސްޓަރ އިމްރާން ވާހަކަފުޅު ދައްކަވާފައިވާއިރު، އެކަމާއި ގުޅިގެން މެމްބަރު ހަސަން ލަތީފް ވަނީ އެއްވެސް ދާއިރާއަކުން އަދާލަތު ޕާޓީއަށް ރައްޔިތުންގެ ތާއީދު ލިބި، މަޖިލީހުގެ އެންމެ ގޮނޑިއެއްގެ މިންވަރުވެސް ކާމިޔާބު ކުރެވިފައި ނުވާއިރު، މަޖިލީހުގެ ނިޒާމަށް ހުރަސް އަޅައި އިންތިޒާމުތަކުގެ ތެރެއަށް އަރައިގަތުމުގެ ވިސްނުން ޝެއިހް އިމްރާން އަބްދުﷲގެ ހުރެގެން ނުވާނެކަމަށް ވިދާޅުވެފަ އެވެ.
އެކަމަށް ރައްދުދެއްވައި ކުރީގެ ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް ވަނީ ވާހަކަދައްކަވާފަ އެވެ. އެގޮތުން ޝިދާތާ ވިދާޅުވީ، އަދާލަތު ޕާޓީގެ ގޮނޑިއެއް މަޖިލީހުގައި ނެތަސް އަދި ޕާޓީ ކިތަންމެ ކުޑަޔަސް ކޮންމެ ފަހަރަކު ވެރިކަމަށް އަންނަން ބޭނުންވާ ވޯޓުކޮޅު ހޯދަނީ އަދާލަތު ޕާޓީން ކަމަށެވެ.
ޝިދާތާގެ އިތުރުންވެސް އަދާލަތު ޕާޓީގެ އިސް ބައެއް ބޭފުޅުން އެމްޑީޕީއަށް ރައްދު ދެއްވާފައިވާއިރު، އެންމެ ފަހުން އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިވަނީ އެ ބަހުސްގެ ތެރެއަށް ވަދެވަޑައިގެންފަ އެވެ. އެކަމާއި ގުޅޭގޮތުން ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަދާލަތު ޕާޓީއަކީ އެމްޑީޕީގެ ކޯލިޝަން ޕާޓީއެއްގެ ގޮތުގައި ދެކޭނަމަ، އެމްޑީޕީގެ ޗެއަރޕަރސަން ވިދާޅުވާ އެއްޗެހި އަޑުއެހުން ވެސް ބުއްދިވެރި ކަމަށެވެ.
އޭގެ އިތުރުން، އަދާލަތު ޕާޓީއަށް ޚުދު އެމަނިކުފާނު ފުރުއްވައިދެއްވި ފޯމުތައް މަދެއް ނުވާނެކަން ފާހަގަ ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، އަދާލަތު ޕާޓީގެ މުސްތަޝާރަށްވެސް އެކަން އެނގިވަޑައިގަންނަވާނެ ކަމަށެވެ.