ކ. މާލެ
|
19 މެއި 2020 | އަންގާރަ 20:30
ރާއްޖެޓީވީގެ އޮންއެއަރ- ސްޓާފުން ސްޓޭޝަންގައި ލޮކްޑައުންވީ 19 އޭޕްރީލްގައި
ރާއްޖެޓީވީގެ އޮންއެއަރ- ސްޓާފުން ސްޓޭޝަންގައި ލޮކްޑައުންވީ 19 އޭޕްރީލްގައި
ރާއްޖެއެމްވީ
ރައްޖެޓީވީ ސްޓޭޝަންގެ ލޮކްޑައުން
ރާއްޖެޓީވީގެ ލޮކްޑައުންއަށް 30 ދުވަސް- މުވައްޒަފުން ކުރަމުންދާ ތަފާތު ތަޖުރިބާ
ސްޓޭޝަން ލޮކްޑައުންކުރީ 19 އޭޕްރީލް ވީ އާދިއްތަ ދުވަހުގެރޭ
ލޮކްޑައުންއަށް 11 ވަނަ ދުވަސް ފުރުނު ދުވަހު ރާއްޖެއިން ފުރަތަމަ މީހާ މަރުވި
މަސައްކަތް ކުރަމުންދަނީ ހުރިހާ ޑިޕާރޓްމަންޓުތައް ގުޅިގެން

މާލެ ސަރަޙައްދުން ވައިރަސްގެ ކޮމިއުނިޓީ ސްޕްރެޑެއް ފެނިގެން ދިއުމާއެކު މާލެ ސަރަޙައްދު ލޮކްޑައުންކޮށް، އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުމާ ގުޅޭގޮތުންވެސް ހަރުކަށި އުސޫލުތަކެއް ޤާއިމުކުރެވިގެން ދިޔައެވެ. އެއާއެކު ގޭގައި ލޮކްޑައުންވެ ތިބެ، މުޅި ރާއްޖޭގެ ޙާލަތަށް އަންނަމުންދާ ބަދަލުތަކާއި، އެންމެ ފަހުގެ މައުލޫމާތުތައް ރައްޔިތުންވެސް ދިޔައީ ހޯދަމުންނެވެ. އެކަމަށް އެހީތެރިވުމުގެ ގޮތުން ކޮވިޑް-19 އާއި ގުޅިގެން މާލެ ސިޓީގައި އިއުލާން ކޮށްފައިވާ ލޮކްޑައުން ހާލަތު ނިމެންދެން، ރާއްޖެޓީވީގެ ބައެއް މުވައްޒަފުން ރާއްޖެޓީވީ ހިނގަމުންދާ އިމާރާތުގައި ތިބުމަށް ނިންމައި، 19 އޭޕްރީލްގައި ސްޓޭޝަން ލޮކްޑައުން ކުރިއެވެ.

ސްޓޭޝަންގެ ތެރޭގައި ދިރިއުޅުމަށް ހޭނުން- ތަފާތު ތަޖުރިބާއެއް

އޮފީހުގައި ލޮކްޑައުންވުމަށް އެނދުތަންމަތި ހިފައިގެން ސްޓާފުން އަންނަނީ

މެނޭޖްމަންޓުގެ ލަފައާއި މަޝްވަރާއާއެކު އޮފީހުގައި ލޮކްޑައުންވުމަށް މުވައްޒަފުން ފޮށިތަންމަތި ހިފައިގެން އައީ މާލެ ސަރަޙައްދުން ކޭސްތަކެއް ފެންނަމުން ދިއުމާއެކު، ޚަބަރުތަކާއި މައުލޫމާތުތައް ގެނެސްދިނުމުގައި މުވައްޒަފުންނަށްވެސް އެންމެ ރައްކާތެރި ގޮތަކީ އެއީކަމަށް ވާތީއެވެ. ސްޓޭޝަންއަށް އާންމުކޮށް ވަދެ ނުކުތުންވެސް މަނާކޮށްފައިވާއިރު، ބޭރުން ގެނެވޭ ކާތަކެތިވެސް ވައްދަނީ ޑިސްއިންފެކްޓްކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައެވެ.

އޭގެ އިތުރުން، ރޯދަ މަހަށް ވުމާއެކު، ރޯދަ ވީއްލާ ގަޑިއާއި، ހާރު ކެއުމުގެ ވަގުތުގައި މުވައްޒަފުން އެކުގައި ހޭދަކޮށްލަން ލިބޭ ވަގުތުކޮޅަކީ އަމިއްލަ ގެއާއި އާއިލާގެ ހަނދާންތައް އާ ކުރުވާކަމެއް ކަމަށް ގިނަ މުވައްޒަފުން ބުނެއެވެ. އެއް ތަނެއްގައި އެކުގައި މަސައްކަތްކުރާ މުވައްޒަފުންނާއެކު ރޯދަ ވީއްލާ ވަގުތަކީ ހަޤީޤަތުގައިވެސް މަޖާ އަދި އުފާވެރި ވަގުތުކޮޅެކެވެ.

މުވައްޒަފުން އެކުގައި ރޯދަވީއްލާ ވަގުތަކީ އެންމެ އުފާވެރި އެއް ވަގުތުކޮޅު ކަމަށް މުވައްޒަފުން ބުނޭ

އޭގެ އިތުރުން، ސްޓޭޝަންގެ އެކި ތަންތަނުގައި ނިދުމުގެ އިންތިޒާމްތައްވެސް ހަމަޖައްސާފައިވާއިރު، މުވައްޒަފުން މަސައްކަތް ކުރަމުން ދިޔައީ ދެ ޝިޕްޓަކަށް ބަހާލައިގެންނެވެ. ސްޓޭޝަންގެ ލޮކްޑައުން ޓީމުގައި ހިމެނޭ ރާއްޖެޓީވީގެ އެކްޓިންގ ސީއީއޯ ނާޒްމީ ސައީދާއި، ޕްރޮގްރާމް ހެޑް އާމިރް ސަލީމްގެ ބެއްލެވުމުގެ ދަށުން ދެ ޝިފްޓުގެ ކަންކަން ކުރިއަށްގެންދާއިރު، ކޮންމެ ވަގުތެއްގައިވެސް ތިބެން ޖެހެނީ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ޙާލަތަށް އަންނަމުންދާ ބަދަލުތަކުގެ ފަހުގެ މައުލޫމާތުތަކަށް އަހުލުވެރިވެ، ތައްޔާރުވެގެންނެވެ.

ސްޓޭޝަންގެ ބައެއް މުވައްޒަފުން ނިދުމުގެ އިންތިޒާމްތައް ހަމަޖެހިފައި

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ފުރަތަމަ މީހާ ނިޔާވީވެސް ލޮކްޑައުންގައި ތިއްބައި

ސްޓޭޝަންގެ ތެރޭގައި ލޮކްޑައުންގައި ތިބޭއިރު، ކޮވިޑް-19 ގެ ޚަބަރުތަކާއި، ފަހުގެ މައުލޫމާތުތައް ގެނެސްދިނުމަށް މުވައްޒަފުން މަސައްކަތް ކުރަމުންދާއިރު، ކޮވިޑް-19 ޖެހިގެން ރާއްޖޭގައި ފުރަތަމަ މީހާ ނިޔާވި ދުވަސް ވެގެންދިޔައީ މުވައްޒަފުންނަށްވެސް ނުހަނު ބޮޑު ހިތްދަތިކަމެއް ގެނުވި ދުވަހަކަށެވެ. ސްޓޭޝަންގެ ލޮކްޑައުންއަށް 11 ވަނަ ދުވަސް ފުރުނު ދުވަހު ރާއްޖެއިން ކޮވިޑް-19 ޖެހިގެން މީހަކު ނިޔާވިކަން ރާއްޖެޓީވީގެ ލައިވްގައާއި، ޚަބަރުތަކުގައި ގެނެސްދިނުމަށް އަވަސްވެގަތީ އެ ހިތްދަތިކަމާއި ހިތް ނުތަނަވަސްކަން އެއްފަރާތްކޮށް، އަވަހަށް ރައްޔިތުންނަށް ޚަބަރު ފޯރުކޮށްދިނުމުގެ މަޤްސަދުގައެވެ.

މީހަކު މަރުވިކަން އެނގުނު، ދެން ރަސްމީ އިދާރާއަކުން ކަށަވަރު ނުވާތީ އޭރު ބްރޭކް ނުކޮށް ތިބީ، ދެން ކުއްލިއަކަށް ޕްރެސް ބާއްވާކަން އެނގުނީމާ އެހިސާބުން ޔަޤީންވި އިތުރަށް، ދެން އަޅުގަނޑު ބްރޭކިންގ ނިއުސްކީ، އެގަޑީ ގައިން ހީބިހި ނަގައިގެން ދިޔަ، ކޮވިޑް-19 ގައި ރާއްޖެއިން ފުރަތަމަ ފަހަރަށް މީހަކު މަރުވެއްޖޭ ބުނަން ވީމާ ވަރަށް ހިތްވަރުކޮށްފައި ބްރޭކިންގް ނެގީ
ސީނިއަރ ވީޑިއޯ ޖާރނަލިސްޓް ހުސައިން މަކްތޫމް

ލައިވް ކަވަރޭޖްގައި ކޮވިޑް-19 ގެ ފަހުގެ މައުލޫމާތުތައް ގެނެސްދޭ

ރާއްޖެޓީވީން ގެނެސްދޭ ލައިވް ކަވަރޭޖަކީ ރާއްޖެއާއި ދުނިޔޭގެ މަޝްރަޙުން ކޮވިޑް-19 އާ ގުޅިގެން ފާހަގަ ކުރެވޭ ފަހުގެ މައުލޫމާތުތައް ގެނެސްދިނުމަށް ކުރިއަށްގެންދާ ކަވަރޭޖެކެވެ. ހެނދުނު 07:00 އިން ފެށިގެން ލައިވް ކަވަރޭޖްގެ ގަޑިތައް ފެށޭއިރު، ރޭގަނޑު 03:30 އާ ހަމައަށް ކަވަރޭޖްގެ އެކި ބައިތައް ކުރިއަށްދެއެވެ. އެ ގަޑިތަކުގައި ކަވަރޭޖް ކުރިއަށް ގެންދިއުމުގެ އިތުރުން، ޚަބަރު ގަޑިތަކާއި، ވެބްސައިޓުގެ ފަހުގެ ޚަބަރުތަކާއި، ރާއްޖެއެމްވީގެ ކޮވިޑް-19 ޚާއްސަ ބްލޮގް އަޕްޑޭޓް ކުރުމުގެ އިތުރުން، ސަރުކާރުން ބާއްވާ އޮންލައިން ނޫސްވެރިންގެ ބައްދަލުވުންތަކުގައި ބައިވެރިވެ އެކަމާގުޅޭ ޚަބަރުތައް ގެނެސްދިނުމުގައި ސްޓޭޝަންގައި ލޮކްޑައުންވެ ތިބި ނިއުސްޓީމާއި، އޮންއެއާރ ގެ އިތުރުން، ޓެކްނިކަލް ޓީމުވެސް މުހިއްމު ރޯލެއް އަދާކުރެއެވެ. އަދި މި މަސައްކަތްތަކަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނުމަށް ރާއްޖެޓީވީގެ އެޑްމިންއާއި، މި ޑިޕާރޓްމަންޓު ތަކުން ގޭގައި ތިބެ މަސައްކަތް ކުރާ މުވައްޒަފުން ކުރަމުންދާ ބުރަ މަސައްކަތްވެސް ފާހަގަކޮށްލެވެއެވެ.

ރާއްޖެޓީވީގެ ލައިވް ކަވަރޭޖް ސެޓަޕް ހެދުމުގެ މަސައްކަތް ކުރިއަށްދަނީ
ލޮކްޑައުންގައި ރާއްޖެޓީވީގެ 23 މުވައްޒަފުން ސްޓޭޝަންގައި ތިބެގެން ކުރިއަށްގެންދާ މަސައްކަތްތައް ފުރިހަމަ ކުރަނީ ސްޓޭޝަނުން ބޭރުގައި ތިބި މުވައްޒަފުންގެ ބައިވެރިވުމާވެސް އެއްކޮށް، އެގޮތުން ބޭރުން ނަގަންޖެހޭ ލައިވްތަކާއި އެކި ތަންތަނުގެ ވީޑިއޯއާއި ފޮޓޯ ނެގުން ފަދަ ކަންކަން ކުރަނީ ސްޓޭޝަނުން ބޭރުގައި ތިބި ނޫސްވެރިންނާ ކެމެރާމަނުން، އޭގެ އިތުރުން، ސްޓޭޝަންގައި ތިބޭ މުވައްޒަފުންގެ ގެއިން ގެންނަންޖެހޭ އެއްޗެހި ގެނައުމާއި ގެންދިއުމުގައި ހަރަކާތްތެރިވަނީ ރާއްޖެޓީވީ ވެހިކަލް ޑްރައިވަރ، އަދި ސްޓޭޝަން ބޭރުގައި ތިބި ސްޓޭޝަންގެ އިސް ފަރާތްތަކުން ކަންކަން ފެސިލިޓޭޓްކޮށްދޭ
ރާއްޖެޓީވީގެ ޕްރޮގްރާމް ހެޑް އާމިރް ސަލީމް

މުވައްޒަފުންގެ ސާމްޕަލް ނެގި ދުވަސް- ހަނދާނުން ފުހެލަން ދަތި ތަޖުރިބާއެއް

މުވައްޒަފުންގެ ސާމްޕަލް ނެގުމަށް ރެޕިޑް ރެސްޕޮންސް ޓީމުން ތަައްޔާރުވަނީ

ރާއްޖެޓީވީ ސްޓޭޝަން ލޮކްޑައުންއަށް 30 ދުވަސް ފުރޭއިރު، ދިމާވި އެންމެ ހަނދާނުން ފުހެލަން ދަތި ކަމެއްގެ ގޮތުގައި މުވައްޒަފުން ސިފަ ކުރާ އެއް ކަމަކީ ސްޓޭޝަންގައި ތިބި މުވައްޒަފުންތަކެއް ބަލިވުމާއި ގުޅިގެން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ މުވައްޒަފުންގެ ސާމްޕަލް ނަގަން މެޑިކަލް ޓީމުން ސްޓޭޝަނަށް އައި ދުވަހެވެ. ބަލިވެފައިވާ މުވައްޒަފުންގެ އިތުރުން، ލޮކްޑައުންގައި ތިބި ހުރިހާ މުވައްޒަފުންގެ ރެންޑަމް ސާމްޕަލް ނެގިއިރު، ސާމްޕަލް ނަގާ މަންޒަރާއި، އެ މަސައްކަތް ކުރިއަށްދާގޮތް ގާތުން ބަލާލަންވެސް ލިބިގެންދިޔައެވެ.

ރާއްޖެޓީވީގެ މުވައްޒަފުންގެ ރެންޑަމް ސާމްޕަލިންގެ ތެރެއިން
ފުރަތަމަ ސާމްޕަލް ނަގަން ފެށިގަޑީ ވަރަށް ބިރުގަތް، އެކަމަކު ސާމްޕަލް ނެގިގަޑީ އެހާ ހާހެއް ނުވި، ނަތީޖާ އަންނަންދެން މަޑުކުރިއިރު ބިރުގަތް އެއީ އެ ދުވަސްކޮޅު ބަލިވެ އުޅުނީމަ، އެ ގަޑީގައި އެހާ ޕޮޒިޓިވްކޮށް ވިސްނަންވެސް ކުޑަކޮށް އުނދަގޫވި ޙާލަތުގެ ގޮތުން، އެކަމަކު ނަތީޖާ އައިމަ ވަރަށް އުފާވި
ރާއްޖެޓީވީގެ އޮން-އެއަރ އޮޕަރޭޓަރ ރޫނާ ޝިޔާމް

ސާމްޕަލް ނެގުމަށްފަހުވެސް، ބަލިވެފައި ތިބި މުވައްޒަފުން އެކަހެރިކޮށް، ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތައް ސްޓޭޝަންގެ ތެރޭގައިވެސް އިތުރަށް ވަރުގަދަކުރިއެވެ. ނަތީޖާގެ އިންތިޒާރުގައި މުވައްޒަފުން ތިބިއިރު، މުވައްޒަފުންގެ ގާތް ގުޅުމާއި، މެނޭޖްމަންޓުގެ އެހީތެރިކަމާއެކު ހިތްވަރާއެކު މަސައްކަތް ކުރުމުގެ ޢަޒުމަކަށް ބަދަލެއް ނާދެއެވެ. މާތް ﷲ ގެ އިރާދަފުޅުން ހުރިހާ ސާމްޕަލެއްގެ ނަތީޖާ ނެގެޓިވް ވެފައިވާއިރު، މުވައްޒަފުން އަދިވެސް ދަނީ ހުއްޓުމެއްނެތި، މި މަސައްކަތުގައި ކުރިއަށެވެ. ރާއްޖެޓީވީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސަލީމްގެ އިރުޝާދާއެކު، މުވައްޒަފުންވެސް މަސައްކަތް ކުރަމުންދަނީ ރައްޔިތުންނަށް ޚިދުމަތެއް ފޯރުކޮށްދިނުމަށެވެ. ޤައުމަށް ދިމާވެފައި މިވާ އުނދަގޫ ވަގުތުގައި އާއިލާއާއި ގާތްތިމާގެ މީހުންނާ ދުރުގައި މަސައްކަތް ކުރަމުންދަނީ ރައްޔިތުންނަށް އެންމެ ފަހުގެ ޚަބަރާއި މައުލޫމާތުތައް ގެނެސްދިނުމުގެ މަޤްސަދުގައެވެ.

ކަވަރޭޖްގެ ކޮންޓެންޓް މުއްސަނދި ކުރުމަށްޓަކައި ސިވިލް ސަރވިސްގެ ރައީސްގެ ސްކައިޕް އިންޓަވިއު ސެޓަޕް ހަދަނީ

ރާއްޖެޓީވީގެ ސްޓާފުން ލޮކްޑައުންގައި ތިބެ މަސައްކަތް ކުރަމުންދާއިރު، ހުރިހާ މުވައްޒަފުންގެވެސް އުއްމީދަކީ ރާއްޖޭގެ މި ޙާލަތު ބަދަލުވެ، ޤައުމު އަލުން އާންމު ޙާލަތަކަށް ދިއުމެވެ. "އައު ނޯމަލް" އަކާ އެކުވެސް، ރައްޔިތުން ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުތަކަށް ބޯލަނބައި، މި ކުޑަކުޑަ ވައިރަސްއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި އެއްބާރުލުންދީ ފަރުދީ ޒިންމާ އަދާ ކުރުމެވެ. ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތުވެސް ދުވަހެއް ދުވަހަކަށް ރަނގަޅުވެގެން ދިއުމެވެ. ރައްޔިތުންނަށް ޚަބަރާއި މައުލޫމާތު ފޯރުކޮށްދިނުމުގައި ރާއްޖެޓީވީގެ ޓީމުން ހުއްޓުމެއްނެތި މަސައްކަތް ކުރަމުންދާނެއެވެ. ގޭގައި ތިބެ، ރައްކާތެރިވާށެވެ.

- ކޮމެންޓް
20 މެއި 2020 | ބުދަ 02:18
ލަމް
ޢަސްލް ރާއްޖެ ޓީވީގެ ކުރީގަ ތިބި ކުދިން އުޅުން އިރުގަ މާ ބަލާހިތް ވޭ ރާއްޖެޓިވީ އެމީހުން ގެ ހަބަރުތަކާ ރިޕޯޓް ތައް މާ ފުރިހަމަ
20 މެއި 2020 | ބުދަ 01:36
ޞަފާ
ޥަރަށް ބަލާލާ ހިތްވޭ ކައްކާ ކައި އުޅޭނެ ގޮތާއި ނިދާތަން
20 މެއި 2020 | ބުދަ 01:16
މުޙައްމަދު
އިޚްލާސްތެރި ކަމާއެކު ތިޔަ އަގުހުރި މަސައްކަތްތަކަށް ޝުކުރުވެރިވަން.