އުތުރު ކޮރެއާ އިން އެގައުމުގެ އިރުމަތީ ސަރަހައްދުގައި އޮންނަ ސިންޕޯ ސިޓީގެ ބަނދަރުން ބެލިސްޓިކް މިސައިލެއް ޖަޕާނު ކަނޑަށް ފޮނުވާލައިފައިވާ ކަމަށް އެމެރިކާ އަދި ދެކުނު ކޮރެއާގެ އޮފިޝަލުން ބުނެފިއެވެ.
ދެކުނު ކޮރެއާގެ ޑިފެންސް އޮފިޝަލުން ބުނެފައި ވަނީ އުތުރު ކޮރެއާ އިން ފޮނުވާލާފައިވާ މިސައިލް 60 ކިލޯމީޓަރަށް ދަތުރު ކުރި ކަމަށެވެ.
އުތުރު ކޮރެއާ އިން ޖަޕާނު ކަނޑަށް ފޮނުވާލި މިސަައިލް ފަދަ ކިތަންމެ މިފަދަ މިސައިލެއް މިދޭތެރެއިން ފޮނުވާލައިފައިވާއިރު އެގައުމުން ބުނަމުން ދަނީ މިއީ ސުލްހަވެރި ޓެސްޓްތަކެއް ކަމަށެވެ. އެހެން ނަމަވެސް ހުޅަނގުން ދެކެނީ މިއީ ނިއުކްލިއާ ހަތިޔާރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ކުރާ ކަމެއް ކަމަށާއި މިއީ ހުއްޓާލަން ޖެހޭ ކަމެއް ކަމަށެވެ.
އުތުުރު ކޮރެއާ އިން މިސައިލެއް ޖަޕާނު ކަނޑަށް ފޮނުވާލިއިރު، ޗައިނާގެ ރައީސް ޝީ ޖިންޕިން ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ބައްދަލު ކުރެއްވުމަށްޓަކައި އެމެރިކާއަށް ދަތުރުފުޅެއް ކުރައްވަން ހަމަޖެހިފައެވެ. މި ދަތުރުފުޅުގައި އުތުރު ކޮރެއާ އިން ކުރާ ނިއުކްލިއާ އަދި މިސައިލް ޕްރޮގްރާމް ހުއްޓުވުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އުތުރު ކޮރާއިން އެއްވެސް މިސައިލެއް ނޫނީ ނިއުކްލިއާ ޓެސްޓެއް ކުރުމަކީ މަނާ ކަމެއް ކަމަށް އދ. އިން ކަނޑައަޅާފައިވާއިރު އުތުރު ކޮރެއާ އިން އެކަމަކަށް ބޯނުލަނބައެވެ.
އުތުރު ކޮރެއާއިން ދާދި ފަހުން ކުރި މިސައިލް ޓެސްޓްތަކާ ގުޅިގެން ރައްދުގައި އެމެރިކާ އިން ވަނީ ދެކުނު ކޮރެއާގައި މިސައިލް ޑިފެންސް ސިސްޓަމެއް ގާއިމު ކުރަން ފަށާފައިވާ ކަމަށް ބުނެފައެވެ. އެމެރިކާ އިން ދެކުނު ކޮރެއާގައި ގާއިމު ކުރާ، ދަ "ޓާމިނަލް ހައި-އެލްޓިޓިއުޑް އޭރިއާ ޑިފެންސް ސިސްޓަމް"، (ތާޑް) އަކީ އުތުރު ކޮރެއާގެ ނުރައްކާތަކުން ދެކުނު ކޮރެއާ ސަލާމަތް ކުރުމަށް ގާއިމު ކުރާ ސިސްޓަމެެކެވެ.