މަޝްހޫރު ލަވަކިޔުންތެރިޔާ، ރިހާނާގެ އާ އަލްބަމަކަށް ފޭނުން އިންތިޒާރު ކުރާތާ އެތަކެއް އަހަރެއްވެފައިވާއިރު، އަލްބަމް "ގެއްލިއްޖެ" ކަމަށް އޭނާ ބުނެފި އެވެ.
އޭނާގެ އަލްބަމެއް އެންމެ ފަހުން ރިލީޒްކޮށްފައި ވަނީ 2016 ވަނަ އަހަރެވެ. އެއީ އޭނާގެ އަށް ވަނަ ސްޓޫޑިއޯ އަލްބަމް ކަމަށްވާ 'އެންޓި' އެވެ.
ރިހާނާ އާ އަލްބަމެއް ރިލީޒް ނުކޮށްގެން ފޭނުން ސޯޝަލް މީޑިއާގައި މައްސަލަ ޖައްސަމުންދާއިރު، އޭނާގެ އިންސްޓަގްރާމް އެކައުންޓްގެ ޕޯސްޓްތަކަށް ފޭނުން ކުރާ ބައެއް ކޮމެންޓްތަކަށް ރިހާނާ ދަނީ ސަކަ މިޒާޖަކަށް ޖަވާބު ދެމުންނެވެ.
އެގޮތުން، އިންސްޓަގްރާމްގައި މީގެ ތިން ދުވަސް ކުރިން އޭނާގެ "ފެންޓީ ބިއުޓީ ލައިން" އާ ގުޅުން ހުރި ޕޯސްޓެއްގައި, އަލްބަމް ކޮބާހޭ ސުވާލު ކުރުމުން ރިހާނާ ބުނެފައިވަނީ އޭނާ އަތުން އަލްބަމް "ގެއްލިއްޖެ" ކަމަށެވެ.
މީގެ އިތުރުން، އެހެން ފަރާތެއް އަލްބަމެއް ރިލީޒް ނުކުރާން ގޮވާލައިފައިވާއިރު، ރިހާނާވަނީ އެއަށް ވެސް ކޮމެންޓްކޮށްފަ އެވެ. ރިހާނާގެ ފޭނުން "ނޭވީ" ންނަށް ގޮވާފައި އެގޮތަށް ކޮމެންޓް ކުރި އެކައުންޓަށް އިޝާރާތްކޮށް އޭނާ ބުނެފައިވަނީ އަލްބަމް ރިލީޒް ނުވެ އޮތުމުގެ ޒިންމާ ނަގަން ޖެހޭނީ އޭނާ ކަމަށެވެ.
ރިހާނާ ފޭނުންނާ އެގޮތަށް ސަމާސަކޮށް މުއާމަލާތް ކުރަމުން ދިޔަ ނަމަވެސް، އޭނާ މީގެ ކުރިން ބުނެފައިވަނީ 2019 ވަނަ އަހަރު އާ އަލްބަމެއް ރިލީޒް ކުރެވޭނެ ކަމަށެވެ. ނަމަވެސް އެ އަހަރު ނިމުނު އިރުވެސް މިކަން ވެފައި ނެތުމުން ބައެއް ފޭނުން ހިތްހަމަ ނުޖެހުން ފާޅުކޮށްފައި ވެއެވެ.
ބާބެޑޯސް އަށް އުފަން ރިހާނާ ދުނިޔެއަށް މަޝްހޫރުވީ ލަވަކިޔުންތެރިއެއްގައި ގޮތުގައި ނަމަވެސް، ރިހާނާ މިހާރު ބޮޑަށް ކުރަމުން އަންނަނީ އޭނާގެ 'ފެންޓީ ބިއުޓީ ލައިން' އާއި 'ސެވޭޖް' ލޯންޖްރޭ ލައިންތަކުގެ މަސައްކަތެވެ. އަދި ލަވަކިޔުމުން ބްރޭކެއްގައި ރިހާނާ އުޅޭއިރު، އޭނާ ބައެއް ފިލްމްތަކުން ވެސް ފެނިފައި ވެއެވެ.
އެހެންކަމުން، އޭނާއާ އަދިވެސް އެންމެ ގިނައިން ކުރެވޭ ސުވާލަކީ އާ ލަވަތަކެއް އަޑު އިވޭނެ ދުވަހެއްގެ ސުވާލެވެ.