ބޮލީވުޑްގެ ތަރި ސާރާ އަލީ ޚާންގެ ކޮއްކޮ އިބްރާހިމް އަލީ ޚާންވެސް ބޮލީބުޑާއި ގުޅުމަށް ޝައުޤުވެރިކަން އެބަހުރި ކަމަށާއި ނަމަވެސް ޕްރޮފެޝަނަލް އެކްޓަރަކަށް ވުމުގެ ކުރިން އޭނާގެ ކިޔެވުން ފުރިހަމަކުރަންޖެހޭ ކަމަށް ސާރާ ބުނެފިއެވެ.
ސާރާ އާއި އިބްރާހީމަކީ ބޮލީވުޑް މަޝްހޫރު ތަރިންކަމަށްވާ ސައިފް އަލީ ޚާނާއި އަމްރީތާ ސިންގްގެ ދެ ދަރިންނެވެ.
ބޮލީވުޑް ހަންގާމާއަށް ދިން އިންޓަވިއުއެއްގައި ސާރާ ބުނީ އިބްރާހިމް އަދި ކޮލެޖަށްދާންވެސް ނުފަށާ ކަމަށާއި އެކްޓް ކުރުން އެއީ އަދި ދުރުގައި އޮތްކަމެއް ކަމަށެވެ. ނަމަވެސް އެއީ އޭނާ ވަރަށް ޝައުގުވެރިކަން ހުރިކަމެއް ކަމަށް ބުނެފައިވެއެވެ.
އުމުރުން 19 އަހަރުގެ އިބްރާހިމް ތައްޔާރު ވަމުންދަނީ ލޮސްއެންޖެލިސްއަށް ކިޔަވަންދާން ކަމަށާއި އެލްއޭއިން ތަޢުލީމު ޙާޞިލުކުރުމަށްފަހު އިބްރާހިމް ބޭނުންނަމަ އޭނާއަށް ބޮލީވުޑާއި ގުޅެވޭނެކަމަށް ސާރާ ބުންޏެވެ.
ދާއިރާއިން ކުރިއަށް ދިއުމަށްޓަކައި ވަރަށް ބުރަކޮށް މަސައްކަތް ކުރަން ޖެހޭނެ ކަމަށާއި އެއެމުރުގައި އެކަމަށް އުއްމީދުކުރުން ފުދޭ ކަމަށް ސާރާ ބުންޏެވެ. އަދި ކުރިއަށް ދިއުމަށް މަސައްކަތް ކޮށް ފުރުޞަތު ހޯދުން އެއީ އިބްރާހިމްގެ ކަމެއްކަމަށްވެސް ސާރާ ބުނެފައިވެއެވެ.
ފަހަކަށް އައިސް އިބްރާހިމް ދަނީ ސާރާއާއި އޭނާގެ އިންސްޓަގްރާމްގައި ވެސް ފޮޓޮއާއި ޓިކްޓޮކް ވީޑިއޯތައް ހިއްސާކުރަމުންނެވެ.