ރަޝިޔާގެ ދެވަނަ ސިޓީ ކަމުގައިވާ ސެއިންޓް ޕީޓަރސްބާރގެ ޓްރެއިން ސްޓޭޝަންގައި ދެބޮމެއް ގޮއްވާލުމުގެ ސަބަބުން މަދުވެގެން 10 މީހުން މަރުވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
އެސިޓީގެ ގަވަރނަރސް ޕްރެސް ސަރވިސްގެ ހެޑް އަންދްރޭ ކިބިޓޯވް ޓްވިޓަރގައި ވިދާޅުވެފައި ވަނީ 50 މީހަކަށް އެކިވަރުގެ ބޮޑެތި ޒަޚަމްތައް ލިބިފައިވާ ކަމަށާއި އަނިޔާވި މީހުންނަށް ފަރުވާ ދިނުމަށް 17 އެމްބިއުލާންސެއް ހަރަކާތްތެރިވަމުންދާ ކަމަށެވެ.
ދަ ލައިފް ނިއުސް ވެބްސައިޓްގައި ވަނީ ވިއްސައިގެން ދިޔަ ޓްރެއިންގެ ދޮރުފަތާއި އަނިޔާވި މީހުންތައް ސްޓޭޝަންގެ ޕްލެޓްފޯމް މަތީގައި ވެއްޓިފައިވާ ފޮޓޯތަކެއް ޢާއްމުކޮށްފައެވެ.
މީގެ އިތުރުން ސޯޝަލް މީޑިއާގައިވެސް ވަނީ އަނިޔާވި މީހުންތައް ތަޅުންގަނޑުމަތީ އޮށޯވެގެންތިބި މަންޒަރާއި ޓްރެއިންގެ ބައިތައް ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯތައް ޢާއްމުވެފައެވެ.
ސެއިންޓް ޕީޓަރސްބާރގ ގައި އޮތް އިޤްތިސޯދީ ފޯރަމެއްގައި ހުންނަވާ ރަޝިޔާގެ ރައީސް ވުލަޑިމިއަރ ޕޫޓިން ވިދާޅުވީ މި ގޮވުމާއި ގުޅިގެން އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތަކެއް ސަރުކާރުން އަޅުއްވާނެ ކަމަށެވެ.
ޕުޓިން ވިދާޅުވީ މި ހަމަލާއާ ގުޅިގެން އަދި އެއްޗެއް ބުނަން އަވަސް ކަމަށާއި މިހަމަލާ ހުރިހާ ގޮތަކުންވެސް ތަހުގީގް ކޮށް ބައްލަވާނެ ކަމަށެވެ. އަދި އެއީ ޓެރަރިޒަމްގެ ޢަމަލަކަށް ވިއަސް ނުވަތަ އާދައިގެ ޖިނާއީ ކަމަކަށް ވިއަސް ދޫ ނުކުރައްވާނެ ކަމަށެވެ.
މޮސްކޯގައި ހުރެގެން އަލްޖަޒީރާގެ ރޯރީ ޗެލެންޑްސް ރިޕޯޓް ކޮށްފައިވާ ގޮތުގައި ވަގުތުން އަޅާފައިވާ ފިޔަވަޅެއްގެ ގޮތުގައި އެސިޓީގެ ހުރިހާ މެޓްރޯ ސްޓޭޝަންތަކެއް މިހާރު ވަނީ ބަންދު ކޮށްފައެވެ.
ރަޝިޔާގެ ރައީސް ޕުޓިން ވަނީ މިހަމަލާ ކުށްވެރިކޮށް މަރުވި މީހުންނާއި ޒަޚަމްވި މީހުނގެ އާއިލާތަކާއި އެމީހުންގެ ރައްޓެހިންނަށް ހަމްދަރުދީ ފާޅު ކުރައްވާފައެވެ.
Vladimir Putin expressed condolences to the family and friends of those killed or injured in the St Petersburg metro explosion
— President of Russia (@KremlinRussia_E) April 3, 2017
މިހަމަލާގެ ޒިންމާ އަދި އެއްވެސް ބަޔަކު ނަގާފައެއް ނުވެއެވެ
.