އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ލީޑަރު އަބޫ ބަކުރު އަލް ބަޣްދާދީގެ ނައިބެއް ކަމަށްވާ އަޔާދު އަލް-ޖުމައިލީ ހުކުރު ދުވަހު ދިން ވައިގެ ހަމަލާއެއްގައި މަރާލާފައިވާ ކަމަށް އިރާގުން ބުނެފިއެވެ.
އިރާގުގެ އިންޓެލިޖެންސްގެ ތަރުޖަމާނު، ހޮނިހިރު ދުވަހު އަޔާދު އަލް-ޖުމައިލީ މަރާލާފައިވާ ކަމަށް ވިދާޅުވިއިރު، ރިޕޯޓުތައް ބުނާ ގޮތުން އޭނާ މަރާލައިފައި ވަނީ ސީރިއާގެ ސަރަހައްދީ ރޮނގާ ކައިރީގައި އޮންނަ "އަލް-ގައިމް" އަށް އިރާގު ސިފައިން ދިން ވައިގެ ހަމަލާއެއްގައި ކަމަށް ރިޕޯޓުތައް ބުނެއެވެ. ޖުމައިލީއަކީ އިރާގުގެ ކުރީގެ ރައީސް ސައްދާމު ހުސައިންގެ ވެރިކަމުގައި ޖާސޫސީ އޮފިސަރެއް ކަމަށް ރިޕޯޓުތައް ބުނާއިރު، އައިއެސްގެ ޖާސޫސީ ހަރަކާތްެތަށް އިރާގާއި ސީރިއާގައި ބެލެހެއްޓީ އޭނާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
މޫސަލް މިނިވަން ކުރުމަށް ހިންގާ އޮޕަރޭޝަންގައި ގުޅިފައިވާ ކޯލިޝަނުން ކާމިޔާބީތަކެއް ހޯދަމުންދާއިރު އިރާގުގެ މޫސަލްގައި ހުރި އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ލީޑަރު އަބޫ ބަކުރު އަލް ބަޣްދާދީ މޫސަލް އިން "ފިލައިފައިވާ" ކަމަށް އެމެރިކާގެ އޮފިޝަލުން ދާދިފަހުން ވަނީ ބުނެފައެެވެ. އެމެރިކާގެ ޑިފެންސް އޮފިޝަލުންނާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނެފައިވަނީ ބަޣްދާދީ "ފިލާފައިވާ" ކަމަށް ބެެލެވެނީ އޭނާގެ ބާރުތައް މޫސަލްގައި ތިބޭ އައިއެސް ކޮމާންޑަރުންނާ ހަވާލުކޮށްފައި ކަމަށެވެ.
އެމެރިކާ އޮފިޝަލުންނާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާގޮތުން ބަޣްދާދީ މޫސަލްއިން ފިލާފައިވަނީ އިރާގު ސިފައިން މިމަހުގެ ކުރީކޮޅު މޫސަލްގެ މައި މަގު ހިފުމުގެ ކުރިންނެވެ. ސީރިޔާގެ ބިންތަކާއި، އިރާގުގެ ބިންތައް ހިމެނޭގޮތުން އިސްލާމިކް ސްޓޭޓްގެ ނަމުގައި "ޚިލާފަތެއް" އުފެއްދިކަން ބަޣްދާދީ އިއުލާން ކުރީ 2014 ވަނަ އަހަރު މޫސަލްގެ މިސްކިތެއްގައެވެ.