މިސްރުގެ އިހުތިސާސްގައި ހިމެނޭ ދެ ރަށެއް ސައުދީ އަރަބިއްޔާއަށް ވިއްކުން ހުއްޓުވުމަށް ދަށުކޯޓުން ކޮށްފައިވާ ހުކުމް މަތީ މަރުހަލާގެ ކޯޓުން ބާތިލް ކޮށްފިކަމަށް އެގައުމުގެ ޝަރުއީ ދާއިރާގެ އޮފިޝަލުން ވިދާޅުވެއްޖެއެވެ.
ކުއްލި މައްސަލަތަކުގައި ގޮތް ނިންމާ ކޯޓުން ޖެނުއަރީ މަހު ނިންމި ނިންމުން ބާތިލް ކުރީ ހައި އެޑްމިނިސްޓްރޭޓިވް ކޯޓުންނެވެ.
ރެޑްސީގައި އޮންނަ މީހުން ދިރިނޫޅޭ ދެރަށް ކަމަށްވާ ޓިރާން އާއި ސަނަފީރްގެ މިލްކުވެރިކަން ސައުދީއަށް ބަދަލުކުރަން ނިންމުމުން ބޮޑެތި މުޒާހަރާތަކެއް ކުރެވިގެން ދިއައެވެ.
ކުއްލި މައްސަލަތައް ނިންމާ ކޯޓުން މީގެ ކުރިން ނިންމާފައިވާ ނިންމުން އަދި ފަހުގެ ނިންމުންވެސް ވަނީ އިސްތިއުނާފްކޮށްފައެވެ.
އެއްވެސް ތަނެއްގެ މިލްކުވެރިކަން ބަދަލު ކުރެވޭނީ ގާނޫނުހަދާ މަޖިލީހުގެ ރުހުން ލިބިގެންނެވެ.
ގަލްފް އޮފް އަޤަބާގައި އޮންނަ ޓިރާން އާއި ސަނަފީރް ސައުދީ އަރަބިއްޔާއަށް ދީފައިވަނީ މިދިއަ އަހަރު އޭޕްރީލްމަހު ވީ އެއްބަސްވުމެއްގެ ދަށުންނެވެ.
މިސްރުގެ ރައީސް އަލް ސީސީ ވިދާޅުވީ އެ ރަށްތަށް އަބަދުވެސް އޮތީ ސައުދީގެ އަތުގައި ކަމަށާއި އެރަށް ބެލެހެއްޓުމަށް އެތަނުގައި ސިފައިން ބައިތިއްބައިދިނުމަށް 1950 ވަނަ އަހަރު ސައުދީއިން އެދުނީ ކަމަށެވެ.
ނަމަވެސް ގާނޫނު އަސާސީއާ ޚިލާފްވެވަޑައިގެންނެވީ ކަމަށާއި އަދި ބަދަލުގައި އެތައް ބިލިއަން ޑޮލަރެއްގެ އެހީ ލިބޭނެ ކަމަށް އުއްމީދުކޮށް ރަށެއް ވިއްކާލަނީކަމަށްވަނީ ތުހުމަތު ކުރެވިފައެވެ.
އަދި އެ އެއްބަސްވުމުގައި ސޮއިކުރުން އޮތީ ސައުދީ ރަސްގެފާނު ގާހިރާއަށް ކުރައްވާ ދަތުރުފުޅެއްގައި ކަމަށްވަނީ ޚަބަރުފެތުރިފައެވެ.
މިސްރުގެ ފުރަތަމަ ޑެމޮކްރެޓިކް ރައީސް މުހައްމަދު މުރުސީ ވެރިކަމުން ވައްޓާލި ބަޣާވާތުގައި އިސްކޮށް ހުންނެވުމަށްފަހު އެ ގައުމުގެ ރައީސްކަމަށް ސީސީ ވަޑައިގެން ފަހުން މާލީ އެހީ އެންމެގިނައިން ލިބިވަޑައިގަންނަވާ އެއްގައުމަކީ ސައުދީ އަރަބިއްޔާއެވެ.