ޗޮކްލެޓް ޓްރަފްލް ޕުޑިންގ
2 މެއި 2020 | ހޮނިހިރު 12:15
ޗޮކްލެޓް ޓްރަފްލް ޕުޑިންގ އަކީ ފެމިލީ ފޭވަރިޓެއް!
ޗޮކްލެޓް ޓްރަފްލް ޕުޑިންގ އަކީ ފެމިލީ ފޭވަރިޓެއް!
ޒުނާނާ ޒާލިފް

މި ރެސިޕީ އަކީ ކޭކު، އަދި ޕުޑިންގެ މިކްސްއެކެވެ. ތައްޔާރު ކޮށްލަން އެހާމެ ފަސޭހަ، މީރު ރެސިޕީއެއް!

ކޭކު އަޅަން ބޭނުންވާ ތަކެތި:

  • 1 ޖޯޑު ފުށް
  • 4 ސަމުސާ ކޮކޯ ޕައުޑަރ
  • 2 ސައި ސަމުސާ ބޭކިން ޕައުޑަރ
  • ބައި ސައި ސަމުސާ ބޭކިން ސޯޑާ
  • ބައި ޖޯޑު ހަކުރު (އެންމެ ރަނގަޅީ ކާސްޓަރ ހަކުރު)
  • ބައި ޖޯޑު ކިރު
  • 3 ސަމުސާ ތެޔޮ (ކުކިންގ އޮއިލް)
  • ބައި ޖޯޑު ފެން (ހޫނު)
  • 1 ސައި ސަމުސާ ވެނިލާ އެސެންސް
  • 1 މައިކްރޮވޭވް-ސޭފް ޓްރޭ

ޕުޑިންގ ހަދަން ބޭނުން ތަކެތި:

  • 1 ޖޯޑު ވިޕިން ކްރީމް
  • 1/2 ޖޯޑު އައިސިން ހަކުރު
  • 1/2 ޖޯޑު ގެރިކިރު
  • 1 ސައި ސަމުސާ ވެނިލާ އެސެންސް
  • 3 ސަމުސާ ކޮކޯ ޕައުޑަރ
  • 1 ޕެކެޓް މާރީ ބިސްކޯދު

ގަނާޝް ހަދަން ބޭނުންވާ ތަކެތި:

  • 1 ޖޯޑު ވިޕިން ކްރީމް
  • 200 ގުރާމް ޑާރކް ޗޮކްލެޓް
  • 1 ސަމުސާ ބަޓަރ

ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ މައިކްރޮވޭވް-ސޭފް ޓްރޭ ގެ ހުރިހާ ފަރާތެއްގައި ބަޓަރކޮޅެއް ހާކާލާށެވެ. ތައްޓެއްގައި ފުށް، ކޮކޯ، ބޭކިން ޕައުޑަރ، ބޭކިންގ ސޯޑާ އަދި ހަކުރު އެއްކޮށްލާށެވެ. އެއަށްފަހު ކިރު، ތެޔޮ، އެސެންސް އަދި ހޫނުފެން އެއްކޮށްލާފައި ރަނގަޅަށް ގަށާލާށެވެ.

ރަނގަޅަށް މިކްސްވުމުން މައިކްރޮވޭވް-ސޭފް ޓްރޭ ތެރެޔަށް އަޅާފައި 6 މިނެޓް ވަންދެން މައިކްރޮވޭވް ކޮށްލާށެވެ. މައިކްރޮވޭވް ކައިރިން ދުރަށް ނުގޮސް، ކޭކް ފިހެވޭތޯ ބަލަމުންދާށެވެ. 3 މިނެޓް ފަހުންވެސް ފުށްގަނޑު ދިޔާކޮށް ހުރިއްޔާ އިތުރު 3 މިނެޓަށް ޖައްސާލާށެވެ.

ދެން މައިކްރޯވޭވް-ސޭފް ތައްޓަކަށް ޗޮކްލެޓް ކޮޅު ލާފައި މައިކްރޮވޭވްގައި ދިޔާ ކޮށްލާށެވެ. ދިޔާވުމުން ގަނާޝް ހަދަން ބޭނުންވާ ބާކީބައި އެއްކޮށްލާފައި ފިނިކުރަން ބަހަށްޓާށެވެ.

ޕުޑިންގ ތައްޔާރުކުރަން، ތެއްޔެއްގައި ވިޕިން ކްރީމް އަދި ގެރިކިރު މަޑު ގިނީގައި ހޫނުކޮށްލުމަށްފަހު، ޕުޑިންގ ހެދުމަށް ބާކީ ހުރި ތަކެތި (މާރީ ބިސްކޯދު ފިޔަވާ) އަޅާފައި އޮލަ ވަންދެން ހާވާލާށެވެ. އޮލަވުމުން ފިނިކުރަން ބަހައްޓާލާށެވެ.

އެއަށްފަހު ބޮޑު ޓްރޭއަކަށް މައިކްރޮވޭވުން ފިހުނު ކޭކު ލާށެވެ. ކޭކުގެމަށްޗަށް ޕުޑިންގ ފަށަލައެއް އަޅާފައި ގަނާޝް ފަށަލައެއް އަޅާށެވެ. ދެން މާރީ ބިސްކޯދުގެ ފަށަލައެއް އަތުރާލާށެވެ. ޓްރޭ ފުރެންދެން މިތަރުތީބަށް އަޅަމުން ދާށެވެ. އެރޭންޖްކޮށް ނިމުމުން ބޭނުމިއްޔާ ގާނިޝްކޮށްލުމަށް މައްޗަށް ޗޮކްލެޓްކޮޅެއް ގާނާލެވޭނެއެވެ. އެއަށްފަހު 2-3 ގަޑިއިރު ފިނިކުރަން ބަހައްޓާށެވެ.

- ކޮމެންޓް