ބޮލީވުޑް އެކްޓަރ ރިޝީ ކަޕޫރުގެ ޖަނާޒާ މިދިޔަ ބުރާސްފަތި ދުވަހު ބާއްވާފައިވާއިރު ޖަނާޒާގެ ފޮޓޯތައް ވަނީ ސޯޝަލް މީޑިއާގައި ދައުރުވާން ފަށާފައެވެ.
އެފޮޓޯތަކުގެ ތެރެއިން އެންމެންގެ ސަމާލުކަން ހުއްޓިފައިވަނީ އެކްޓަރ އާލިއާ ބަޓް ފޯނު ހިފަހައްޓައިގެން ހުރި ފޮޓޯއަށެވެ.
ފޮޓޯގައި ފެނިގެންދަނީ ރިޝީގެ ފިރިހެން ދަރިފުޅު ރަންބީރު ކަޕޫރުގެ ލޯބިވެރިޔާ އާލިއާ، ރަންބީރުގެ އާއިލާއާއި އެކު ރިޝީގެ ޖަނާޒާގައި ބައިވެރިވިއިރު އޭނާގެ އަތުން ފޯނު ހިފަހައްޓައިގެން ހުރެ ރޮމުންދިޔަ މަންޒަރެވެ.
ކޮރޯނާ ވައިރަސްގެ ސަބަބުން އިންޑިއާވަނީ ލޮކްޑައުންކޮށްފައެވެ. އެތެރޭގެ ދަރުތުތައް ވެސް މަނާކޮށްފައިވާއިރު، ނިއުދިއްލީގައި ހުރި ރިޝީގެ އަންހެން ދަރިފުޅު ރިއްދިމާއަށް ބައްޕަގެ ޖަނާޒާގައި ބައިވެރިވުމަށް މުމްބާއިއަށް ދެވޭގޮތް ވަނީ ނުވެފައެވެ. އެހެންކަމުން ރިއްދިމާ ދުރުގައި ހުރި ނަމަވެސް ޖަނާޒާގައި ބައިވެރި ކުރުމަށްޓަކައި އާލިއާ ވަނީ އޭނާގެ ފޯނުން ރިއްދިމާށް ފޭސްޓައިމް ކޮށްފައެވެ.
މި ހިތާމަވެރި ދަނޑިވަޅުގައި އާލިއާ ވަނީ ރަންބީރުގެ އާއިލާއަށް ފުރިހަމައަށް އެއްބާރުލުން ދީފައެވެ. ރިޝީ އެޑްމިޓްކުރި ހޮސްޕިޓަލުންވެސް އާލިއާ ވަނީ ފެނިގެން ގޮސްފައެވެ. މީގެ އިތުރުން ޖަނާގެ ހުރިހާ ކަމެއްގައި ރަންބީރުގެ އާއިލާއަށް ޚާއްސަކޮށް ރަންބީރުގެ މަންމަ ނީތޫއަށް ވަނީ އެހީތެރިކަންދީފައެވެ.