މި ޗޮކްލެޓް ފަޖް ކޭކަކީ އެހެން ރެސިޕީތަކާއި ހާސްގުނަ ތަފާތު ރެސިޕީއެކެވެ. މި ރެސިޕީ ތަފާތުވަނީ، ތައްޔާރުކުރަން ބޭނުންވާ ތަކެތި މަދުވެފައި، އަވަނެއްގައި ފިހަން ނުޖެހޭތީއެވެ. އަދި މި ކޭކު ތައްޔާރު ކޮށްލަން ނަގާނީ މަދުވެގެން 10 މިނެޓެވެ. މި ރެސިޕީއަށް ބިސް ބޭނުމެއް ނުވާނެއެވެ.

ބޭނުންވާނެ ތަކެތި:

  • 1 ޖޯޑު ފުށް
  • 4 ސަމްސާ ކޮކޯ ޕައުޑަރ
  • 2 ސައިސަމްސާ ބޭކިން ޕައުޑަރ
  • ބައި ސައިސަމްސާ ބޭކިން ސޯޑާ
  • ބައި ޖޯޑު ހަކުރު (އެންމެ ރަނގަޅީ ކާސްޓަރ ހަކުރު)
  • ބައި ޖޯޑު ކިރު
  • 3 ސަމްސާ ތެޔޮ (ކުކިންގ އޮއިލް)
  • ބައި ޖޯޑު ފެން (ހޫނު)
  • 1 ސައިސަމްސާ ވެނިލާ އެސެންސް
  • 3/4 ދަޅު ގެރިކިރު
  • 50 ގުރާމް ޑާކް ޗޮކްލެޓް
  • 1 މައިކްރޮވޭވް-ސޭފް ޓްރޭ

ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ މައިކްރޮވޭވް-ސޭފް ޓްރޭ ގެ ހުރިހާ ފަރާތެއްގައި ބަޓަރކޮޅެއް ހާކާލާށެވެ.

ތައްޓެއްގައި ފުށް، ކޮކޯ، ބޭކިން ޕައުޑަރ، ބޭކިންގ ސޯޑާ އަދި ހަކުރު އެއްކޮށްލާށެވެ.

އެއަށްފަހު ކިރު، ތެޔޮ، އެސެންސް އަދި ހޫނުފެން އެއްކޮށްލާފައި ރަނގަޅަށް ގަށާލާށެވެ.

ރަނގަޅަށް މިކްސްވުމުން މައިކްރޮވޭވް-ސޭފް ޓްރޭ ތެރެޔަށް އަޅާފައި 3 މިނެޓް ވަންދެން މައިކްރޮވޭވް ކޮށްލާށެވެ. މައިކްރޮވޭވް ކައިރިން ދުރަށް ނުގޮސް، ކޭކް ފިހެވޭތޯ ބަލަމުންދާށެވެ. 3 މިނެޓް ފަހުންވެސް ފުށްގަނޑު ދިޔާކޮށް ހުރިއްޔާ އިތުރު 3 މިނެޓަށް ޖައްސާލާށެވެ. މި ކޭކް ފިހެވެން ނަގާނީ 5 - 7 މިނެޓްއެވެ. ޓްރޭގެ ސައިޒަށް ބަލާފައި (ބޮލިއްޔާ) 7 މިނެޓް ނަގާފާނެއެވެ. ޓްރޭ ތުނިއްޔާ އަވަހަށް ފިހެވޭނެއެވެ.

ޗޮކްލެޓް ފަޖް ކޭކަށް ބޭނުންވާ އައިސިންގ(ގަނާޝް) ހަދަން ބޭނުންވާނީ ގެރިކިރާއި ޑާކް ޗޮކްލެޓް އެކަންޏެވެ. ގޭގައި ޗޮކްލެޓް ނެތިއްޔާ ކްރަމްޕީ ނޫނީ ޗޮކްލެޓް ސޯސް ވެސް ބޭނުން ކުރެވިދާނެއެވެ.

ގަނާޝް ތައްޔާރުކުރަން 30-ސިކުންތު 30-ސިކުންތުން މައިކްރޮވޭވްގައި ޗޮކްލެޓް ހޫނުކުރާށެވެ، ދިޔާވުމުން ގެރިކިރު އަޅާފައި އެއްކޮށްލާށެވެ. ގެރިކިރުގެ ބަދަލުގައި އާދައިގެ ކިރުވެސް ބޭނުން ކުރެވޭނެއެވެ.

ކޭކު ފިނިވުމުން ކޭކް މައްޗަށް ގަނާޝް އަޅާފައި ގަޑިއިރެއްވަންދެން ފިނިކޮށްލާށެވެ.

- ކޮމެންޓް
29 އޭޕްރިލް 2020 | ބުދަ 13:57
ސަމަަަ
ނަންނަގެ ރެސިޕިިިސް އަބަދުވެސް ވަރަށް މީރު.