ޔުނިސެފުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ޑޮކްޓަރ މުނީރު ސަފިލްޑިން އުޅުއްވާ ގޭގެ ކުލި ކުޑަކޮށްދިނުމުން، އެ ބައި ކޮވިޑް-19 ގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް ހަދިޔާ ކުރަށްވައިފިއެވެ.
ކޮވިޑް-19 ގެ ސަބަބުން ޙާލުގައި ޖެހިފައިވާ ފަރާތްތަކަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ފަރާތުން ކާބޯތަކެއްޗާއި ބޯހިޔާވަހިކަން ފޯރުކޮށްދެމުން ގެންދާއިރު، ޑރ މުނީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ގޭގެ ކުލީގެ ޑިސްކައުންޓްގެ ގޮތުގައި ލިބިވަޑައިގަތް އަދަދު އެކަމަށް ހަދިޔާ ކުރުމަށް ނިންމަވާފައިވާ ކަމަށެވެ.
ޓްވީޓުގައި އޭނާ ވިދާޅުވީ، ގޭގެ ވެރިފަރާތުން މެސެޖެއް ކުރައްވާފައިވާ ކަމަށާއި، ވެރި ފަރާތްވެސް ނުހަނު ދަތި ޙާލުގައި އުޅެމުންދާކަން ބަޔާންކޮށްފައިވާ ކަމަށެވެ. ނަމަވެސް އެއާއެކުވެސް ކުލިން 10 އިންސައްތަ ކުޑަކޮށް ކުލީގެ 10 އިންސައްތަ ޑިސްކައުންޓެއް ކުރިއަށް އޮތް 2 މަހަށްވެސް ދީފައިވާކަން މެސެޖުގައި ފާހަގަކޮށްފައިވެއެވެ.
ގޭގެ ވެރިފަރާތަށް ޝުކުރު އަދާކުރައްވައި ޔުނިސެފް މަންދޫބު ކުރެއްވި މި ޓްވީޓުގައި ވަނީ ޑިސްކައުންޓުގެ ގޮތުގައި ކުރިއަށް އޮތް 2 މަހަށް ޖެހޭ ފައިސާ ޖެންޑަރ މިނިސްޓްރީން އެކި ކެފޭތަކާ ގުޅިގެން ފޯރުކޮށްދޭ ކާބޯތަކެތީގެ ޚިދުމަތް ދިނުމަށް ހަދިޔާ ކުރައްވާކަމަށް ވިދާޅުވެފައެވެ.
ކޮވިޑް-19 އާ ގުޅިގެން އެކި ސަބަބުތަކާހުރެ މަގުމަތިވެފައިވާ ފަރާތްތަކަށް ޖެންޑަރ މިނިސްޓްރީން ބޯހިޔާވަހިކަމާއި ކާބޯތަކެތީގެ ޚިދުމަތް ފޯރުކޮށްދެމުން ގެންދާއިރު، އޭގެ ތެރޭގައި ރަށްރަށުންނާއި ރިސޯޓުތަކުން ކުރު މުއްދަތަކަށް މާލެ އައިސްފައިވާ މީހުންނާއި، ބޯހިޔާވަހިކަމެއް ނެތި ދިރިއުޅެމުންދާ މީހުންނާއި، ކުލި ނުދެއްކިގެން ގެއިން ނުކުންނަން މަޖުބޫރުވެފައިވާ މީހުންވެސް ހިމެނެއެވެ.
ކުލި ނުދެއްކިގެން ބައެއް ފަރާތްތައް ގެއިން ނުކުންނަން މަޖުބޫރުވެފައިވާ މައްސަލަތައްވެސް މިފަހުން ފެންމަތިވެފައިވާއިރު، ބައެއް ގޭގެ ވެރިން ވަނީ މި ޙާލަތަށް ރިއާޔަތްކޮށް ގޭގެ ކުލި މާފުކޮށްދީފައެވެ. އަދި ބައެއް ފަރާތްތައް ކުލީގެ ދެބައިކުޅަ އެއްބައި ދޭ ގޮތަށް އެއްބަސްވެފައިވާއިރު، ބޮޑެތި އަދަދުތަކުން ކުލީގެ ޑިސްކައުންޓް ދެމުން ގެންދާ ފަރާތްތައްވެސް މަދެއް ނޫނެވެ.