ކ. މާލެ
|
2 އޭޕްރިލް 2017 | އާދީއްތަ 14:25
ބޯކޮށް ވާރޭވެހި ކިސަޑު ފައިބާފައިވަ ހިސާބުގެ މަތިން ނަގާފައިވާ ފޮޓޯއެއް
ބޯކޮށް ވާރޭވެހި ކިސަޑު ފައިބާފައިވަ ހިސާބުގެ މަތިން ނަގާފައިވާ ފޮޓޯއެއް
އޭއެފްޕީ
ކޮލަމްބިއާގެ ކާރިސާ
ބޯކޮށް ވާރޭވެހި ކިސަޑު ފޭބުމުގެ ސަބަބުން ކޮލަމްބިއާގެ އެތައް ބަޔަކު މަރުވެއްޖެ
މަރުވި މީހުންގެ އަދަދު ޔަގީނެއް ނުކުރެވޭ
ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކޯރުތައް ވަނީ ބަންޑުންވެފައި
އެސަރަހައްދުގައި ވަނީ ކުއްލި ހާލަތް އިއުލާންކޮށްފަ

ކޮލަމްބިއާގެ ހުޅަނގު އުތުރުގައި އަވަށެއް ކަމަށްވާ މޮކޯއާއަށް މެދުނުކެނޑި ބޯކަށް ވާރޭ ވެހި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ކާރިސާއެއްގައި އެތައް ބަޔަކު މަރުވެއްޖެއެވެ.

 

ކަމާއިބެހޭ އިދާރާތަކުން ހާމަކޮށްފައިވާ މޮކޯއާއަށް ކުރިމަތިވި ކާރިސާގައި 200 އަށްވުރެ ގިނަ މީހުން މަރުވެ، އެތައް ސަތޭކަ ބަޔަކު ވަނީ ގެއްލިފައެވެ.

 

މެދުކެނޑުމެއްނެތި ބޯކަށް ވާރޭ ވެހުމުގެ ސަބަބުން މޮކޯއާގެ އުސް ހިސާބުތަކުން ކިސަނޑުފައިބާ އެ އަވަށުގެ ބިންގަނޑު ކަޑައިގެންދިޔުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

 

ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މޮކޯއާ ގުޅިފައިވާ ކޯރުތައް ބަންޑުންވެ މުޅި އަވަށުގައި ވަނީ ފެންބޮޑުވެފައެވެ. އަދި އެކަމުގެ ސަބަބުން ބަޔެއް މީހުންގެ ހަށިތައް ކޯރުގެ ފެންގަނޑު ބަންޑުން ޖަހާލުމުން އޮޔާ ގެންގޮސްފައިވާނެ ކަމަށް ބެލެވޭ ކަމުގައި ކުއްލި ޙާލަތްތަކުގައި މަސައްކަތްކުރާ ޖަމާއަތްތަކުން ބުނެއެވެ.

 

މި ކާރިސާގެ ސަބަބުން ގިނަ ބަޔަކު މަރުވާން މެދުވެރީ އެކަން ހިނގާފައިވަނީ ރޭނގަޑުގެ ވަގުތެއްގައި ކަމަށްވުމުންނެވެ. އެގޮތުން ވާރޭވެހި ކޯރުތައް ބަންޑުންވުމުން ގޭގެއަށް ކިސަޑުވަދެ ބޮޑެތިގަސްތައް ގެތަކުގެ މައްޗަށް ވެއްޓި، އެއްގަމުގައި ދުއްވާ އުޅަނދުފަހަރު އޮޔާ ހެން ގިނަ މީހުން ތިބީ ގަދަ ނިދީގައި ކަމަށް އިދާރާތަކުންބުނެވެ.

 

ރޭގަނޑުގެ ވަގުތެއްގައި ބޯކޮށް ވެހެމުންދިޔަ ވާރޭގެ ސަބަބުން ގިނަ ބަޔަކަށް އުސްތަނަކަށް ނުވަތަ އެތަކުގެ މައްޗަށް އަރާނެ ވަގުތު ލިބިފައިނުވާ ކަމަށް މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނެއެވެ.

 

ކޮލަމްބިއާގެ ރައީސް ޖުއާން މެނުއެލް ސަންތޯސް ވަނީ މި ކާރިސާ ހިނގި އަވަށަށް ވަޑައިގެންފައެވެ. މެނުއެލް އެ ހިސާބަށް ވަޑައިގެންނެވީ މީހުން ސަލާމަތްކުރުމުގެ މަސައްކަތްތަކާއި ކުއްލި ހާލަތުގައި މަސައްކަތްކުރާ ފަރާތްތަކުން ކުރަމުންދާ ކަންކަން ބައްލަވާ ލެއްވުމަށެވެ.

 

މިހާތަނަށް 154 މީހުން މަރުވެފައިވާކަން ކަށަވަރުވެފައިވާ މޮކޯއާ ސަރަހައްދުގައި ކުއްލި ހާލަތު އިއުލާންކޮށް، އެ ސަރަހައްދުގެ އާންމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެގައުމުގެ ރައީސް ސަންތޯސް ވަނީ ވިދާޅުވެފައެވެ.

 

މޮކޯއާ އަވަށުގައި ހަރަކާތްތެރިވާ ކަމާއިބެހޭ އިދާރާތަކުން އަންދާޒާކުރާ ގޮތުން މިހާރުވެސް 200 މީހުން ވަނީ ގެއްލިފައެވެ. މީގެ އިތުރުން 400 މީހުންނަށް އެކިވަރުގެ ޒަޚަމްތައް ލިބިފައިވާ ކަމަށް އަންދާޒާކޮށްފައިވެއެވެ.

 

މޮކޯއާއަކީ ކޮލަމްބިއާގެ ޕުޓުމާޔޯ ޝަހަރުގެ މައި ރަށެވެ. މިއީ ކޮލަމްބިއާ އާ އެކުއެޑޯއާ ގުޅޭ ބޯޑަރުކައިރީގައި އޮންނަ އަވަށެކެވެ.

 

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ބައެއް ފޮޓޯއާ ވީޑިއޯތަކުން، ކިސަޑުފައިބާ މަންޒަރާ ބައެއް އިމާރާތްތައް ވެއްޓެމުންދާތަން ފެނެއެވެ. ފާއިތުވި ފަސްތަކުގައި ވަރަށް ގާތްގާތުގައި ކޮލަމްބިއާގައި މިފަދަ ކާރިސާތައް ހިނގާފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް