ސޮނީ ޓީވީ އިން ގެނެސްދޭ މަގުބޫލު ހިންދީ ސިލްސިލާ ''ބޭހަދް-2'' ނުހެދުމަށް ނިންމާފައިވާ ޚަބަރު ބައެއް މީޑިއާތަކުން ދޮގުކޮށްފިއެވެ.
ސޮނީ އެންޓަޓެއިމެންޓް ޓެލެވިޒަން ހަވާލާދީ އިންޑިއާގެ ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައިވަނީ ބޭހަދް-2 ނުހެދުމަށް ނިންމާފައިވާ ކަމަށް ބުނެ ފަތުރަނީ ދޮގު ވާހަކަތަކެއް ކަމަށެވެ.
އެގޮތުން މިސިލްސިލާ ޓީވީއަށް ނުގެނެސް އޮންލައިންކޮށް ދެއްކުމަށް ނިންމާފައިވާ ކަމަށް ރިޕޯޓުކޮށްފައިވާތީ އެވާހަކަތައް ވެސް ސޮނީއިން ދޮގުކޮށްފައިވެއެވެ.
ކޮވިޑް-19އާ ފެތުރެމުންދާތީ އިންޑިއާ ލޮކްޑައުން ކުރުމާ ގުޅިގެން ޝޯވގެ ޝޫޓިން މެދުކަނޑާލިއެވެ. ނަމަވެސް ހާލަތު ބަދަލުވުމާއެކު ޝޯވގެ ޝޫޓިން ކުރިއަށް ގެންދާ ގޮތަށް ނިންމާ ފައިވެއެވެ.
ބޭހަދް-2ގެ ވެސް ލީޑް ރޯލުން ފެނިގެން ދަނީ ބޭހަދް ސިލްސިލާގެ ފުރަތަމަ ބައިން ފެނިގެންދިޔަ ޖެނިފާ ވިންގެޓް (މާޔާ) އެވެ. ސިވިން ނާރާންގް (ރޫދުރަ ރޯއީ) އާއި އާޝިޝް ޗޯދްރީ (އެމްޖޭ ރޯރީ) އެވެ.
ބޭހަދް-2 އިން ފެނިގެންދަނީ މާޔާގެ ޒުވާން އުމުރު އެމްޖޭ ރޯއީ ލޯބީގެ ގޮތުން ގުޅި އޭނާގެ ދިރިއުޅުން ހަލާކުކޮށްލާ ތަނެވެ. އަދި މަރުގެ ތުންފަތްމަތިން މާޔާ ސަލާމަތްވެ އަބުރާ އަންނަނީ އެމްޖޭ ރޯއީގެ ކިބައިން ބަދަލު ހިފުމަށެވެ. ބަދަލު ހިފުމަށް މާޔާ ކުރާ މަސައްކަތުގެ ތެރެއިން އެމްޖޭ ރޯއީގެ ދޮށީ ފިރިހެން ދަރިފުޅު ރޫދުރަ ރޯއީއާ ލޯބީގެ ގޮތުން ގުޅި ކައިވެނި ކުރެއެވެ. އަދި މިކައިވެންޏަށް ފަހު ރޫދުރަ ރޯއީގެ ކޮއްކޮ މަރާލީ މާޔާކަން ރޫދުރައަށް އެނގޭ ހިސާބުން ސިލްސިލާއަށް ބޮޑު ޓްވިސްޓެއް އާދެއެވެ.
ދެން ފެނިގެންދަނީ މާޔާގެ މާޒީ އޭނާ ހަނދާން ނެތިގެން އުޅޭ ތަނެވެ. ރޫދަރަ ރޯއީ އަށް މާޔާ ވީތަނެއް ނޭނގި ހޯދުމުގެ މަސައްކަތް ކުރެއެވެ. އަދި މާޔާގެ ފިރިއެއްގެ ގޮތުގައި ފެނިގެން ދަނީ މުޅިން އާ ކެރެކްޓާ އެކެވެ. އެއީ އަންކިތު ސިވާޗް (ވިކްރަމް ޖެއިސިންގް) އެވެ.
ކޮވިޑް-19އާ ގުޅިގެން ބޭހަދް-2 ޝޫޓިން މެދުކެނޑިފައިވަނީ ސިލްސިލާގެ ވާނުވާ ނެނގޭ ހިސާބަކުންނެވެ.