ކުޅުދުއްފުށި ސިޓީގައި ކޮވިޑް-19 ފެތުރުމުގެ ބިރު ބޮޑުވެފައި ވާތީ އެ ސިޓީގެ ކޮވިޑް-19 ޓާސްކު ފޯސްގެ ނިންމުމުގެ މަތިން ކާފިއުގެ މުއްދަތު 7 ދުވަހަށް އިތުރުކޮށްފިއެވެ.
ކުޅުދުއްފުށި ކައުންސިލުން ބުނީ ކާފިއުގެ މުއްދަތު ދެން ހަމަވާނީ 1 މޭގެ މެންދުރު 12:00 އަށް ކަމަށެވެ. ކުޅުދުއްފުށި ސިޓީގައި ހިންގާފައިވާ ކާފިއުގެ މުއްދަތު އިތުރު ކުރެވިފައި ވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ލޯކަލް ކައުންސިލްގެ އިޙްތިޞާޞް ހިނގާ ސަރަހައްދުތަކުގައި ކޮވިޑް-19 ފެތުރުމުގެ ފުރުސަތު އޮތް މިންވަރަށާއި ހާލަތަށް ރިޢާޔަތްކޮށް އެއްވެ އުޅުން ހުއްޓުވުމަށާއި އިޖްތިމާއި ގައިދުރުކަން ޤާއިމު ކުރުމަށް ފިޔަވަޅު އެޅުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކައުންސިލްތަކަށް ދީފައިވާ ބާރުގެ ދަށުންނެވެ.
ކުޅުފުއްފުށީގައި ކޮވިޑް-19 ފެތުރުމުގެ ބިރު ބޮޑުވެފައިވާތީ ކުޅުދުއްފުށި ކޮވިޑް-19 ޓާސްކު ފޯސްގެ ނިންމުމުގެ މަތިން ބަލި ފެތުރުން ކޮންޓްރޯލުކޮށް ރައްކާތެރިވުމުގެގޮތުން ކާފިއު ފުރަތަމަ އިއުލާން ކުރީ މިދިޔަ އަންގާރަ ދުވަހުގެ މެންދުރު 12:00ން ފެށިގެން ހުކުރު ދުވަހުގެ މެންދުރު 12:00 އާ ހަމައަށެވެ.
މީގެ އިތުރުން ކާފިއު އިޢުލާންކޮށްފައިވާ މުއްދަތުގައި ހުއްދަ ނެތި ބޭރަށް ނުކުމެ އުޅުމަކީ މަނާ ކަމެއް ކަމަށް ކައުންސިލުން ބުނެއެވެ. އަދި މި އެންގުމާއި ހިލާފްވާ ފަރާތްތަކާއި މެދު ޤާނޫނު ނަންބަރު ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 143 މާއްދާއާއި ހަވާލާދީ ކައުންސިލުން ކުރާ އަމުރަށް ނުކިޔަމަންތެރިވާ ފަރާތްތަކާއި މެދު އަދަބެއްގެ ގޮތުގައި މައްސަލައިގެ ކުޑަ ބޮޑުމިނަށް ބަލައި 500 ރުފިޔައާއި 5000 ރުފިޔާއާ ދެމެދުގެ ޢަދަދުކަން ޖޫރިމަނާ ފިޔަވަޅު އެޅުމަށް ލިބިދޭ ބާރުގެ ދަށުން ޢަމަލު ކުރަމުގެ އިޚްތިޔާރު ކައުންސިލަށް ލިބިފައިވާކަމަށް ކައުންސިލުން ބުންޏެވެ.
މީގެ އިތުރުން މިދަނޑިވަޅުގައި ބަލި ކޮންޓްރޯލް ކުރުމަށް ހުރިހާ ރައްޔިތުންވެސް އެއްބާރުލުން ދިނުމަށާއި ސަލާމަތީ ބާރުތަކުގެ އެންގުންތަކަށް ފުރިހަމައަށް ބޯލެބުމަށް އިލްތިމާސްކޮށްފައިވެއެވެ. އަދި ބަލި ފަތުރުން ކޮންޓްރޯލް ކުރުމަށް ހުރިހާ ރައްޔިތުން ފަރުދީ ޒިންމާ ފުރިހަމައަށް އަދާކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ.