ކ. މާލެ
|
23 އޭޕްރިލް 2020 | ބުރާސްފަތި 04:35
ނެޓްފްލިކްސް ލޯގޯ
ނެޓްފްލިކްސް ލޯގޯ
ގެޓީ އިމޭޖަސް
ގޭގައި ހުންނަން ޖެހުމުން ފޫހިވުން
ކަރަންޓީނުގައި ތިބުން ފަސޭހަ ކޮށްދިނުމަަށް ނެޓްފްލިކްސް އާއި އިތުރު 4 ސްޓްރީމިންގެ ސަރވިސްއެއްގެ ފީ ކަނޑާލުމަށް ގޮވާލާ ޕެޓިޝަނެއް!
މި ޕެޓިޝަން ހުޅުވާފައިވަނީ ޗޭންޖް.އޯގްގައި
ޕެޓިޝަންގައި 60 ދުވަހަށް ފީ ކަނޑާލުމަށް ގޮވާލާފައިވަނީ ނެޓްފްލިކްސް، ޔޫޓިއުބް، ހޫލޫ، އެޗްބީއޯ އަދި އެމަޒަން ޕްރައިމް އަށް
52،000އަށް ވުރެ ގިނަ މީހުންވަނީ ޕެޓިޝަންގައި ސޮއިކޮށްފައި

ދުނިޔޭގެ ބޮޑެތި ސްޓްރީމިންގ ސަރވިސްތަކުން 60 ދުވަހަށް ފީއަކާ ނުލާ ބެލޭގޮތް ހެދުމަށް ގޮވާލާ ޕެޓިޝަނެއް ފަށައިފައެވެ.

ފީއަކާ ނުލާ ޝޯވތައް ބެލޭނެ ގޮތް ހެދުމަށް ނެޓްފްލިކްސް، ޔޫޓިއުބް، ހޫލޫ، އެޗްބީއޯ އަދި އެމަޒަން ޕްރައިމް އަށް ގޮވާލާ ޗޭންޖް.އޯގް ގައި ފަށާފައިވާ މިޕެޓިޝަންގައި މިހާރުވެސް 52,000 އަށް ވުރެ ގިނަ މީހުން ވަނީ ސޮއިކޮށްފައެވެ.

މި ޕެޓިޝަންގައި ބުނެފައިވަނީ، ކޮވިޑް-19 ފެތުރުން ހުއްޓުވެން އޮތް ހަމަ އެކަނި ގޮތަކީ އިޖްތިމާއީ ގައިދުރުކަމާއި ކަރަންޓީނުވުންކަމަށްވާއިރު، މިހާރު ދުނިޔޭގެ އެތައް މިލިއަން ބައެއް ތިބީ މި ހާލުގައިކަމަށެވެ. އަދި މިއީ ކުރުން މުހިއްމު ކަމަކަށްވާއިރު، ގޭގައި ތިބެގެން ފޫހިވެ، އެކަނި ވުމަކީ އެކަށީގެންވާކަމެއް ކަމަށެވެ. މި ފޫހިކަން ފިލުވުމަށް ގިނަ ފަރާތެއް ދަނީ މި ސްޓްރީމިންގ ސަރވިސްތައް ބޭނުން ކުރަމުންކަމަށް ޕެޓިޝަންގައި ފާހަގަކުރެއެވެ.

ނަމަވެސް، މެމްބަރޝިޕް ފީ ދެއްކުމަކީ އެންމެންނަށް ކުރެވޭނެ ކަމެއް ނޫންކަމަށާއި ހާއްސަކޮށް ގިނަ ބައެއްގެ ވަޒީފާ ގެއްލި ނޫނީ މުސާރަ ކުޑަވެފައިވުމުގެ ސަބަބުން މިހާރު އެއީ އިތުރަށް އުނދަގޫކަމެއްކަން ވެސް ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން، ޗޭންޖް.އޯގްގެ ޕެޓިޝަން ގޮވާލަނީ 60 ދުވަހުގެ މުއްދަތަކަށް މި ސަރވިސްތަކުގެ ފީ ކަނޑާލުމަށެވެ. އަދި މީގެ ސަބަބުން ގޭގައި މަޑުކުރުން ފަސޭހަވެ، ކުރާނެކަމެއް ގިނަ ފަރާތްތަކަށް ލިބިގެންދާނެކަމަށް ބުނެފައިވެއެވެ.

މި އަހަރުގެ ފުރަތަމަ ތިން މަހު އެކަނި 16 މިލިއަން އާ މެމްބަރުން ރެޖިސްޓަރ ވެފައިވާކަން ނެޓްފްލިކްސް އިން ބުނެފައިވާއިރު، އެ ކުންފުނީގެ ވެލިއު މިހާރު 190 ބިލިއަން ޑޮލަރަށްވުރެ މައްޗަށް ވަނީ އަރާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް