ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމް މެދުވެރިކޮށް ނަގުދު ފައިސާ ޖަމާކުރެވޭ އަދަދު އިތުރުކޮށްފިއެވެ.
ބީއެމްއެލުން ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑް-19 ގެ ސަބަބުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ކަނޑައަޅާފައިވާ ލޮކްޑައުން އާ ގުޅިގެން އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ފައިސާ ޖަމާޖުކުރުމަށް ދިމާވާ ދަތިތައް ހައްލުކޮށްދިނުމުގެ ގޮތުން އޭޓީއެމް މެދުވެރިކޮށް ފައިސާ ޖަމާކުރެވޭ އަދަދު އިތުރުކޮށްފައިވާ ކަމަށެވެ.
އެގޮތުން ވިޔަފާރި އެކައުންޓަކަށް ދުވާލަކު 500،000 ރުފިޔާ ޖަމާކުރެވޭނެ ކަމަށާއި އާންމު ފަރުދުންގެ އެކައުންޓަކަށް ދުވާލަކު 100،000 ރުފިޔާ ޖަމާކުރެވޭނެ ކަަމަށެވެ.
ކޮވިޑް-19 ގެ ސަބަބުން ރާއްޖެ އިން ބޭރުގައި ދަތިތަކާ ދިމާވެފައިވާ ދިވެހިންނަށް ފައިސާގެ މުއާމަލާތް ކުރުމުގައި ލުއިތަކެއް ހޯދައި ދިނުމުގެ ގޮތުން އޭޓީއެމުން ފައިސާ ނެގޭ އަދަދު އިތުރުކޮށް، ދިވެހި އެކައުންޓު މެދުވެރިކޮށް ފައިސާ ފޮނުވޭ ގޮތްވެސް ބޭންކް އޮފް މޯލްޑިވްސް އިން ވަނީ ހަމަޖައްސައިފައެވެ.
ބޭންކުގެ ކަސްޓަމަރުންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަކީ ބޭންކުން އެންމެ އިސްކަންދޭކަމަށް ވީ ހިނދު ލޮކްޑައުން މުއްދަތުގައި ބޭންކުގެ ބްރާންޗްތަކާއި ސަރވިސް ސެންޓަރުތައް މިވަނީ ބަންދުކޮށްފައެވެ. ނަމަވެސް ކަމާ ބެހޭ އިދާރާތަކުން ހުއްދަ ދޫކޮށްފައިވާ ފަރާތްތަކަށް ނަގުދު ފައިސާ ނެގުމާއި ޖަމާކުރުމަށް އޭޓީއެމްގެ ހިދުމަތް ލިބޭނެ ކަމަށް އެ ބޭންކުން ބުނެއެވެ.