ކޮވިޑް-19 އާއި ގުޅިގެން އައްޑު ސިޓީގައި ވިޔަފާރިތަކުން ޑެލިވަރީގެ ހިދުމަތް އެކަނި ދޭގޮތަށް ސިޓީ ކައުންސިލުން ނިންމައިފިއެވެ.
އައްޑު ސިޓީ ކައުންސިލުން ނެރިފައިވާ އިއުލާނެއްގައި ބުނެފައިވަނީ އާންމު ވިޔަފާރިތަކުން ޑެލިވަރީ ޚިދުމަތް ފޯރުކޮށްދެއްވަމުން ގެންދަނީ އެކަށީގެންވާ ގޮތެއްގައިކަން ފާހަނގަކުރެވިފައިވާތީ އާއި އަދި މިހާލަތުގައި ވިޔަފާރިކުރުމަށް ގޭބިސީތަކުން ބޭރަށް ނުކުތުމަކީ އެއްގޮތަކަށް ވެސް ރައްކާތެރިކަމަކަށް ނުވާތީ އައްޑޫގައި ވިޔަފާރިތަކުން ދެވޭނެ ޚިދުމަތަކީ ހަމައެކަނި އެރަށެއްގެ ގެތަކަށް ޑެލިވަރީގެ ޚިދުމަތްދިނުން ކަމުގައި ބުނެފައިވެއެވެ.
އަދި މީގެ އިތުރުން އާންމު ވިޔަފާރީގެ ޚިދުމަތް ދިނުމަކީ މަނާކަމެއްކަމަށް ބުނެފައިވެއެވެ. އެހެންކަމުން މިހާރުވެސް ކުރިއަށް ގެންދާގޮތަށް ޑެލިވަރީގެ ޚިދުމަތް ކުރިއަށް ގެންދިޔުމަށާއި، ޑެލިވަރީ ޚިދުމަތް ދިނުމުގައި ވިޔަފާރިތަކުންނާއި މުދާ ބަލައިގަންނަ ފަރާތުން ބައެއް ކަންކަމަށް ސާމާލުކަންދީ، ރައްކާތެރިވުމުގެ ގޮތުން ޢަމަލުކުރަންވީ އިރުޝާދުތަކެއް ވަނީ ހަމަޖައްސާފައެވެ.
އެގޮތުން ގެއަކަށް ބޭނުންވާ ތަކެތީގެ ލިސްޓެއް ހަދައި ހަވީރު 6:00 ގެ ކުރިން ނުވަތަ އެވިޔަފާރިއަކުން ކަނޑައަޅާ ގަޑިތަކުގައި ޑެލިވަރީކޮށްދިނުމަށް އޯޑަރކުރުމާއި، ވިޔަފާރިތަކުން އެދުވަހަކަށް ލިބިފައިވާ ޑެލިވަރީ އޯޑަރުތައް ލަސްނުކޮށް ފޯރުކޮށްދިނުމާއި، ޑެލިވަރީކުރަނީ ޕެރިޝަބަލް ތަކެތި ކަމުގައިވާނަމަ އެތަކެތީގެ ހާލަތު އޯޑަރުކުރާ ފަރާތަކަށް އެންގުމަށް ވަނީ ބުނެފައެވެ. އަދި ކޮންމެ ގޭބިސީއަކުން ފިހާރައަކަށް އެއް އޯޑަރަށްވުރެ ގިނަ އޯޑަރު ދުވާލަކަށް ނުކުރުމާއި، ޑެލިވަރީކޮށްގެން ލިބޭތަކެއްޗާއި ގުޅޭގޮތުން ހެލްތް ޕްރޮޓެކްޝަން އެޖެންސީން ދީފައިވާ އިރުޝާދުތަކަށް ސަމާލުކަން ދިނުމަށް ވަނީ އަންގާފައެވެ.
ސިޓީ ކައުންސިލުން ބުނީ މި އެންގުމާއި ޚިލާފުވާ ފަރާތްތަކަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައިވާ ގޮތުގެމަތިން ޤާނޫނީ ފިޔަވަޅު އެޅޭނެކަމަށެވެ.