ދާދި ފަހަކާ ޖެހެންދެން އަޙުމަދު ފާރިސް މައުމޫން އަކީ ދިވެހިންނަށް މާ ފަރިތަ ނަމެއް ނޫނެވެ. ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމްގެ ދަރިކަލެއްގެ ގޮތުގައި މެނުވީ، އާންމުންގެ ގިނަ ބަޔަކަށް ފާރިސް އެނގިފައެއް ނެތެވެ. ރާއްޖޭގެ އެންމެ ފުންނާބުއުސް، އެންމެ ތަޖުރިބާ ހުރި އެއް ސިޔާސީ ލީޑަރުގެ ދަރިކަލުން ނަމަވެސް، ސިޔާސީ ފޮޓޯގެ ކުރީ ސަފަށް ފާރިސް ނުކުމެވަޑައިގަތީވެސް އިހަކަށްދުވަހުއެވެ. ރައްޔިތުންނަށް ފާރިސް އާކަން ހާމަވާ ހެއްކަކީ އަދިވެސް ގިނަ ބަޔަކަށް ފާރިސްގެ އަސްލު ނަން ނޭނގުމެވެ. ފާރިސްއަށް، ފާރިޝްގެ ނަމުން މުޚާތަބުކުރާ އެތައް ފަރާތްތަކެއް ޚުދު ސިޔާސީ ދާއިރާގައިވެސް އެބަ ތިއްބެވެ.
ފާރިސްގެ އިސްލާހީ މަސައްކަތާއި، އާއިލީ ކޯޅުން
ރަސްމީ ޙައިސިއްޔަތުން، ފާރިސް އަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެކެވެ. އެމަނިކުފާނުގެ ބޮޑުބޭބޭފުޅަކީ، ދިވެހި ދައުލަތުގެ ވަލިއްޔުލް އަމްރެވެ. ނަމަވެސް ރާއްޖޭގެ ސިޔަސީ މަސްރަހަށް ބޭރުން ބަލާ ކޮންމެ މިހަކަށްވެސް ފުރަތަމަ ފެންނާނީ، ފާރިސް، އެމަނިކުފާނުގެ އަމިއްލަ ބޮޑުބޭބޭފުޅާ ދެކޮޅަށް މަސައްކަތް ކުރައްވާ މަންޒަރެވެ. ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުގައި ފާރިސް މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތަކީ ވެސް، ރައީސް މައުމޫނާއި، ރައީސް ޔަމީނާ ދެމެދު އޮތް އާއިލީ، ޒާތީ މައްސަލައެއްގެ ހަސަދަ، ސިޔަސީ ދާއިރާގެ ތެރެއިން ފިލުއްވަވާލެއްވުމަށް ކުރައްވާ މަސައްކަތެކެވެ.
ރައްޔިތުންގެ ތެރެއިން ބަޔަކު ޤަބޫލުކުރާ މި ޤަބޫލުކުރުމާއި، ވެރިކަންކުރާ ޕީޕީއެމްގެ މުސްތަޝާރު ފެކްޝަންގެ ބައެއް ބޭފުޅުން ކުރައްވާ މި ތުހުމަތަށް ފާރިސް ދެކޮޅު ހައްދަވައެވެ. ފާރިސް ވިދާޅުވާ ގޮތުގައި، މިއީ މުޅިން ސިޔާސީ މަސައްކަތެކެވެ. އެއްވެސް ހާލެއްގައި ޒާތީކަމެއް ނޫނެވެ.
"މި ކަންކަމަކީ ސިޔާސީ މައްސަލަތަކަކާ ގުޅުންހުރި މައްސަލަތަކެއް، މީ އެއްވެސް ގޮތަކަށް ޒާތީ ގޮތުން ޖެހިގެން އުޅޭ ކަމެއް ނޫން. އަޅުގަނޑުމެން މި ކުރާ މަސައްކަތަކީ، އެއްވެސް ހާލެއްގަ، ހަމައެކަނި ޒާތީ ވާހަކަތަކެއް ދައްކައިގެން، ހައްލު ކުރެވޭނެ ކަންތައްތަކެއްވެސް ނޫން. އެހެން މި ދަންނަވަނީ، އަޅުގަޑުމެން މިކަމުގަ ތެދުވަން ޖެހުނު އެންމެ ބޮޑު އެއް ސަބަބު، ކޮރަޕްޝަންގެ މައްސަލަތައް އަޅުގަނޑުމެންނަށް ޤަބޫލުކުރެވޭ ގޮތުން ވިއްޔާ ހައްދުފަހަނައަޅާ ދިއުން،" ފާރިސް ވިދާޅުވި އެވެ.
ފާރިސް ވިދާޅުވާ ގޮތުގައި އިސްލާހީ މަސައްކަތަށް ފާޅުގައި ނުކުންނަވަން މަޖުބޫރުވެވަޑައިގަތީ، ޝަރުޢީ ދާއިރާ އާއި މިނިވަން މުއައްސަސާތަކުގައި ސަރުކާރުގެ ނުފޫޒު ބޮޑުވެގެން ދިއުމުންނެވެ.
"ނެގޯޝިއޭޝަން އެއް ނޫނިއްޔާ ދެކޮޅުން ދޫދީގެން ޙައްލު ކުރެވޭ ހިސާބެއްގައެއްވެސް ނޫން މިހާރު މި މައްސަލަ މި އޮތީކީ، އަޅުގަނޑުމެންނަކަށް ޤަބުލެއް ނުކުރެވޭ ޝަރުޢީ ނިޒާމަށް ނުފޫޒު ސަރުކާރުގެ ފަރާތުން އަންނަން ޖެހޭ ކަމަކަށް. އަޅުގަނޑުމެންނަށް ޤަބޫލެއް ނުކުރެވޭނެ މިނިވަން މުއައްސަސާތަކުގެ ނިންމުންތަކާ އެބޭފުޅުންގެ އަމަލުތައް ހުންނަން ޖެހޭނީ، ސަރުކާރުގެ ވެރިން އަންގަވާ ގޮތަކަށް ކަމަކަށް. އެހެންވީމަ މިކަންކަމަކީ އެއްވެސް ހާލެއްގަ ޒާތީ މައްސަލަތަކެއް ނޫން، އާއިލާ ތެރޭގެ މައްސަލަތަކެއް ނޫން،"އޭނާ ވިދާޅުވި އެވެ.
"އިސްލާހަށް މަސައްކަތް ކުރަންފެށީ މިއަދަކު ނޫން، ރައީސް ޔާމިން ވެރިކަމުން ދުރުކުރާކަށް ނޫޅެން"
ރާއްޖޭގައި ފަހުގެ ތާރީޚުގައި ޑިމޮކްރަސީގެ ވާހަކަ އެންމެ ގަދަޔަށް، އެންމެ ފާޅުގައި ދެއްކި ބަޔަކީ އިދިކޮޅު އެމްޑީޕީއެވެ. ފާރިސް ވިދާޅުވި ގޮތުގައި ސަރުކާރުގެ ތެރޭގައި ތިބެގެން، ފާޅުކަން ބޮޑު ގޮތުގައި ނޫނަސް އިސްލާހީ މަސައްކަތްތަކެއް ކުރެއްވި ބޭފުޅުން ޕީޕީއެމްގައިވެސް އެބަ ތިއްބެވެ. މިއަދު ރައީސް ޔާމީންގެ ސަރުކާރަށް ކުރި ތާޢީދު އަނބުރާ ގެންގޮސް، ސަރުކާރު އިސްލާހު ކުރުމުގެ މަސައްކަތަށް ނުކުމެ އެ ތިބި ޕީޕީއެމްގެ މެންބަރުންނަކީ އެފަރާތްތައް ކަމަށް ފާރިސް ޤަބޫލުކުރައްވައެވެ.
"ސަރުކާރުގެ ސިޔާސަތުގެ ތެރެއިން، ކުރިއަރުވަން ބޭނުންފުޅުވާ ވަރަށް ބޮޑެތި ކަންތައްތަކުގަ އަޅުގަނޑުވެސް ހަމަ ބައިވެރިވީން. އެހެން ނަމަވެސް، ވަކި ހިސާބަކުން، އަޅުގަނޑަށް ކަންތައްތައް ދާ ގޮތް އެންމެ ރަނގަޅު ނޫން ކަމަށް ފެނި، އެކަންކަމާ ކަންބޮޑުވެ، އަޅުގަނޑުމެން ޕާޓީގެ ސްޓްރަކްޗަރ ތެރޭން، މިކަންކަން އިސްލާހު ކުރަން މަސައްކަތަކެއް ކޮށްކޮށް، އެކަން ކުރިއަށް ނުގޮސްގެން، އަދި ސަރުކާރުގެ ތެރޭންވެސް އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ މިނިސްޓްރީ ތެރޭގަޔާ، އެހެން ސިޔާސީ ވެރިންގެ އަރިހުގަ މި މައްސަލަތަކުގަ ވާހަކަ ދަންނަވައިގެން، ބީރު ކަންފަތެއް ލިބުމުން، އަޅުގަނޑު އެއާ ދުރަށް ޖެހެން ޖެހުނީ. މަޖުބޫރުވީ. އެހެން ވީމަ މިހާހިސާބަށް (ސަރުކާރުން ބޭރުވެ، ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރާ ހިސާބަށް) އަޅުގަނޑަށް މި އާދެވުނީ، އަޅުގަނޑު ބޭނުންވެގެނެއް ނޫން. ހަމަ ހަޤީޤަތުގަވެސް ދަންނަވާ ފާނަން އަޅުގަނޑު އެންމެ އެދެނީ، އޭރުވެސް، މިހާރުވެސް އެދެނީ، ރަނގަޅު ގޮތުގަ ރައީސް ޔާމީން ވެރިކަން ކުރެއްވުން. މިސަރުކާރު އިސްލާހުވުން،" އޭނާ ވިދާޅުވި އެވެ.
ފާރިސް ވިދާޅުވި ގޮތުގައި މިވަގުތު ކުރައްވަމުން ގެންދަވާ މަސައްކަތްފުޅުގެ މަޤުޞަދަކީ އެއްވެސް ހާލަތެއްގައި ރައީސް ޔާމީން ވެރިކަމުން ދުރުކުރުމުގެ މަސައްކަތެއް ނޫނެވެ. އިސްލާހީ މަސައްކަތަކީ ސަރުކާރުގެ ތެރެއިން ހިނގާ އެކިއެކި ނޭއްގާނީ އަމަލުތައް ހުއްޓުވައި ސަރުކާރު ހަމަ މަގަށް އެޅުވުމުގެ މަސައްކަތެވެ.
"އަޅުގަނޑުމެން މިވަގުތު މި ކުރާ މަސައްކަތަކީ އެއްވެސް ހާލެއްގަ، ރައީސް ޔާމީން ވެރިކަމުން ދުރުކުރުމަށް ކުރާ މަސައްކަތެއް ނޫން. އަޅުގަނޑު މަޖިލިސް މެންބަރެއްގެ ހައިސިއްޔަތުން، އަޅުގަނޑަށް ފެންނަ ޒިންމާއެއް އަދާކުރަނީ. މި ޒިންމާގަ މި ހިމެނެނީ ހަމަ މަޖިލީހުގެ ދައުރު ހަރުދަނާކޮށް، އަޅުގަނޑުމެންގެ ވާޖިބު އަދާކުރުމަށް ހުރި ހުރަސްތައް ނައްތާލާ، ދެން މަޖިލިސް އެކީގަ، ސަރުކާރު ޖަވާބުދާރީ ކުރުވުމުގަޔާ، އެހެނިހެން މަސައްކަތްތަކުގަ ރައްޔިތުންނަށް ޚިދުމަތްކުރެވޭ ތަނަކަށް ހެދުން،"ޢޭނާ ވިދާޅުވި އެވެ.
"އާއިލި ވެރިކަމެއް ކުރުމުގެ ވިސްނުމެއް ނެތް، ވެރިކަމަށް ޝަޢުޤެއްވެސް ނެތް"
އިސްލާހީ މަސައްކަތުގައި ފާރިސް ލީޑް ނެންގެވުމާއެކު އެކި ފަރާތްތަކުން އެންމެ ފުރަތަމަ ވެސް ކުރި ތުޙުމަތަކީ، ފާރިސް ވެރިކަން ބޭނުންފުޅުވެގެން އުޅުއްވާ ކަމުގެ ތުޙުމަތެވެ. ޤާނޫނުތައް މިވަގުތު އޮތް ގޮތުން، ވެރިކަމަށް ވަޑައިގެންނެވުމުގެ ފުރުޞަތު ރައީސް މައުމޫނަކަށް ނެތެވެ. އެހެންކަމުން އައިލީ ވެރިކަމެއް ދެމެހެއްޓުމަށް، ވެރިކަމަށް ވަޑައިގަތުމަށް ފާރިސް މަސައްކަތް ކުރައްވާކަމަށް، ސިޔާސީ ބައެއް ފަރާތްތަކާއި، ރައްޔިތުންގެ ތެރެއިންވެސް ބަޔަކު ވަނީ ތުޙުމަތު ކޮށްފައެވެ.
ރައީސް ނަޝީދުގެ ސިޔާސީ ކާމިޔާބީ އާއި އެމަނިކުފާނަށް ލިބިފައިވާ ރައްޔިތުންގެ ލޯބީގެ އެންމެ ބޮޑު އެއް ސަބަބަކީ އެމަނިކުފާނުގެ ހިތްޕުޅުތިރިކަމެވެ. އާދައިގެ ދިރިއުޅުމަށް ލޯބި ކުރައްވާ ކަމެވެ. ޒުވާނުންނާއި ބާއްވަވާ ގާތް ގުޅުމެވެ. ތިމާއަށް ލިބިދާނެ ގެއްލުމަކަށް ފަރުވާލެއް ނެތި، އިސްލާޙީ މަސައްކަތުގައި ދެމިހުންނަވާ ގޮތެވެ. މިއަދު ފެންނަ މަންޒަރަށް ބަލާއިރު، ފާރިސް އަކީވެސް އެފަދަ ބޭފުޅެކެވެ. ރައީސް ނަޝީދަށްވުރެ މަޑުމައިތި މިޒާޖެއްގެ ވެރިއެއް ނަމަވެސް، ސޯޝަލް މީޑިއާ އާއި އާންމު ދިރިއުޅުމުގައިވެސް އެމަނިކުފާކުފާނަކީ، ޒަމާނީ، ޒުވާން ޚިޔާލުފުޅުގެ، ތަޢުލީމީ ބޭފުޅެކެވެ.
މި ސިފަތަކާއެކު، އިސްލާޙީ މަސައްކަތުގައި އިސްކޮށް އުޅުއްވުމުގެ ސަބަބުން، ފާރިސްއަށް މިއަދު ގިނަ ރައްޔިތުންތަކެއްގެ ތާޢީދު ވަނީ ލިބިގެން ގޮސްފައެވެ. މިވަގުތު ޤާނޫނު އޮތްގޮތުން، ރައީސް ނަޝިދާއި، ރައީސް މައުމޫނާއި، ޖުމްޙޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް އާއި ޝެއިޚް އިމްރާނަށްވެސް ރިޔާސީ އިންތިޚާބެއްގައި ވާދަކުރެއްވެން ނެތުމާއި، މިވަގުތު ރައްޔިތުންގެ އަގުލަބިއްޔަތު ރައީސް ޔާމީނާއި ދެކޮޅަށް އޮތުމަކީ، ވެރިކަމަށް ކުރިމަތިލެއްވުމުގެ ޝަޢުޤު ހުރިނަމަ ހައްތަހާވެސް ފާރިސްއަށް އޮތް ފައިދާއެވެ.
ކަންމިހެން ހުރުމުން މިވަގުތު އެންމެ ބޮޑަށް އުފެދޭ ސުވާލަކީ ހަމަ އަސްލުވެސް ފާރިސް ވެރިކަމަށް ކުރިމަތިލައްވަފާނެތޯ ކުރެވޭ ސުވާލެވެ. މި ސުވާލަށް ފާރިސްގެ ޖަވާބު ވަރަށް ސާފެވެ.
"ނޫން. އަޅުގަނޑު އެ ޚިޔާލެއް (ވެރިކަމަށް ކުރިމަތިލުމުގެ ޚިޔާލު) ނުގެންގުޅެން. ކުރިޔަކުންވެސް ނެތް. މިހާރަކުވެސް ނެތް،"އޭނާ ވިދާޅުވި އެވެ.
ފާރިސް ފާހަގަކުރައްވާ ގޮތުގައި، ފާރިސް އަކީ ސިޔާސީ ގޮތުން، ރައީސް މައުމޫންގެ އާއިލީ ވެރިކަމެއް ދަންމަވަން، އަމިއްލައަށް ވެރިކަން ހޯއްދަވަން އުޅުއްވާ ބޭފުޅެއް ނަމަ މިހާތަނަށް ފާރިސް މަސައްކަތް ކުރެއްވި ގޮތަށް އެ ކަންކަން ނުކުރައްވާނެއެވެ.
"ރައީސް މައުމޫންގެ ހަތަރު ދަރިން. އަޅުގަނޑުމެންނަށްވެސް ﷲ އިރާދަފުޅުން، ހަމަ ހަތަރު މީހުންނަށްވެސް ކޮންމެސް ވަރެއްގެ ތަޢުލީމެއް ހާސިލް ކުރެވިފަ މިތިބީ. އަޅުގަނޑުމެން ޤަބޫލުކުރާ ގޮތުގަ އަޅުގަނޑުމެންނަކީ ޤާބިލް ބައެއް. ޤައުމަށް ޚިދުމަތްވެސް ކުރަން މަޖުބޫރު، އެއީ އަޅުގަނޑުމެންނަށް މި ޤައުމު ވަރަށް ރަނގަޅު. އަޅުގަނޑުމެން މި ޤައުމަށް އޯވ ކުރާ، ނުވަތަ އަޅުގަނޑުމެން މި ޤައުމަށްތަކާ ކޮށްދޭންޖެހޭ މަސައްކަތްތައް ވަރަށް ގިނަގުނަ. އެހެންނަމަވެސް އަޅުގަނޑުމެން މިހާ ހިސާބަށް އުމުރުގައި އައި އިރުގައި، އަޅުގަނޑުމެން ތި ވިދާޅުވާ ގޮތަށް، އާއިލީ ވެރިކަމެއް ދަމަހައްޓަން ނޫނީ، ވެރިކަމެއް ބޭނުންވެގެން، ވެރިކަމުގެ ނިޔަތުގަ ކުރި އެއްވެސް މަސައްކަތެއް ނޯންނާނެ. އަޅުގަނޑުމެންނަކީ، އަޅުގަނޑަކީ، ހަމަގައިމުވެސް އެ ވިސްނުމުގަ ހުރި މީހެއްވެސް ނޫން،" ފާރިސް ވިދާޅުވި އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ސްޓޭޓް މިނސްޓަރުގެ މަގާމު އަދާކުރެއްވި އެވެ. ނަމަވެސް މަތީ މަގާމެއް ފުރުއްވުމުގެ ޝައުގެއް އެ މަގުސަދެއް ނުގެންގުޅުއްވާ ކަމަށް އޭނާ ވިދާޅުވި އެވެ. މިހާރު ކުރައްވަމުން ގެންދަވާ އިސްލާހީ މަސައްކަތަކީ މަގާމުގެ ޝައުގެއް އޮތުމުގެ ބަދަލުގައި، ރައްޔިތުންގެ މަޖިލީޙުގެ މެމްބަރެއްގެ ގޮތުން ކުރައްވަންޖެހޭ ކަމެއް ކަަށާއި ގައުމަށްޓަކައި އަދާކުރައްވަންޖެހޭ ޒިންމާއެއް ކަމަށް ފާރިސް ވިދާޅުވި އެވެ. މި މަގުސަދާމެދު ދިވެހިރައްޔިތުން އިއްތިފާގުވާނެ ކަމަށް ގަބޫލްކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ،
ރައީސް މައުމޫނު ބޭނުންފުޅުވަނީ އާއިލީ ވެރިކަމެއް ދަމަހައްޓަކަށް ކަމަށް ވާހަކަ ދައްކަނީ، ފާރިސް ތުޙުމަތު ކުރައްވާ ގޮތުގައި އިސްލާޙީ މަސައްކަތާ އިދިކޮޅު ފަރާތްތަކުން ފަތުރާ ވާހަކަތަކެވެ.
"މިހާރު މި އޮތް ހާލަތު ދަމަހައްޓަން ބޭނުންވާ ބަޔަކު، އަޅުގަނޑުމެންނާ ދިމާލަށް، އަލުގަނޑުމެން ކުރާ މަސައްކަތަށްވުރެ ބޮޑަށް، ޒާތީ ގޮތުން ފާޑު ކިޔައިގެން ނަމަވެސް އަޅުގަނޑުމެންގެ މަސައްކަތް ހުއްޓޭތޯ ބަލާނެ. އަޅުގަނޑުމެން މި ދަންނަވަނީ ދިވެހިރާއްޖޭގަ، މިހާރު ކޮރަޕްޝަންގެ މައްސަލަ ވަރަށް ބޮޑޭ. ދިވެހިރާއްޖޭގަ ދިވެހި ރައްޔިތުން މިހާރު، ޝަރުޢީ ނިޒާމާ ގުޅޭގޮތުން ކުރާ އިތުބާރު ކުޑަވެއްޖޭ. މިނިވަން މުއައްސަސާތަކަށް ކުރާ އިތުބާރު ކުޑަވެއްޖޭ. އަޅުގަނޑުމެން މި ވާހަކަތައް ދެއްކީމަ، މި ވާހަކަތަކުގެ ރައްދު ނުދީ، މި ވިދާޅުވަނީ އަޅުގަނޑުމެންގެ ތެރޭން މިވެނި މީހަކު އެ އުޅޭނީ މިވެނި ކަމަކާއޭ. މީ އެހެން ވީމަ އަޅުގަނޑުމެން މި ދަންނަވާ ޓޮޕިކަލް އިޝޫޒްއަށް ޖަވާބުދިނުމުގެ ބަދަލުގަ، ޒާތީ ގޮތުން، އަޅުގަނޑު މިވެނި ކަމަކާއޭ އުޅެނީ، ނޫނީ އެހެން ބޭފުޅަކު މިވެނި ކަމަކާއޭ އުޅެނީ، މިހެން ވިދާޅުވާ ވިދާޅުވުމަކީ، އަޅުގަނޑަށް ހީވަނީ އެ މައްސަލަ އޮޅުވާލަން ނޫނީ އަޅުގަނޑުމެންގެ ފޯކަސް ނަގާލަން ދައްކާ ވާހަކަތަކެއް،" އޭނާ ވިދާޅުވި އެވެ.
ފާރިސް ވިދާޅުވި ގޮތުގައި ގައުމުގައި ސިޔާސީ ބައިބައިވުން އޮތުމަށް ވުރެ މުޅި ގައުމަށް ވެސް މުހިންމު އެކުގައި މަސައްކަތް ކުރުމެވެ. ރައީސް މައުމޫން އާއި ރައީސް ނަޝީދަކީ، ނުވަތަ ޕީޕީއެމް އާއި އެމްޑީޕީއަކީ ދިވެހިރާއްޖޭގެ ސިޔާސީ ސްޕެކްޓްރަމްގެ ދެކޮޅެވެ. އެ ދެފިކުރު އެއްގަލަށް އެރުމަކީ ދިވެހި ސިޔާސީ ތާރީހު ދެކޭނެކަމަށް އެއްވެސް މީހަކު ޤަބޫލުކުރި ކަމެއް ނޫނެވެ. އެމްޑީޕީއާއިއެކު ފާރިސް މަސައްކަތް ފެއްޓެވުމުން، ގިނަ ފާޑު ކިޔުންތަކެއް ކުރިމަތިވިތަން ފެނުނެވެ. އެ ގުޅުމަކީ ތެލާއި ފެން އެއްވުން ކަމުގައި ބަޔަކު ސިފަކުރިއެވެ. ބިނާކުރަނިވި ފިކުރު، ފަނާކުރަނިވި ފިކުރުގެ ކުރިމަތި ކުޑަކަކޫ ޖެހީ ކަމަށް ބުނި ބަޔަކުވެސް އެބަ އުޅެއެވެ.
ފާރިސް ވިދާޅުވި ގޮތުގައި ރާއްޖެ ދެފިކުރަށް ބައިވެފައި އޮތް އޮތުމުގެ މުއްދަތު ހަމަވެއްޖެއެވެ. މިއަދު ޖާގަ އޮތީ އެކުގައި، ޤައުމަށްތަކައި މަސައްކަތް ކުރުމަށެވެ.
"އަޅުގަނޑަށް ފެންނަނީ ދިވެހިރާއްޖެ މެދުން ރޮނގެއް ދަމާލާފަ، އެމްޑީޕީއާ ޕީޕީއެމްއާ ހަދައިގެން މި އުޅޭ އުޅުން، އޭގެ އެކްސްޕައިރީ ޑޭޓް ހަމަވެއްޖެ މިހާރު. އެއީ އަޅުގަނޑުމެންގެ މުސްތަޤުބަލް ބައްޓަންކުރަން ބަލާއިރު، ރަނގަޅު ޕްލޭނެއް ނޫން. އަޅުގަނޑަކަށް ނުފެނޭ (އެހެންނެއް). އަޅުގަނޑުމެންނަކީ ޤުދުރަތީ ވަޞީލަތްތައް މަދު، ހަޤީޤަތުގައި ދުނިޔޭގެ ނިސްބަތުން، އެހާ ފޯރުންތެރި ޤައުމެއް ނޫން. ނިކަމެތި ޤައުމެއް ގިނަ ގޮތްގޮތުން. އެހެންވީމަ އަޅުގަނޑުމެން ކޮންމެ ކަމަކަށް، ދެބަޔަށް ރައްޔިތުން ބަހާލައިގެން، ކޮންމެ ކަމަކާ ވާދަކޮށް، ކޮންމެ ކަމަކާ ޒުވާބުކޮށްގެން، ސިޔާސީ މަސްރަޙު ބައްޓަން ކުރަން ވެއްޖެއްޔާ ވަރަށް ބޮޑަށް ވެސްޓޭޖް ގިނަވާނެ. އަޅުގަނޑުމެންނަށް އިސްރާފު ވަރަށް ބޮޑުވާނެ. މައްސަލަތަކުގަ ވަގުތު ގެއްލޭލެއްވެސް ބޮޑުވާނެ. އެހެންވީމަ އަޅުގަނޑަށް ފެނޭ މިހާރު ސިޔާސީ ވިޒަންއެއް، މީހަކު ދެކޭ ކަމުގައި ވާނަމަ، ކޮންމެސް ގޮތަކުން، އެއް ފްރޭމްވަރކްއެއްގެ ތެރޭގަ، ސިޔާސީ ހުރިހާ ޕާޓީއަކަށް މަސައްކަތް ކުރެވޭ ފްރޭމްވަރކެއް ތައްޔާރުކޮށްގެން ކުރިއަށްދިއުން. އަޅުގަނޑުމެން އުފައްދަން ޖެހޭ މާސްޓަރޕްލޭންތަކެއްވެސް،" އޭނާ ވިދާޅުވި އެވެ.
ފާރިސް އެ ވިދާޅުވާ މާސްޓަރޕްލޭން އަކީ ސިޔާސީ ހުރިހާ ފަރާތްތަކަށްވެސް ވާދަކުރެވޭނެ ފަދަ މާހައުލެއްގެ ތެރެއިން ޤައުމަށް ތަރައްޤީގެނެސް، ސިޔާސީ ވާދަވެރިކަން އޮތް ނަމަވެސް ރައްޔިތުންގެ ބޭނުންތަކަށް ބުރޫ ނާރާނެ ޕްލޭނެއް ކަން ފާރިސް ފާހަގަކުރެއްވިއެވެ.
"ސިޔާސީ ހުރިހާ އެންމެން، ހުރިހާ ފަރާތްތަކަށް އެއްބަސްވެވޭ، ދިގުރަސްތާ ޕްލޭންތަކަކަށް. އެއްބަސްވެވިގެން އޭގެ ތެރޭގަ އަޅުގަނޑުމެން ސިޔާސީ ހަނގުރާމަތައް ކޮށްގެން، އަޅުގަނޑުމެން ކަނޑައަޅާފަ ހުންނަ ޓާގެޓްތަކާ ހިސާބަށްދިއުމަށް، ތަފާތު ސިޔާސަތުތައް ތަފާތު ޕާޓިތަކުން ކަނޑައަޅާފާނެ. މިސާލަކަށް ދަންނަވަނީނަމަ، އަޅުގަނޑުމެންނަށް އެއްބަސްވެވޭ ޓާގެޓްތަކެއް ހުންނާނެ. މަޖިލިސް ތެރޭންނާ އަދި އެނޫން ގޮތްގޮތުންވެސް ރައްޔިތުންގެ ޚިޔާލު ހޯދައިގެން، މަހާސިންތާތައް ބާއްވައިގެން، އަޅުގަނޑުމެން ވަރަށް ދުރަށް ވިސްނަން ޖެހޭ. ރާވަންޖެހޭ. އަޅުގަނޑުމެންނަށް ޗެލެންޖްތައް ގިނަވާނެ،" ފާރިސް ވިދާޅވި އެވެ.
ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއްގެ އުއްމީދު
2012 ވަނަ އަހަރު ރައީސް ނަޝީދުގެ ވެރިކަން ބަދަލުވެ، އޭރުގެ ނައިބުރައީސް، ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު ރައްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގަތް ހިސާބުން، ދެން އުފެދިގެން އައި ސަރުކާރަކީ ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް ކަމަށް ބުނެއުޅުނެވެ. ނަމަވެސް އޭރު ފެނިގެން ދިޔަ މަންޒަރަކީ، ވަކި ބަޔަކު ގުޅިގެން ވެރިކަން ކުރަމުން ދިޔައިރު، އަނެއް ބަޔަކު މަގުމަތީގައި އިންސާފުގެ ދަތުރު ފަށާފައި އޮތް މަންޒަރެވެ.
މިއަދު ސިޔާސީ ހަތަރު ލީޑަރުން ވެފައިވާ އެއްބަސްވުމާއި އެކު، ރައްޔިތުންގެ އަޤުލަބިއްޔަތު އެއްފަޅިއަށް އެރުމުން، ހަޤީޤީ މާނައިގައި ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އުފައްދައި، ޤައުމަށް ހަމަޖެހުމާއި، އަމާންކަން ގެނައުމުގެ އުއްމީދު ވަނީ ބޮޑުވެފައެވެ. ގުޅިފައިވާ އިދިކޮޅު ފަރާތްތަކުގެ ވާހަކައިން، މިފަދަ ކަމަކަށް ފުރުޞަތު އޮތްކަންވެސް ހާމަވެގެން ދެއެވެ.
އިދިކޮޅު ކޯލިޝަންގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ އެއް ފަރާތްކަމުގައިވާ ފާރިސްވެސް މިކަމުގައި ގެންގުޅުއްވަނީ މިއީ ވެދާނެ ކަމެއް ކަމުގެ ފިކުރުފުޅެވެ.
"ނޭޝަނަލް ޔުނިޓީ ގަވަމަންޓެއް އެކުލަވާލުމަކީ، ދިވެހިރާއްޖޭގެ މުސްތަޤުބަލަށް ވަރަށް، ފައިދާ ކުރާނެ ކަމެއް. އެހެން މި ދެންނެވީ އަޅުގަނޑުމެން، ސިޔާސީ ހަލަބޮލިކަން ތަޖުރިބާ ކުރާތާ އެތައް އަހަރުތަކެއް ވެއްޖެ. މީގެ ތެރޭގަ އެއް ސަބަބަކީ، ވަރަށް ދިގު މުއްދަތަކަށް، އެއްބޭފުޅަކު ވެރިކަން ކުރެއްވީމަ، އެހެން މަންޒަރެއް، އެހެން ދުވަހެއް ދެކެން ބެނުންވާ ރައްޔިތުން ގިނަވެގެން އައިސް، ވަރަށްބޮޑު ޕްރެޝަރ ޕޮއިންޓަކަށް އައިސްގެން، 2008 ގަ ވެރިކަން ބަދަލުވެގެން އައިސް، އެހާ ހިސާބުން ފެށިގެން، ވަރަށް ޓަރބިއުލަންޓްކޮށް މި ދަނީ. ކަންތައްތައް ކޮންޓްރޯލް ނުވެގެން ދާކަހަލަ ގޮތަކަށް އަޅުގަނޑަށް ފެންނަނީ،"އޭނާ ވިދާޅުވި އެވެ.
ފާރިސް ވިދާޅުވީ، ޤާނޫނުއަސާސީ އިސްލާޙު ކުރެވި، އާ ޤާނޫނުއަސާސީއެއް އެކުލަވާލެވުނު އިރު، ސަރުކާރު ހިންގުމުގެ ނިޒާމް އެކުލަވާލެވިފައި އޮތީ އެންމެ ރަނގަޅަށް ކަމަށް ދެކިވަޑައި ނުގަންނަވާ ކަމަށާ، މިހާރު ސިޔާސީ ހަމަޖެހުމެއް ނުލިބިގެން މި އުޅޭ އެއް ސަބަބަކީ އެއީ ކަމަށެވެ.
މި ދެންނެވި ޕްރެޝަރ ޕޮއިންޓާ ހަމަ ގާތުގަ، ޤާނޫނުއަސާސީވެސް އިސްލާޙު ކުރެވުނީ. މިހާރުގެ ފެހި ޤާނޫނު އަސާސީ އަކީ ހަމަ ގައިމުވެސް، ކުރީގަ އޮތް ނޫ ގާނޫނު އަސާސީ އަށްވުރެ މާ ރަނގަޅު، މާ ޑިމޮކްރެޓިކް ޕްރިންސިޕަލްސް އެކުލެވޭ، ރައްޔިތުންގެ ޙައްޤުތައް ހިމާޔަތް ކުރެވޭ ޤާނޫނު އަސާސީއެއް. ވަރަށް ބޮޑު ކުރިއެރުމެއް މީ. އެހެންނަމަވެސް އެ ޤާނޫނުއަސާސީ އެކުލަވާ ލެވުނު ދުވަސްވަރަކި މި ދެންނެވި، ސިޔާސީ ވާދަވެރިކަން އެންމެ ބޮޑަށް ހޫނު ވެފަ އޮތް ދުވަސްވަރު. އެހެންވީމަ އަޅުގަނޑަށް ވިސްނޭ ގޮތުގަ، އެ މަސައްކަތް ކުރެއްވީރު ޤައުމުގެ ހާލަތު ނޫން އެހެން ބައެއް ކޮންސިޑެރޭޝަންވެސް ޚާއްސަ މަޖިލީހުގެ ބައެއް މެންބަރުން ގެންގުޅުއްވާފަ އެބަހުރި. އެހެންވީމަ މިކަމުގެ ސަބަބުން، ފެހި ޤާނުނު އަސާސީގަ އެ އޮތް ގަވަނިންގ ސްޓްރަކްޗަރ، ދައުލަތުގެ ބާރުތައް އެކުލެވިފަވާ ގޮތް، އެންމެ ސްޓޭބަލް ކަމަކަށް، ނުނީ ރާއްޖެއަށް އެންމެ އެކަށީގެންވާ ކަމަކަށް އަޅުގަނޑަށް ޤަބޫލެއް ނުކުރެވޭ
ފާރިސް ވިދާޅުވީ ދައުލަތުގެ ތިން ބާރަށް ލިބިދޭ ބާރުތައް އެއްހަމަ ނުކުރެވި، ރައްޔިތުންގެ މަޖިލިހަށް މާ ބޮޑަށް ބާރު ލިބިގެން ދިއުމުން، ނުކުންނާނެ ނަތީޖާ ރައީސް ނަޝީދުގެ ސަރުކާރާއި މިއަދުގެ ސަރުކާރުގައި ފެންނަމުންދާ ކަމަށެވެ.
އަޅުގަނޑުމެންނަށް ފެނިގެން ހިނގައްޖެ، ރައީސް ނަޝީދު ވެރިކަން ކުރެއްވީރު، ރައީސް ނަޝީދުގެ ފުރިހަމަ އަޤުލަބިއްޔަތު ނެތް މަޖިލީހެއް އޮތުމުގެ ސަބަބުން، އެމަނިކުފާނަށް ދިމާވެވަޑައިގެން ބޮޑެތި ގޮންޖެހުންތައް. އެވަގުތު ސަރުކާރު ތެރޭގަވެސް، އަދި ރާއްޖޭގަވެސް ހަމަޖެހުމެއް ނުލިބުނު. ދެން މިހާރު މި ފެންނަނީ ރައީސް ޔާމީންގެ ބޮޑު އަޤުލަބިއްޔަތެއް މަޖިލީހުގެ ތެރޭގަ އޮތްތަން. އެހެންނަމަވެސް ސްޓެބިލިޓީއެއްވެސް ނެތް. އަދި ރައްޔިތުންގެ ގިނަ ބަޔަކު ޤަބޫލުކުރަނީ ރައްޔިތުންގެ އަޑު މިހާރު އުފުލެ ތަނެއް ކަމަށް މަޖިލިސް ނުފެންނަ ކަމަށް. އެހެންވީމަ މީގަ އެބަ އުޅޭ އަޅުގަނޑުމެން އެންމެން އެކީގަ އިށީނދެގެން، ނިންމަންޖެހޭ ކަންތައްތަކެއް. އަޅުގަނޑަށް ޤަބޫލުކުރެވޭ ހަތަރު ޕާޓީ އެކުގަ މަސައްކަތް ކޮށްގެން އެ ހާލަތަށް ދެވިދާނެ ކަމަށް
އިސްލާހީ މަސައްކަތުން ނަތީޖާ ނެރެ، ޤައުމަށް ހަމަނޭވާއެއް ލެވިދާނެބާ؟
މިއީ މިއަދު ދިވެހި ކޮންމެ ރައްޔިތެއްގެވެސް ހިތުގައި އުފެދިފައިވާ އެންމެ ބޮޑު ސުވާލެވެ. އިދިކޮޅު ލީޑަރުން މި ސުވާލުގެ ޖަވާބުގައި ވިދާޅުވަނި އިރާދަކުރެއްވިއްޔާ އެފަރާތްތަކުގެ މަސައްކަތް ކަމިޔާބު ވަނެ ކަމުގެ 100 އިންސައްތަ ޔަޤީންކަން އޮތް ކަމަށެވެ. ޤައުމު ހަމަމަގަށް އަޅުވައި، ކޮރަޕްޝަން ނައްތާލައި، ރައްޔިތުންނަށް ލިބިދޭންޖެހޭ އިޖުތިމާޢީ، ސިޔާސީ، ސިއްޙީ، އަދި އެހެނިހެން ވެސް ހައްޤުތައް ހޯދައިދޭނެ ކަމުގެ ވައުދު އެ ފަރާތްކުން އެ ދަނީ ވަމުންނެވެ. އުއްމީދީ ވާހަކަތަކެކެވެ. ރައްޔިތުން ތިބީ އުއްމީދުން ފުރިފައެވެ.
ނަމަވެސް މިހާތަނަށް ފެނުނު މަންޒަރުން ދަސްވެފައި އޮތް ފިލާވަޅެއްވެސް އެބަ އޮތެވެ. ޑިމޮކްރަސީ އައި ފަހުން ރާއްޖޭގެ ވެރިކަމަށް އައި ފަރާތްތަކަށް އެ މަޤާމަށް އާދެވިފައިވަނީ ކޯލިޝަންއެއްގެ ތެރެއިންނެވެ. އަދި ވެރިކަން ލިބޭތާ ގިނަ ދުވަސްތަކެއް ނުވެ، އެ ކޯލިޝަންތައް ރޫޅިގެންގޮސް، ސަރުކާރު ހޫނުފެނަށް ވެއްޓޭތަން ވެސް ވަނީ ފެނިފައެވެ. މިފަހަރު ވާގޮތާއި، މި ކޯލިޝަންގެ ހުރި އެކުވެރި، ބަދަހި، ހިންގުތެރިކަމެއް ބެލުމަށް ދިވެހިން ތިބީ ކެތްމަދުވެފައެވެ.