މާލެއިން ފުރަތަމަ ފަހަރަށް ދިވެއްސަކު ޕްޒިޓިވްވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިޙް ޤައުމާ މުޚާތަބުކުރައްވާ ވާހަކަފުޅު ދެއްކެވިވަގުތު ކީރިތިކުރެއްވުން ފެނިގެން ދިއައީ އެމަނިކުފާނަކީ ގައުމަށް ވަރަށް ހެޔޮ އެދިވަޑައިގަންނަވާ ބޭފުޅެއްގެ ގޮތުގައިކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ ކޮވިޑް-19ގެ ޚާއްސަ ކަވަރޭޖަށް ފޯނުން ދެއްވި އިންޓަރވިއުއެއްގައި ރައީސް މައުމޫން ވިދާޅުވީ، ރައީސް ސޯލިޙް ގައުމާ މުޚާތަބުކުރެއްވި ވަގުތު އަޑުފުޅުން ދޭހަވީ އެމަނިކުފާނަށް ކޮށްފައިވާ އަސަރުކަށެވެ. އެއީ ރައީސް ސޯލިޙުގެ ހިތްޕުޅުގައި ގައުމަށް އޮތް ލޯބި ބޮޑުކަމުން ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
އެހެންވީމަ އަޅުގަނޑުމެންޖެހޭނެ އެކަހަލަ ކަންތައްތަކަށް އިޚްތިރާމްކުރަން. އެއީ އަޅުގަނޑުމެން ގަބޫލުކުރަންޖެހޭނެ ރައީސް ރާއްޖެއަށް ހެޔޮ އެދިވަޑައިގަންނަވާތީ އެމަނިކުފާނުގެ އަޑުފުޅަށް އަސަރުކޮށްފައި ހުރިކަން. މިހެންވެފައި ހުންނާނެ ކޮންމެ މީހަކަށްވެސް.ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްޤައްޔޫމް
މިފަދަ ބައެއް ހާދިސާތަކުގައި ޚުދު އެމަނިކުފާނަށް ވެސް އެފަދަ ގޮތަކަށް ކަންތައް ކުރިމަތިވެވަޑައިގެންނެވިކަން ފާހަގަކުރައްވާ ރައީސް މައުމޫން ވިދާޅުވީ އެއީ އިންސާނީ ތަބީޢަތެއް ކަމަށެވެ.
މާލޭގައި ދިރިއުޅޭ ދިވެއްސަކު ކޯވިޑު19 އަށް، ޕޮޒިޓިވްވި ޚަބަރާއެކު ރައީސް ސޯލިހު ޤައުމާއި މުޚާތަބުކުރެއްވިއެވެ.
ރައީސް ސޯލިޙު އެ ޚަބަރު ދިވެހި ރައްޔިތުންނާ ޙިއްސާ ކުރެއްވިވަގުތު އެމަނިކުފާނުގެ މޫނުފުޅުމަތިން ފެނުނީ ހިތްދަތި އަސަރުތަކެވެ. ހިތާމައިގެ ކަރުނަތަކުން އެމަނިކުފާނަށް އެ ޚަބަރު ވިދާޅުވާންވެސް އުނދަގޫވެވަޑައިގެން ހުއްޓުން އެރިވަގުތުވެސް ފެނުނެވެ. ރައީސް ސޯލިޙްގެ މި އަސަރުގަދަ މެސްޖުތަކާއެކު ބައެއް ފަރާތްތަކުން އެ މަނިކުފާނު ކީރިތި ކުރެއްވުން ވެސް އެއީ ޖޯކަކަށް ހެއްދެވިއެވެ. ނަމަވެސް އެއަށްވުރެ ގިނަ ރައްޔިތުންގެ ފަރާތުން އެމަނިކުފާނަށް އޮތް ލޯބި ބަންޑުންވެގެންވެސް ދިއައެވެ.