ކޮވިޑް-19 ފެތުރި އޭގެ އެންމެ ނުރައްކާ ބޮޑު މި ދަނޑިވަޅުގައި އިންޑިއާއިން ބޭނުން ވަނީ ރާއްޖެއާއެކު ގުޅިގެން ގާތުން މަސައްކަތް ކުރެއްވުމަށް ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.
މޯދީ މިހެން ވިދާޅުވެފައިވަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ފޯނުން ގުޅުއްވާ ކޮވިޑް-19 އާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށްފަހު ކުރެއްވި ޓްވީޓެއްގައެވެ. މޯދީ ކުރެއްވި ޓްވީޓުގައި ވިދާޅުވިވެފައިވަނީ ރައީސް ސޯލިހާ ފޯނުން ގުޅުއްވާ ވާހަކަފުޅު ދެއްކެވި ކަމަށާއި، ކޮވިޑް-19 ރޯގާއާއި ސިއްހަތާއި އިގްތިސާދީ ގޮތުން ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވުނު ކަމަށެވެ.
މޯދީ ސިފަކުރެއްވީ ކޮވިޑް-19 އަކީ ދެ ގައުމުން ހަނގުރާމަ ކުރަމުންދާ އެއް ދުޝްމަނެއްގެ ގޮތުގައެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮތް ހާއްސަ ގުޅުން މި ހަނގުރާމައިގެ ތެރޭގައި އިތުރަށް ވަރުގަދަ ވެގެންދާ ކަމަށް މޯދީ ވިދާޅުވިއެވެ. އަދި އިންޑިއާއިން އަބަދުވެސް ސަރަހައްދުގެ އަވަށްޓެރި އަދި އެކުވެރިޔާ އެކީގައި މި ހައްސާސީ ދަނޑިވަޅުގައި އެކުގައި މަސައްކަތް ކުރައްވާނެކަމަށް މޯދީ ވަނީ ވިދާޅުވެފައެވެ.
ދެބޭފުޅުންގެ މަޝްވަރާއަށްފަހު ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދެގައުމުން ގުޅިގެން ކޮވިޑް-19 އާއި ގުޅިގެން ކުރަމުންދާ ކަންތައްތަކާއި ގުޅޭ މަޝްވަރާ ކުރެއްވުނު ކަމަށެވެ. އަދި އިންޑިއާއިން ރާއްޖެއަށް އެހީތެރިވެދެވޭނެ ގޮތްތަކާއި ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވި ކަަމަށް ވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި 52 ކޭސްއެއް ފެނިފައިވާ އިރު މީގެ ތެރޭގައި ހިމެނެނީ މާލެއިން ޕޮޒިޓިވްވި 14 ދިވެއްސަކާއި، ބަންގުލަދޭޝްގެ 15 މީހަކާއި އިންޑިއާ 2 މީހެކެވެ. މީގެ އިތުރުން ރިސޯޓްތަކުން ޕޮޒިޓިވްވި 13 މީހަކާއި ކަރަންޓީން ފެސިލިޓީން ޕޮޒިޓިވްވި 5 މީހަކު ހިމެނެއެވެ. އަދި ބޭރަށް ފުރައިގެން ދިޔަ 2 މީހުންގެ އިތުރުން އުލިގަމުން ފެނުނު ދިވެހި މީހެއް ހިމެނެއެވެ. މިހާތަނަށް މިބަލިން 16 މީހަކު ވަނީ ރަނގަޅުވެފައެވެ.
އިންޑިއާއިން މިހާތަނަށް 17،000ށް ވުރެ ގިނަ މީހުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އަދި އެގައުމުގައި މަރުވި މީހުންގެ އަދަދު ވަނީ 559ށް އަރާފައެވެ. އަދި 2800 އަށްވުރެ ގިނަ މީހުން މިހާތަނަށް ވަނީ ރަނގަޅުވެފައެވެ.