ކ. މާލެ
|
31 މާރޗް 2017 | ހުކުރު 16:40
އެންޓޯނިއޯ ގުޓަރޭސް
އެންޓޯނިއޯ ގުޓަރޭސް
ގޫގުލް
މޫސަލް
މޫސަލްގެ ރައްޔިތުންނަށް ރައްކާތެރިކަން ދިނުމަކީ އެންމެ މުހިންމު ކަންތައް: އެންޓޯނިއޯ ގުޓަރޭސް
200،000 މީހުން ރައްކާތެރި ހިސާބުތަކަށް ވަނީ ގޮސްފައި

އިރާގުގެ މޫސަލްގެ ރައްޔިތުންނަށް ރައްކާތެރިކަން ދިނުމަކީ "އެންމެ މުހިންމު ކަން ދޭންޖެހޭ" ކަން ކަމަށް އދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ބުރާސްފަތި ދުވަހު އިރާގަށް ވަޑައިގެން ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު އިރާގަށް ވަޑައިގެން ގުޓަރޭސް މިހެން ވިދާޅުވިއިރު، އިރާގު ސިފައިންނާއި ގުޅިފައިވާ ކޯލިޝަނުން އިސްލާމިކް ސްޓޭޭޓް (އައިއެސް) އަތުން މޫސަލް މިނިވަން ކުރުމަށް ހިންގާ ހާއްސަ އޮޕަރޭޝަނެއް، މިދިޔަ ފެބްރުއަރީ މަހު ފެށިފަހުން ހަމައެކަނި ހުޅަނގު މޫސަލް އިން ވެސް ވަނީ 200،000 މީހުން ރައްކާތެރި ހިސާބުތަކަށް ގޮސްފައެެވެ.

އިރާގަށް ވަޑައިގެންނިވަތާ އިރުކޮޅަށް ތެރޭ ގުޓަރޭސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިރާގުގައި ހިނގާ އިންސާނިއްޔަތާ ހިލާފު އަމަލުތަކަށް ފޯކަސް ކުރެއްވުމަށް އިރާގަށް ވަޑައިގެންފި ކަމަށާ، މޫސަލްގެ ރައްޔިތުންނަށް ރައްކާތެރިކަން ދިނުމަކީ "އެންމެ މުހިންމު ކަން ދޭންޖެހޭ" ކަން ކަމަށެވެ.

އިރާގުގެ ވެރިރަށް ބަގްދާދަށް ވަޑައިގެން ގުޓަރޭސް ވަނީ އިރާގުގެ ރައީސް ފުއާދް މަސުމް އާއި ގާނޫނު ހަދާ މަޖިލީހުގެ ރައީސް ސާލިމް އަލް-ޖަބަރީ އާއި ފޮރިން މިނިސްޓަރު އަލް-ޖާފަރީ އާ ބައްދަލު ކުރައްވާފައެވެ.

މޫސަލްގައި މިނިވަން ކުރުމަށް ބޮޑެތި މަސައްކަތްތަކެއް ގުޅިފައިވާ ކޯލިޝަން އިން ކުރަމުންދާއިރު، މޫސަލްގައި އައިއެސް ކޮންޓްރޯލް އޮންނަ ސަރަހައްދުތަކުގައި އަދިވެސް ބައި މިލިޔަން އާންމުން އުޅެމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މޫސަލް މިނިވަން ކުރުމަށް ހިންގާ އޮޕަރޭޝަންގައި ގުޅިފައިވާ ކޯލިޝަނުން ކާމިޔާބީތަކެއް ހޯދަމުންދާއިރު އިރާގުގެ މޫސަލްގައި ހުރި އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ލީޑަރު އަބޫ ބަކުރު އަލް ބަޣްދާދީ މޫސަލް އިން "ފިލައިފައިވާ" ކަމަށް އެމެރިކާގެ އޮފިޝަލުން ދާދިފަހުން ވަނީ ބުނެފައެެވެ. އެމެރިކާގެ ޑިފެންސް އޮފިޝަލުންނާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނެފައިވަނީ ބަޣްދާދީ "ފިލާފައިވާ" ކަމަށް ބެެލެވެނީ އޭނާގެ ބާރުތައް މޫސަލްގައި ތިބޭ އައިއެސް ކޮމާންޑަރުންނާ ހަވާލުކޮށްފައި ކަމަށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް