މި އަހަރު ބާ އިމްތިހާނު ބޭއްވުމުގެ މަސައްކަތް ކުރިން ރޭވިފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ދިވެހިރާއްޖޭގެ ބާ ކައުންސިލުން ބުނެފިއެވެ.
މިހިނގާ އެޕްރީލް މަހުގެ 14 ގައި ބޭއްވި ބާކައުންސިލްގެ އެގްޒެކްޓިވް ކޮމިޓީގެ 36 ވަނަ ބައްދަލުވުމުގައި ވަނީ ހަތަރު ކަމެއް ނިންމާފައެވެ.
އެގޮތުން މި ބައްދަލުވުމުގައި ނިންމާފައިވަނީ ކޮވިޑްގެ ސަބަބުން ބާ އިމްތިހާނުގެ މަސައްކަތް ކުރިން ތަޞައްވަރު ކުރި ގޮތާއި ޚިލާފަށް ގޮސްދާނެ ކަމަށް ލަފާކުރެވުނު ނަމަވެސް ބާ އިމްތިހާނުގެ މައްސަލައިގައި މިހިނދުން މިހިނދަށް ނިންމުމެއް ނިންމަންޖެހޭ ޙާލަތެއް އަދި މެދުވެރި ނުވާކަމަށާއި އެހެންކަމުން 2020 ވަނަ އަހަރު ބާ އިމްތިހާނުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ކުރިން ރޭވިފައިވާ ގޮތަށް އެ މަސައްކަތް ކުރިއަށް ގެންދިއުމަށެވެ.
މީގެ އިތުރުން ދިވެހިރާއްޖޭގައި ޤާނޫނީ ދާއިރާގައި މަތީ ތަޢުލީމުދޭ މަރުކަޒުތަކުގައި ހިންގާ ޤާނޫނީ އެންމެހާ ކޯސްތަކާއި ޕްރޮގުރާމުތަކުން ޢަމަލުކުރުމަށް ބާ ކައުންސިލުން ފާސްކޮށްފައިވާ މިނިމަމް ސްޓޭންޑަޑާއި ގުޅިގެން، މި މަސައްކަތް ބާ ކައުންސިލަށް ކޮށްދެއްވާފައިވާ އިންޓަނޭޝަނަލް އެކްސްޕާރޓް ޕްރޮފެސަރ ޖޫލިއަން ވެބާ ހުށަހަޅުއްވާފައިވާ ރެކޮމެންޑޭޝަންތައް ތަންފީޒު ކުރުމަށް ބޭނުންވާ ކަންކަން ކަނޑައަޅާނީ ބާކައުންސިލުން ފާސްކުރާ ޤަވާއިދަކުން ކަމުގައި ވަނީ ނިންމާފައެވެ.
އަދި އެމެރިކަން ބާ އެސޯސިއޭޝަންގެ އެހީތެރިކަމާއިއެކު ބާ ކައުންސިލުން އެކުލަވައިލަމުންދާ ސްލޫކީ ކަންކަމާއި ބެހޭ ޤަވާއިދުގެ މަސައްކަތްތައް ފުރިހަމަވުމަށް އަދިވެސް މުއްދަތުތަކެއް ނަގާނެ ކަމަށް އެގްޒެކްޓިވް ކޮމިޓީއަށް ލަފާކުރެވޭތީ، މިހާތަނަށް އެކި ފަރާތްތަކުން ބާ ކައުންސިލަށް ހުށަހަޅާފައިވާ ޤާނޫނީ ވަކީލުންގެ ސުލޫކީ މައްސަލަތައް ބެލެހެއްޓުމަށް ވަކި ޤަވާއިދެއް އެކުލަވައިލާ މި މަސައްކަތް އަވަސްކަމެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށްޓަކައި އިދާރީގޮތުން ވާންޖެހޭ ތައްޔާރީތައް ވުމަށް ވަނީ ނިންމާފައެވެ.
މި ބައްދަލު ވުމުގައި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ލަސްވެގެންދާ މައްސަލައިގައި މިހާތަނަށް އެކި ފަރާތްތަކުން ތަފާތު ޤާނޫނީ ޚިޔާލުފާޅުކުރުންތައް ޢާންމުކޮށްފައިވާތީއާއި މިކަމަކީ ޢަންމު މަޞްލަޙަތާއި ގުޅުންހުރި ކަމަކަށްވާތީ މި މައްސަލައިގައި ބާކައުންސިލްގެ ޕޮޒިޝަނެއް އެކުލަވައިލާ ޢާންމުކުރުމަށް ވެސް ވަނީ ނިންމާފައެވެ.
ވާރޗުއަލް ކޮށް ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި އެގްޒެކްޓިވް ކޮމިޓީގެ 9 މެންބަރުން ބައިވެވެވަޑައިގެންނެވިއެވެ.