އިގިރޭސިވިލާތުގެ ބޮޑުވަޒީރު ބޯރިސް ޖޯންސަން އައިސީޔޫގައި ކޮވިޑް-19 އަށް ފަރުވާ ހޯއްދަވަމުން ގެންދެވިއިރު ހިތްވަރު ދިނުމުގެ ގޮތުން ލޯބިވެރިޔާ ކެރީ ސައިމަންޑްސް ކޮންމެ ދުވަހަކުވެސް އެމަނިކުފާނަށް ސިޓީތަކާއި ދަރިފުޅުގެ ސްކޭން ފޮނުއްވަމުން ގެންދެވިކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ސައިމަންޑްގެ ބަނޑަށް މިވަގުތު ހަތްމަސް ފުރިފައިވާއިރު އެކަމަނާ ކޮންމެ ދުވަހަކުވެސް ގެންދެވީ ދަރިފުޅާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ތަކާއި ދަރިފުޅުގެ ސްކޭންގެ ފޮޓޯ ތައް ބޯރިސް އަށް ފޮނުއްވަމުން ކަމަށް ރިޕޯޓުތައް ބުނެއެވެ. ދަ ސަންގައި ރިޕޯޓުކޮށްފައިވާ ގޮތުން މިދިޔަ އާދިއްތަ ދުވަހު ބޯރިސް ޖޯންސަން އެޑްމިޓް ކުރެއްވިފަހުން އެދެބޭފުޅުން ބައްދަލުވެފައެއް ނުވެއެވެ.
ގާތް މަސްދަރަކާއި ޙަވާލާދީ ރިޕޯޓުކޮށްފައިވަނީ މި ދަނޑިވަޅަކީ ކެރީ އަށް ވަރަށް ހިތްދަތި ދުވަސްތަކެއް ކަމަށެވެ. އަދި އުފަން ނުވާ ދަރިފުޅަށްޓަކައި ހެޔޮޙާލުގައި ހުންނެވުމަށް ސައިމަންޑް ތަކުރާރުކޮށް ބޮރިސްގެ ކިބައިން އެދިވަޑައިގެންފައިވެއެވެ. ސައިމަންޑްސް ވެސް މިހިނގާ އެޕްރީލް މަހުގެ 4 ވަނަ ދުވަހު ސައިމަންޑް ކުރެއްވި ޓްވީޓެއްގައި ކޮވިޑް-19 ޕޮޒިޓިވްވިކަމަށާއި، އަދި އެކަމަނާގެ ޙާލުކޮޅު ރަނގަޅުވަމުން އަންނަކަން ހާމަކުރައްވާފައެވެ.
ސީއެންއެންއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ހުކުރު ދުވަހު ބޯރިސް އައިސީޔޫއިން ދޫކޮށްލި ނަމަވެސް، ބޯރިސް ގެންދަވަނީ ހޮސްޕިޓަލުގައި ކޮވިޑް-19 އަށް ފަރުވާ ހޯއްދަވަމުންނެވެ. އެމަނިކުފާނުގެ ޙާލުކޮޅު އަންނަނީ ރަނގަޅުވަމުންނެވެ.
ބޮރިސް ޖޯންސަން ކޮވިޑް-19 އަށް ޕޮޒިޓިވްވި މާރޗްމަހުގެ 26 ވަނަ ދުވަހުއެވެ. އަދި ޖެހިގެން އައި ދުވަހު އެކަން އަމިއްލަފުޅަށް އިޢުލާނުކުރެއްވުމަށް ފަހު ޑައުނިންގް ސްޓްރީޓްގެ އެޕާޓްމެންޓެއްގައި އަމިއްލަފުޅަށް އެކަހެރިވެވަޑައިގެން ފަރުވާ ހޯއްދަވަން ފެއްޓެވިއެވެ.
އެ މަނިކުފާނު އައިސީޔޫގައި އެޑްމިޓް ކުރެވުނީ ނޭވާލުމުގެ މައްސަލައެއް ކުރިމަތިވުމުންނެވެ. އަދި އައިސީޔޫގައި އޮކްސިޖަން ޓްރީޓްމަންޓެއް ނެންގެވިއެވެ. އެ މަނިކުފާނުގެ ޙާލަތު ގޯސްވަމުން އަންނަކަން ފާހަގަކުރެވިފައިވަނީ، ވައިރަސް ޖެހުނުތާ 10 ދުވަސްވުމުން އާދައިގެ މަތިން ކުރައްވަން ޖެހިވަޑައިގަންނަނާ ޓެސްޓުތަކެއް ކުރައްވަން މިދިޔަ އާދީއްތަ ދުވަހުގެ ވަގުތެއްގައި މެދުތެރޭ ލަންޑަންގައި ހުންނަ ސެއިންޓް ތޯމަސް ހޮސްޕިޓަލަށް ވަޑައިގެންނެވި ހިސާބުންނެވެ.