ކ. މާލެ
|
12 އޭޕްރިލް 2020 | އާދީއްތަ 08:29
މަސްވެރިއެއް.
މަސްވެރިއެއް.
ޔޫސުފް ސޮފްވާން ރަޝީދު
މިފްކޯ- ފަލަސުރުހީ
މަސްވެރިންނަށް ވަގުތުން ފައިސާ ނުދެވޭ މައްސަލައަށް ދެތިން ދުވަސް ތެރޭގައި ހައްލެއް ލިބިގެންދާނެ: މިފްކޯ
އެވްރެޖްކޮށް 300 ޓަނެއްހާ މަސް ލިބޭ: ފައުޒީ
މިހާރު މަހުގެ އަގު އިންޓަރނޭޝަނަލް މާރކެޓުގައި ހުރީ 1550 ޑޮލަރުގައި
މަސްވެރިން ގެންނަ ހުރިހާ މަހެއް މިފްކޯއިން ގަންނާނެ ކަމުގެ ޔަގީންކަން ފައުޒީ ދެއްވި

މަސްވެރިންނަށް ވަގުތުން ފައިސާ ނުދެވޭ މައްސަލައަށް ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި ޙައްލެއް ލިބިގެންދާނެ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެއެވެ.

މަސްވެރިންނަށް ކުރިމަތިވާ ދަތިތައް ޙައްލު ކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގުރާމުގައި ވާހަކަދައްކަވަމުން ފައުޒީ ވިދާޅުވީ އެންމެ ބޮޑު ކަންބޮޑުވުމަކީ މަސްވެރިންނަށް މަސް ކިރުމަށްފަހު ވަގުތުން ފައިސާ ނުދެވޭ މައްސަލަ ކަމަށާއި، އެކަން ޙައްލު ކުރުމަށް ސަރުކާރާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިހާރުވެސް އެވްރެޖްކޮށް 300 ޓަނެއްހާ މަސް ލިބޭކަން ފާހަގަކުރައްވައި ފައުޒީ ވިދާޅުވީ، އެއީ ދުވާލެއްގެ މައްޗަށް 6.5 މިލިއަނެއްހާ ރުފިޔާ ކަމަށެވެ.

އެހެންނަމަވެސް މިހާރު އިންޓަރނޭޝަނަލް މަރކެޓުގައި މަހުގެ އަގު ހުރި ގޮތުން މިފްކޯއަށް ވަގުތުން ފައިސާ ދިނުމުގެ ދަތިތަކެއް އެބަހުރި. އެއީ ގާތްގަނޑަކަށް މިހާރު މަހުގެ އަގު 1550 ޑޮލަރުގައި އިންޓަރނޭޝަނަލް މާރކެޓުގައި. އެހެންނަމަވެސް މިފްކޯއިން މި ގަންނަނީ މަސްވެރިންގެ އަތުން ގާތްގަނޑަކަށް 20 ރުފިޔާއަށް. ފާއިތުވި ހަތް އަހަރު މިދިޔައީ މި އަގު ފިކްސް ކޮށްގެން މިފްކޯއިން މަސްގަންނަތާ. އެހެންވީމަ ކޭޝްފްލޯއަށް ވަރަށް ދަތިވޭ.
މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ

ފައުޒީ ވިދާޅުވީ، މަސްވެރިންނަށް ވަގުތުން ފައިސާ ނުދެވޭ މައްސަލައަށް ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި ޙައްލެއް ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި ބައިނަލްއަޤުވާމީ މަރކެޓުގައި އަގުތައް ހުރިގޮތުން މިފްކޯއަށްވެސް ވަގުތުން ފައިސާ ދިނުމުގައި ދަތިތަކެއް ހުންނަކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުގެ ވިސްނުންހުރީ ގަންނަ މަސް ރާއްޖޭގައި ސްޓޯރ ކުރުމުގެ ހަރުދަނާ ނިޒާމްތަކެއް ޤާއިމު ކުރުން ކަމަށެވެ. މަސްވެރިން ގެންނަ ހުރިހާ މަހެއް މިފްކޯއިން ގަންނާނެ ކަމުގެ ޔަޤީންކަން ފައުޒީ ދެއްވިއެވެ.

ފައުޒީ މިހެން ވިދާޅުވެފައިވާއިރު މިހާރު މުޅި ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާ ވައިރަސްގެ ސަބަބުން ދުނިޔޭގެ އިޤުތިޞާދަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި ދިވެހިރާއްޖޭގެ އިޤުތިޞާދަށް ލޮޅުންއަރަމުންދާ މި ދަނޑިވަޅުގައި މަސްވެރިންނަށް ނުހަނު ބޮޑެތި ގެއްލުންތަކާއި ކުރިމަތިލާން ޖެހުމުގެ ސަބަބުން މަސްވެރިންދަނީ އެކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރަމުންނެވެ.

- ކޮމެންޓް