ކޮވިޑް-19 އާއި ގުޅިގެން މާލޭގެ ޓެކްސީ ސެންޓަރ ތަކުގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުންކޮށްފިއެވެ.
ކައުންސިލުން ބުނީ މާލޭ ސިޓީ ކައުންސިލުން މިހާތަނަށް ކުރި މަސައްކަތުގެ ދަށުން މާލޭ ސިޓީގެ 11 ޓެކްސީ ސެންޓަރެއްގެ މަޢުލޫމާތު އެއްކުރެވިފައިވާ ކަމަށެވެ. އަދި މިތަންތަނުގެ 306 ޓެކްސީއެއްގެ މަޢުލޫމާތު މިހާރު ސިޓީ ކައުންސިލުން އެއްކޮށްފައިވެއެވެ.
މި މަސައްކަތަކީ ކޮވިޑް-19 އާއި ގުޅިގެން ދިމާވެދާނެ އިމަޖެންސީ ޙާލަތަކަށް ތައްޔާރުވުމުގެ ގޮތުން ކުރަމުންގެންދާ މަސައްކަތެކެވެ. މީގެ އިތުރުން ކޮވިޑް-19 އާއި ގުޅިގެން މާލެތެރޭގެ ސާފުތާހިރުކަން އިތުރުކުރުމަށް، ފަޅު ގޭގޭ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ވެސް ކައުންސިލުން ވަނީ ފަށާފައެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ މިދިޔަ ހަފުތާގައި ކުރި މި މަސައްކަތުގެ ދަށުން މާލޭގެ އެކި ދިމާގައި ފަޅުކޮށް ހުރި ތަންތަނުގެ ތެރެއިން ކުނި ޖަމާވެފައިވާ ތަންތަން ބަލައި ލިސްޓުކުރެވިފައިވާ ކަމަށެވެ.
މިހާތަނަށް ކުރެވުނު މަސައްކަތުން އަޅާނުލެވި ދޫކޮށްލުމުގެ ސަބަބުން ކުނި ޖަމާވެ، ސާފުތާހިރުކަން ކުޑަވެފައިވާ 68 ތަނެއް މާލޭގެ އެކި ޞަރަޙައްދުން ފާހަގަކުރެވިފައިވާ ކަމަށާއި، މީގެ ތެރޭގައި ޢިމާރާތްކުރަން ފަށާ މަސައްކަތް ހުއްޓާލައި ގިނަދުވަސްވެފައިވާ ތަންތަން ހިމެނޭ ކަމަށް ކައުންސިލުން ބުނެއެވެ.
މާލޭ ސިޓީ ކައުންސިލުން ދަނީ މިތަންތަނުގެ ވެރިން ދެނެގަތުމުގެ މަސައްކަތްތައް ކުރަމުންނެވެ. އެއަށް ފަހު މިތަންތަނުގައި ޖަމާވެފައިވާ ކުނި ނަގައި ސާފުކުރުމަށް އެފަރާތްތަކަށް އަންގާނެ ކަމަށް ކައުންސިލުން ބުނެއެވެ.