ކ. މާލެ
|
7 އޭޕްރިލް 2020 | އަންގާރަ 01:12
މަބްރޫކް އަޒީޒު- ކޮވިޑް-19 ޓާސްކް ފޯހުގެ ތަރުޖަމާނު
މަބްރޫކް އަޒީޒު- ކޮވިޑް-19 ޓާސްކް ފޯހުގެ ތަރުޖަމާނު
ރައީސް އޮފީސް
ކޮވިޑް-19
ބޭރުގައި ތިބި ދިވެހިން ގެނައުމުގައި އެންމެ އިންސާފުވެރިކޮށް އެކަންކުރެވޭނެ ގޮތެއް އަދިވެސް ބަލަންޖެހޭ: މަބްރޫކް
ލަންކާއިން އަންނަން ބޭނުންވާ ފަރާތްތަކަށް ހުޅުވާލި ފުރުސަތުގައި އެއްހާސް މީހުން އެކަމަށް އެދުނު
ޓިކެޓްތަކުގެ އަގު ކުޑަކުރުމަށް ދަނީ މަސައްކަތްކުރަމުން

ބޭރުގައި ތިބި ދިވެހިން ރާއްޖެ ގެނައުމުގައި މިހާރު ސަރުކާރުން ގެންގުޅެމުންދާ އުޞޫލުތައް އަދިވެސް ބަލާ އެކަން އެންމެ އިންސާފުވެރިކޮށް ކުރެވޭނީ ކިހިނެއްތޯ އަދިވެސް ބަލަންޖެހޭކަމަށް ކޮވިޑް-19 ގެ ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 ޓާސްކް ފޯހުން ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ބޭރު ޤައުމުތަކުގައި ތިބި ދިވެހިން ގެންނަނީ ކޮން އުޞޫލަކުންތޯ ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މަބްރޫކް ވިދާޅުވީ ބޭރު ޤައުމުތަކުގައި ތިބި މީހުންގެ ތެރެއިން 8000 މީހަކު ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެތަނުން އަދި އަންނަން ބޭނުންވާ ޙާލުގައި ޖެހިފައިވާ ފަރާތްތަކަކީ ކޮބައިތޯ ބެލުމުގައި މިހާރު ޢަމަލުކުރަމުންދާ އުޞޫލުގައި ކަންކުރާގޮތް އިތުރަށް ބަލަންޖެހޭކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. މަބްރޫކް ވިދާޅުވީ މީހުން ގެނައުމުގައި އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި ބަލަނީ ކޮންމެ ޤައުމެއްގައިވެސް ތިބި ރައްޔިތުންނަކީ ކޮބައިކަމާއި އެމީހުން ތިބީ ކޮން ޙާލެއްގައިކަމެވެ.

އަދި އެމީހަކު ނުވަތަ ބަޔަކު ތިބި ހިސާބެއްގައި ކަންކަން ދަނީކޮންގޮތަކަށްތޯ ބަލާކަމަށް މަބްރޫކް ވިދާޅުވިއެވެ. ދެވަނަ ކަމަކަށް އެމްބަސީތަކުން ކުރިން އެޤައުމުތަކުން ރަޖިސްޓަރީވެފައި ތިބި މީހުންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވަނީ ކޮންބައެއްތޯ ބަލާފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ. އެގޮތުގެ މަތިން މެލޭޝިޔާ، ސްރީ ލަންކާ އަދި އިންޑިޔާގައިވެސް އެމްބަސީގެ ފަރާތުން އެކަން ބެލިކަމަށް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ ސްރީލަންކާގައި ތިބި ދިވެހިން ރާއްޖެ އައުމަށް ހުޅުވާލި ފުރުޞަތުގައި ހުޅުވާލިތާ މިނެޓެއްގެ ތެރޭގައި 200 މީހުން އަންނަން ބޭނުންވެގެން އެކަމަށް އެދި ނަންނޯޓުކުރިކަން ޑާޓާތަކުން ދައްކާކަމަށެވެ.

5.45 ގައި އިއުލާންކުރީ. 9.45 ގައި އެންގީ އިތުރަށް ދެން ފޮނުވުން ހުއްޓާލުމަށް. އެހާހިސާބަށް ހާހަކަށްވުރެ ގިނަ މީހުން ވަނީ އެދިފައި ފްލައިޓުން ޖާގަ ހޯދުމަށް. އެހެންވީމާ އެ އެއްހާސް މީހުން މިތިބީ ކިހިނެއްތޯ ކަންކުރާނީ. މިކަމުގައި ދެކަމެއް އެބަކުރޭ. މިހާރު މިއޮތީ އެއްހާސް މީހުން މިސާލަކަށް ލަންކާގެ ކޭސްގައި މިހަތަރު ގަޑީރު ތެރޭގައި އެދިފައި. މީގެތެރެއިން ފްލައިޓްގައި އާދެވޭނެގޮތަށް ފްލައިޓުން ޖާގަ ލިބިފައިވަނީ 100 މީހުންނަށް. މިކަން ކުރާގޮތަކީ ތިން ތަނުގައި މިކަމާއި ގުޅިގެން މަސައްކަތް ކުރެވިފައިވާ ގޮތަކީ ލަންކާގެ ކޭސްގައި ލަންކާގެ ފްލައިޓްގައި ދަތުރުކޮށްފައިވާ 30 މީހުންނަކީ ޓީސީ ފުޓްބޯޅަ ޓީމު. 20 މީހުންނަކީ އާސަންދަ އާއި ގުޅިފައި ހުރި މީހުން. ބޭސް ފަރުވާއަށް ގޮސްފައިތިބި މީހުން. 50 މީހުންނަކީ ފަސްޓް ކަމް ފަސްޓް ސަރވް ބޭސިސްގެ މީހުން.
މަބްރޫކް އަޒީޒު / ކޮވިޑް-19 ޓާސްކް ފޯހުގެ ތަރުޖަމާނު

ކޮޗިން އިން އައި ފްލައިޓުގައި 117 މީހުންނަކީ ކުރިން ކެންސަލްވި މޯލްޑިވިއަން ފްލައިޓެއްގެ މީހުން ކަމަށާއި، އޭގެން އިތުރަށް ގެނައި 71 މީހުންނަކީ އެކިގޮތްގޮތަށް ބޭސްފަރުވާއަށް ގޮސް ތިބި މީހުންކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި މެލޭޝިޔާގައި ފްލައިޓުގައި މިވަގުތާ ހަމައަށް މޯލްޑިވިއަންގެ ވިސްނުން ހުރީ އޮންލައިންކޮށް ހުޅުވާލައިގެން ކުރިޔަށްގެންދާ ގޮތަށްކަމަށް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ ބޭރުގައި ތިބި ދިވެހިން ގެނައުމުގައި ކުއްލިއަށް ލިބުނު ފުރުޞަތުގެ ބޭނުންކުރަމުންދާ ކަމަށާއި ކުރިޔަށްދާ ވަރަކަށް ކަންކަން ރަނގަޅުކުރަމުންދާނެ ކަަމަށެވެ. އަދި ފްލައިޓުތަކުގެ ޓިކެޓުތަކުގެ އަގުތައް ކުޑަކުރުމަށް ސަރުކާރުގެ އެކި ވުޒާރާތަކުން މޯލްޑިވިއަންއަށް އެހީތެރިކަން ފޯރުކޮށްދެމުން ދާކަމަށް މަބްރޫކް ވިދާޅުވިއެވެ.

- ކޮމެންޓް